ދުނިޔެ / އަގްސާ ތޫފާން

ހަމަލާ ދިނުން ހުއްޓާލުމާ ބެހޭ މަޝްވަރާތަކުން އިޒްރޭލު ވަކިވެއްޖެ

03 ޑިސެމްބަރ 2023 - 13:16

3 comments

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތައް މެދުކަނޑައިލުމާ ބެހޭ ގޮތުން އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުން އިޒްރޭލު ވަކިވެ، މަޝްވަރާތަކުގައި ބައިވެރިވި އިޒްރޭލުގެ ވަފުދު އަނބުރާ ގެންގޮސްފި އެވެ.

ހަމަލާތައް މެދުކަނޑައިލުމުގެ މަޝްވަރާތައް ކުރިއަށް ދިޔައީ، ގަތަރުގެ ވެރިރަށް ދޯހާގަ އެވެ. މި މަޝްވަރާތަކުގައި މައިގަނޑު މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަނީ ގަތަރުންނެވެ. އެކަމުގައި ގަތަރަށް އެހީތެރިވެދެނީ މިސްރާއި އެމެރިކާ އެވެ. މަޝްވަރާތަކުގައި އިޒްރޭލުން ބައިވެރިވަނީ އެ ގައުމުގެ ޚާރިޖީ ޖާސޫސީ އިދާރާ މޮސާޑްގެ ޓީމެކެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ހަމަލާތައް މެދުކަނޑައިލުމުގެ މަޝްވަރާތަކުގައި ބައިވެރިވާ ޓީމު އަނބުރާ ގެނައީ، އެ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނުނެރެވޭތީ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ހުސްވި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްބަސްވުމާ އެއްގޮތަށް ހަމާސް އިން އަމަލެއް ނުކުރެ އެވެ.

އެ ގޮތުން އެއްބަސްވުމުގައިވާ ގޮތަށް، ރަހީނުންގެ ތެރޭގައި ހިމެނޭ އަންހެނުންތައް މިނިވަން ނުކުރާ ކަމަށް އިޒްރޭލުން ތުހުމަތުކުރެ އެވެ. ނަމަވެސް ހަމާސް އިން ބުނެފައިވާ ގޮތުގައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން ރަހީނުންގެ ތެރެއިން މިނިވަންކުރަން ޖެހެނީ އާންމު ރައްޔިތުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިންނެވެ.

ހަމާސް އިން ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން މިނިވަންކުރަންޖެހޭ ހުރިހާ އަންހެނުންނާއި ކުޑަކުދިން މިހާރު ވަނީ މިނިވަން ކުރެވިފަ އެވެ. އަދި މިހާރު އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރޭގައި ހިމެނޭ އަންހެނުންނަކީ، އިޒްރޭލުގެ ސިފައިންގެ ތެރޭގައި ހިމެނޭ އަންހެނުން ކަމަށް ވެސް ހަމާސް އިން ބުނެ އެވެ.

މަޝްވަރާތަކުން ވަކިވިކަން އިޒްރޭލުން އާންމު ކުރުމާއެކު، ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު އެޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އެއްވެސް ރަހީނަކު މިނިވަންކުރުމާ މެދު މަޝްވަރާ ކުރާނީ، އިޒްރޭލުން ހަނގުރާމަ ހުއްޓައިލުމުން ކަމަށެވެ.

"އިޒްރޭލުގެ ޖަލުތަކުގައި ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުން މިނިވަންކޮށް، ހަނގުރާމަ ހުއްޓައިލުމުން ނޫނީ، އިޒްރޭލުގެ އިތުރު އެއްވެސް ރަހީނަކު މިނިވަން ކުރުމެއް ނެތް. މިހާރު އަހަރެމެންގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންނަކީ، އިޒްރޭލު ސިފައިންނާއި ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރުމަށް ފަހު ރިޒާވް ލަޝްކަރުގައި ރަޖިސްޓްރީވެގެން ތިބި މީހުން،" ހަމާސްގެ ބަޔާނުގައިވެ އެވެ.

އެ ޖަމާއަތުން ބުނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ކަމަށް އިޒްރޭލުން ބުނާ އަންހެނުންނަކީ، އިޒްރޭލު ސިފައިން ކަމަށް ވާތީ، އެއްބަސްވުމުގެ ދަށުން މިނިވަންކުރަން ނުޖެހޭނެ ކަމަށެވެ. އަދި އިޒްރޭލުން މިހާރު މަސައްކަތް ކުރަނީ އެއްބަސްވުމުގެ ޝަރުތުތައް ބަދަލުކުރަން ކަމަށާއި، އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށެވެ.

ހަމާސް އިން ބުނީ އެންމެ ފުރަތަމަ ހަމާސް އިން ހުށަހެޅި ގޮތަށް އިޒްރޭލުން އެއްބަސްވި ނަމަ، މައްސަލަ މިހާރު އޮންނާނީ ނިމިފައި ކަމަށެވެ. އެއީ، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ހުރިހާ އަސީރުން މިނިވަންކުރުމާއި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަން ކުރުމެވެ. ނަމަވެސް އިޒްރޭލުން އެކަމަށް އެއްބަސްނުވެ ގަދަބަދަވިކަން ދައްކައިގެން ކަންކަން ހައްލުކުރަން އުޅެގެން އެއް ކަމެއް ވެސް ހާސިލު ނުވާނެ ކަމަށް ވެސް ހަމާސް އިން ބުނެ އެވެ.

އޮކްޓޫބަރު 7 ގައި ފެށި ހަމަލާތައް މެދުކަނޑައިލުމަށް އިޒްރޭލާއި ހަމާސްއާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒު ކުރަން ފެށީ، ނޮވެމްބަރު 24 ވަނަ ދުވަހު އެވެ. އޭގެ ހަތް ދުވަސް ފަހުން، ޑިސެމްބަރު 1 ވަނަ ދުވަހު އެއްބަސްވުން އެއްފަރާތްކޮށް އިޒްރޭލުން ވަނީ ޣައްޒާ އަށް ހަމަލާ ދޭން ފަށައިފަ އެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ދުވަސްތަކުގައި، ހަމާސް އިން ވަނީ 105 ރަހީނުން މިނިވަންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިޒްރޭލުގެ އާންމުންގެ 81 މީހަކާއި ތައިލޭންޑްގެ 23 މީހަކާއި ފިލިޕީންސް މީހެކެވެ.

އެ މުއްދަތުގައި އިޒްރޭލުން ވަނީ، އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ގައިދީންގެ ތެރެއިން 240 މީހަކު މިނިވަންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ 169 ކުޑަކުދިންނާއި 71 އަންހެނުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ޣައްޒާ އަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ޣައްޒާގެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތި ކޮށްލައިފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 15300 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން 10200 އަށް ވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވުމުގެ ސަބަބުން ނުވަތަ އެ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7500 އަށް ވުރެ މަތިވެފަ އެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

LaamuonlineDOTcom

04 December 2023

ޔަހޫދީންނާ ސުލްހަވެވޭނެކަމަށް ހީކުރުމަކީ މޮޔަކަމެއްކަން އެންމެންވެސްދަނޭ! ދެންކޮން ސުލްހައިގެ އެއްބަސްވުމެއް، އިޒުރޭލުން ރަހީނުން މިނިވަންކުރަނީޔޭ ކިޔާފައި ދޫކޮށްލިމީހުނަށްވުރެން ގިނައިންދަނީ ބަންދުކުރަމުން، އަންހެނުންނާ ކުޑަކުދިންމަރާ އާންމުގެ ގެދޮރަށް ބޮމާ މިސައިލުން ހަމަލާތައްދީ މުޅި ޣައްޒާ ގެ އިންފުރާސްރެކްޗަރ ހަލާކުކޮށްސުންނާފަތި ކުރާއިރުވެސް ސުލްހަހޯދަދޭށޭކިޔާފަ ގައުމުތަކުން ފޮނުއަރުވަނީދޯ! ހަނގުރާމައިންޔަހޫދީންބަލިކުރުންހައްލަކީ!

The name is already taken The name is available. Register?

ހަމާސް

04 December 2023

"ފަލަސްތީނުގެ ހަމާސް ޖަމާއަތް" މިހެން ލިޔުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ މީޑިޔާތަކުގައި ޖަހަން ޖެހޭނީ "ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ހަމާސް ޖަމާއަތް" މިއީ އަހަރެމެންގެ މުސްތަގުބަލުގެ ޖީލަށް މިކަން ވިސްނަ ދިނުމަށް ކުރެވޭނެ މުހިންމު ކަމެއް

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

03 December 2023

ނަތަންޔާހޫ ކަލޭތީ ސުލްހަ ދަންނަ މީހެއްތަ؟؟ އެއީ މިހިރަ ޔާހޫ ، ކަލޭ ނިމިގެންދާނީ ޝެރޯން ނިމިގެނަ ދިޔަވަރަށްވުރު ނިކަމެތި ހާލެއްގަ އޮވެ.އިންޝާﷲ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454