ކެބިނެޓްގެ ބައެއް މިނިސްޓަރުންނާއެކު ރައީސް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޒިންމާދާރުކަމާއެކު މިނިސްޓަރުންނަށް ރުހުން ދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި
05 ޑިސެމްބަރ 2023 - 20:52
ފެނަކައިގެ ބައެއް މުވައްޒަފުން ވަކިކުރާ މައްސަލައިގައި މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވިދާޅުވި ނަމަވެސް، އެއީ މިނިސްޓަރުންނަށް ނުދޭންވީ ވަރުގެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދުވަސްވަރު އެންމެ ބޮޑަށް އަޑިއަޅާލައި އަދި އެންމެ ގިނަ ބަޔަކަށް ކެމްޕެއިނާ ދިމާކޮށް ވަޒީފާ ދިން އެއް ކުންފުނި، ފެނަކައިގެ މުވައްޒަފުންގެ މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ.
އެ މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފެނަކައިގެ މުވައްޒަފުން ވަކިކުރަމުންދާ ނިންމުން ބަދަލުނުކުރާ ނަމަ، ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި މިހާތަނަށް މަޖިލީހުން ގޮތެއް ނުނިންމަ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ނުދެވޭ ވަރުގެ ކަމެއްތޯ އެހެން ގައުމުތަކުގެ މިންގަނޑުތަކުން ވެސް ވިސްނާލަންޖެހޭ ކަމަށެވެ.
"ރުހުން ނުދޭނީ ރުހުން ނުދޭވަރު ކަންތައްތައްވީމަ. ދެން އަޅުގަނޑަށް ޔަގީން ވަރަަށް ޒިންމާދާރުވާނެ ރާއްޖޭގެ ޕޮލިޓިކަލް ޕާޓީސް. ހަމަ ވަރަށް ޒިންމާދާރު އިދިކޮޅެއް ރާއްޖޭގައި އޮންނާނީ. ވަރަށް ގައުމީ މަސްލަހަތު އިސްކޮށް ގައުމައިގެން ކުރިއަށް ދިޔުމުގެ ވިސްނުން މަޖިލީހުގައި ވެސް އޮންނާނީ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ހުރިހާ އެންމެން އެކީގައި ކުރިއަށް ދިޔުމަށް ޑިމޮކްރަސީގެ ރީތި ހަމަ އިސްކުރާނެކަން."
ރައީސް ވިދާޅުވީ ފެނަކަގެ ވަރަށް ގިނަ މުވައްޒަފުންތަކެއް ކޮންޓްރެކްޓް މިދިޔަ މަހުގެ 30 އަށް ހަމަވި ކަމަށާއި އޭގެ ތެރޭގައި އެއްވެސް މަސައްކަތެއް ނެތް ރަށްރަށުގައި ނަގާފައިވާ މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ. ފެނަކައިން ނިންމާފައިވަނީ އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ކަމަށާއި އެކަމަކު، ވީވަރަކުން ވަގުތީ ގޮތުން ނަމަވެސް ކޮންޓްރެކްޓް އާކުރުމަށް މިހާރު ފެނަކައިގެ މެނޭޖްމެންޓަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ މަސައްކަތް އެބަ ކުރިއަށް ގެންދޭ. އެ ބޭފުޅުން ދޫކޮށްލީ އެއްވެސް މަސައްކަތެއް ނެތް ރަށްރަށުގެ މުވައްޒަފުން، ޕްރޮޖެކްޓެއް ވެސް ނެތް ރަށްރަށް. އެއީ ކެމްޕެއިނަށް ނެގި މީހުން ކަމަށް ބެލެވެނީ،" ރައީސް ވިދާޅުވި އެވެ.
ކުންފުންޏަށް މާލީ ގޮތުން އެއްގޮތަކަށް ވެސް ކުޅަދާނަ ނުވަންޏާ އެ މުވައްޒަފުން ދޫކޮށްލަން މަޖުބޫރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ފެނަކައިގައި 7،300 މުވައްޒަފުން އުޅޭއިރު، ހަމައެކަނި ކޮންޓްރެކްޓް ސްޓާފުންގެ އަދަދު ވެސް 2،000 އަށް އަރަ އެވެ. ފެނަކަ އިން މިއަދު ބުނެފައިވަނީ އެ ކުންފުނީގެ ވަޒީފާގެ އޮނިގަނޑުން ބޭރުން ވެސް ބައެއް މުވައްޒަފުން ދާއިމީކޮށް ނަގާފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށެވެ. ހަމައެކަނި ނިންމާފައިވަނީ އެއްވެސް މަސައްކަތެއް ނެތް ރަށްރަށުގެ ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަސައްކަތް
07 December 2023
ސަރުކާރުގެ އެއްވެސް ވުޒާރާއެއްގަ، ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގަ ކުރާނެމަސައްކަތެއްނެތް މީހުން ބައިތިއްބާނެކަމެއްނެތް. އެހެންމިބުނީ އެމީހުންނައް މުސާރަދެނީ ރައްޔިތުންގެ ފައިސާއިންކަމައްވާތީ އަދި ކުރާނެ މަސައްކަތެއްނެތްނަމަ އެމީހުންގެ ފަރާތުން ރައްޔިތުންނައް އެއްވެސް ހިދުމަތެއްނުލިބޭނެތީ.
ނަނަނަ
06 December 2023
ރާއީސް އޮފީސް ތެރެއިން ފެންނަ މަންޒަރުތަކުގަ މިހާރު ހާދަ ހައިބަތެއް ނުފެނެޔޭ.
ޔަމާނީީ
06 December 2023
އެމްޑީޕީ މެންބަރުން ކެބިނެޓަށް ރުހުންނުދޭން މި ދައްކަނީ ކޮން ބަހަނާއެއް. އެއްވެސްކަހަލަ ޒިންމާދާރުކަމެއް ނެތް ބަޔެއް މިއީ.
ފައިސަލް އީސަ
06 December 2023
ފެނަކައިން މުވައްޒަފަކު ނުކަޑައޭ ހެޔޮނުވާނެ، ކޮންޓްރެކްޓުގެ މުއްދަތު ހަމަވީ. މިވަރު މަޖިލިސް މެންބަރުންނަށް ނޭނގެނީ؟
މާރީ
06 December 2023
ގައުމު އިސްކުރައްވާ. އެމްޑީޕީ މެންބަރުންނަކީވެސް ރައްޔިތުންގެ މަންދޫބު. ތަރައްޤީއަށް ލޯބި ކުރައްވާ
މޫނުބަލާ ލޯގަނޑު
06 December 2023
ރައީސް މުއިއްޒެވެ! ސްޓެލްކޯ އަދި ފެނަކައަކީ ވިޔަފާރި ކުންފުނިތަކަށް ވުރެން ބޮޑަށް ރައްޔިތުންނަށް އަސާސީ ޚިދުމަތްދޭ ދެކުންފުންޏެވެ. އަދި މިތަންތަނުންދޭ ޚިދުމަތް ވަކިފެންވަރެއްގައި ހިފެހެއްްޓުމާއި ވަކި އަގެއްގައި ދިނުމަކީ ދައުލަތުން ރައްޔިތުންގެ އަސާސީ ޚިދުމަތްފޯރުކޮށް ދުނުމަށް ކުރަންޖެހޭ މަސައްކަތް ލުއިވެ އަދި އެޚިދުމަތުގެ ފެންވަރާއި ކޮލިޓީއަކީ ސަރުކާރުގެ ކޮލިޓީ ކަމުގައި ބެލާނެކަންކަމެވެ. ވީމައި ތަޖްރިބާ ހުރި މޮޅު މީހަކު ފެނަކައަށް ލައްވާށެވެ.
ކުރާތި
06 December 2023
ޕީޕީއެމް ޕީއެންސީ އަކީ އެމްޑީޕީގެ ސިޔާސީ ދުޝްމަނުން އެމްޑީޕީން ބޭނުންވާ ވަޒީރުން މުއިއްޒު ނުލާހާ ހިނދަކު އެމްޑީޕީން ނުޖެހޭނެއޭ މުއިއްޒު ބުނާ ވަޒީރުންނަށް ރުހުންދޭން އެއީ އެކަން އޮންނަންޖެހޭނެ ގޮތަކީ މިކަން އެމްޑީޕީގެ މަޖްލިސް މެމްބަރުން ހަނދާންކުރާތި
ތޮރީގް
05 December 2023
އެމްޑީޕީ އިން ހިންގި ކޮރަޕްޝަން ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ... އެމްޑީޕީ ސަރުކާރުން ފެނަކަ އަށް އެތަށް ބައިވަރު ވަގުތީ މުވައްޒަފުން ވައްދާ މަކަރު ހެދީ.... ވަގުތީ މުވައްޒަފުންނަކީ މުއްދަތު ހަމަ ވުމުން ކަޑާލާނެ ބައެއް... އެއީ ކޮންމެ ވެރިކަމެއްގަ އެކަން ކުރާ ގޮތް... ވަޒީފާގެ އެއްބަސްވުމުގަ އޮންނަަނީ އެހެން... ރައްޔިތުންނަށް އޮޅުވާލަން މަޖުލީހުގަ ކޮންމެ ވާހަކަ އެއް ދެއްކިޔަސް ރައްޔިތުންނަށް ހަގީގަތް އިންގޭ.. މަކަރާ ހީލަތް ހަދާފަ އެމްޑީޕީން ދިޔައީ
އުދުހޭ
05 December 2023
އެމްޑީޕީން ހިންގި ޖަރީމާ އަދިވެސް ދިފާއުކޮށް އެޖަރީމާއިން ރާއްޖޭގެ އިގްތިސޯދު ސަލާމަތްކުރިއަނުދޭން އެމްޑީޕީ މިއުޅެނީ. މީ ގައުމުގެ ހަލާކު.
އޮޅުންސުވާލި
05 December 2023
މިރަށުގައި ކުރިން 3 މީހުންއުޅުނު އިންޖީނުގޭގަ މިހާރު 18 މީހުންއުޅޭ. މިދިޔަމަހުވެސް ދަންވަރު މުޅިރަށުން ކަރަންޓް ކެނޑިގެން ގޮސްއެހީމަބުނީ ހަނދާނެތި ތެޔޮނާޅަހުއްޓާ ތެޔޮހުސްވެގެން ނިވުނީޔޯ. އަނެއްކާވީ ތެޔޮއަޅަން މީހަކާ ހަނދާންކޮށްދޭން މީހަކާ ތެޔޮހުސްވޭތޯ ބަލަން މީހަކު ވައްދަން. 18 މީހުންވެސްމަދޭ މިކިޔަނީ 1200 މީހުންގެއާބާދީގެ މިކުޑަރަށަށް.