ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމާފައިވާތީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ފެބުރުއަރީ 5 ވާ ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ މީގެ ކުރިން ވެސް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ ކަމަށެވެ.
ކޮންމެ އަހަރެއްގެ މަޖިލިސް ޖަލްސާ ފަށާ ދުވަހަކީ ރައީސްގެ ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ.
މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވަވާއިރު މިއީ ރައީސް މުއިއްޒުގެ ތިން ވަނަ ރިޔާސީ ބަޔާނެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހުގައި އިއްވަން ވާނެ އެވެ.
އަންނަ މަހުގެ ފުރަތަމަ ހަފުތާގައި މަޖިލީސް ރަސްމީކޮށް ހުޅުވަން ނިންމިޔަސް އޭގެ ކުރިން ދައުރުން ބޭރުގެ ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށް ބެލެވެ އެވެ.
މިހާރު ޗުއްޓީގައި އޮތް މަޖިލީހުގެ ދެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވާފައިވާއިރު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ވަނީ ހުށަހަޅައިފަ އެވެ. އެ އިސްލާހުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.
އިސްލާހުގެ ބިލުގެ ކޮމިޓީ މަރުހަލާ ނިމުމާ އެކު، ދައުރުން ބޭރު ޖަލްސާއެއް ބާއްވާނެ ކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހާމަކުރައްވައިފަ އެވެ.