މަސްވެރިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެއް ތަނަކުން ލިބޭ މަސް ބަނދަރުތަކާއި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމަށް ހާއްސަ މެރީނާތައް ގާއިމްކުރާނެ އުސޫލުތައް ހިމަނަން މަސްވެރިކަމާ ބެހޭ ގާނޫނަށް ގެންނަ ބަދަލުތަކުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި އެ ބިލު ތަސްދީގުކުރެއްވީ އެ ބިލާއި، މިފަހުން ފާސްކުރި އެހެން ހަ ބިލެއް ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިއަދު ތަސްދީގުކުރެއްވި ބިލުތަކުން ހާސިލުކުރަން ސަރުކާރުން ބޭނުންވާ މަގުސަދުތައް ތަފްސީލުކުރައްވަމުން ރައީސް ވިދާޅުވީ ސްޕޯޓްސް ފިޝިން ބަނދަރުތައް ގާއިމްކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެކަން ހާސިލުނުވެ އޮތީ ގާނޫނު އޮތް ގޮތުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ބަނދަރުތައް ތަރައްގީކުރަން މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ހުރި ކަމެއް. އަަޅުގަނޑުމެން އެކަމަށް އެކި ތަންތަން ކަނޑަވެސް އަަޅާފައި ހުރި ކަމެއް. އެހެން ނަމަވެސް ގާނޫނުން އެކަމަށް ފުރުސަތު ނުލިބޭތީ ކުރިއަށް ނުގެންދެވިފައި، ވައުދު ނުފުއްދިފައި އޮތް ކަމެއް އެ ކަމަކީ [ސްޕޯޓްސް ފިޝިން ބަނދަރުތައް ހެދުމަކީ]،" ރައީސް ވިދާޅުވި އެވެ.
އާއްމު މަސްވެރިކަމަށް ތަރައްގީކުރާ މަސްބަނދަރުތަކާއި ސްޕޯޓްސް ފިޝިން މެރީނާތައް ތަރައްގީކުރަން ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ދެވޭ ގޮތަށް މަަސްވެރިކަމާ ބެހޭ ގާނޫނަށް ބަދަލުތައް ގެންނަން ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަހުމަދު އަލްސަން މުހައްމަދު ހުށަހެޅުއްވި އެ ބިލު ރައްުޔިތުންގެ މަޖިލީހުން ފާސްކުރީ އެކަަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓުދެއްވައިގެންނެވެ.
އެ ބިލު ފާސްކުރަން ފެނިވަޑައިނުަގަންނަވާ ކަމަށް ވޯޓުދެއްވީ ތިން މެންބަރެކެވެ.
މަސްވެރިކަމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ފަހަތަަށް އިތުރުކުރަން އެ ބިލުގައި ހުށަހަޅާފައިވާ 30-1 ވަނަ މާއްދާގެ (ހ) ގައި އޮތީ އެފަދަ ބަނދަރުތައް ތަރައްގީ ކުރަން ހުއްދަ ދިނުމެވެ. އެ މާއްދާގެ (ށ)ގައިވާ ގޮތުން މަސްވެރި ބަނދަރުގެ ގޮތުގައި ތަރައްގީ ކުރަން ހުއްދަ ދޭނީ މެރީނާ، ވޯފް ޕިއާ އަދި ލޭންޑިން ސްޓޭޝަން ފަދަ ތަންތަނެވެ.
ސްޕޯޓްސް ފިޝިން މެރީނާތައް ގާުއިމްކުރުން
މަސްވެރިކަމުގެ ގާނޫނަށް ގެންނަ ބަދަލުގައި މަސް ބަނދަރުތައް ގާއިމްކޮށް ހިންގާނެ އުސޫލުތައް ކަނޑައަޅާފައި ވާއިރު މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަަމަށް ހާއްސަ މެރީނާތައް ހިންގާނެ އުސޫލުތައް ހެދުން ދޫކޮށްލާފައި ވަނީ ކަމާ ބެހޭ މިނިސްޓްރީތަކަށެވެ.
ބިލްގައި އެގޮތަށް އެކަން އޮތް އިރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން މެރީނާތައް އަޅައި ހިންގާނެ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ސްޕޯޓްސް ފިޝިން މެރީނާތައް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އަޅާނެ އިންވެސްޓަރުން ހޯދަން އިކޮނޮމިކް މިނިސްޓްރީން ޝާއިއުކޮށްފައިވާ ކަރުދާހެއްގައި ވާ ގޮތުން އެކަމަށް މިހާރު ވެއް ވަނީ ތިން ފަޅެއް ކަނޑައަޅައިފަ އެވެ.
އެއީ ކ. ބޮޗުފަޅާއި ވ. މާދިއްގަރު ފަޅާއި ގދ. ބަލޮމަތިދޫ ފަޅެވެ.
އިކޮނޮމިކް މިނިސްޓްރީގެ ކަރުދާހުގައިވާ ގޮތުން ސްޕޯޓްސް ފިޝިން މެރީނާއެއްގައި ގާއިމްކުރަން ޖެހެނީ މައިގަނޑު ދެ ދާއިރާއެއްގެ ވަސީލަތްތަކެވެ. އެއީ ބަނދަރުގައި ހުންނަން ޖެހޭނެ ވަސީލަތްތަކާއި އެއްގަމުގައި ހުންނަން ޖެހޭނެ ވަސީލަތްތަކެވެ.
ބަނދަރުގައި ހުންނަން ޖެހޭނެ ވަސީލަތްތަކަކީ:
- ސަފާރީތަކާއި މަސްއުޅަނދުތައް އަޅާނެ ރަނގަޅު ފެންވަރުގެ ސަރަހައްދެއް
- އުޅަނދު ފަހަރަށް ތެލާއި ފެން ފޯރުކޮށްދޭނެ ސްޓޭޝަންތައް
- ބާނާ މަހަށް ކުރަން ޖެހޭ މަސައްކަތަތްތައް ކޮށް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖެއް
އެއްގަމުގައި ހުންނަން ޖެހޭނެ ވަސީލަތްތައް:
- އުޅނަދުތަކަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ކުރާނެ ތަނެއް
- އުޅަނދުތަކަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރައެއް
- މާކެޓްކުރާ މީހުންނާއި ޓުއައޮޕަރޭޓަރުން މަސައްކަތްކުރާނެ ތަނެއް
- ޒިޔާރަތްކުރާ މީހުންނަށާއި މަޑުކުރާ މީހުންނަށް ހިދުމަތްދޭނެ ރެސްޓޯރެންޓް ކެފޭ ތަކާއި ރީޓެއިލް ފިހާރަތައް
- މަސްވެރިކަމަށް އަންނަ މީހުން މަޑުކުރާނެ ލޮޖް ސްޓައިލް އެކޮމޮޑޭޝަން
މި ވަސީލަތްތަކާ އެކު ސްޕޯޓްސް ފިޝިން މެރީނާތައް ގާއިމްކުރަން އިންވެސްޓްކުރާ ކުންފުނިތަކަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ދޭނެ ކަމަށް ވެސް ކަރުދާހުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެ އެވެ.
އެެ މަސައްކަތަށް އެއްގަމާއި މޫދުން ދިގު މުއްދަތަށް ދޫކުރާ ސަރަހައްދުން އެކުއިޒިޝަން ފީ ނުނެގުން އޭގެ ތެރޭގައި ހިމެނެ އެވެ. މެރީނާ އަޅަން ގެންނަ ތަކެއްޗަށް ޑިއުޓީ ނުނެގުމާއި ކުލި ދައްކަން ނުޖެހޭ ގޮތަށް ތިން އަހަރު ދިނުމަކީ ވެސް ދޭނެ ލުޔެކެވެ.
އެ ކަރުދާހުގައިވާ ގޮތުން ސްޕޯޓްސް ފިޝިން މެރީނާތައް ހިންގުމުގެ ފުރުސަތު، 100 ޕަސެންޓް ބޭރުގެ ވިޔަފާރިތަކަށް ވެސް އޮންނާނެ އެވެ.
އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު މަސްވެރިކަމާ ބެހޭ ގާނޫނަށް ގެންަނަން ހުށަހަޅާފައި އޮތް އިސްލާހު ވެސް ވަރަށް އަވަހަށް ފާސްކުރާނެ ކަމަށް އެ ބިލުގެ އިބްތިދާއީ ބަހުސްގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވި އެވެ.
މަސް ބަނދަރުތައް ރަނގަޅު ފެންވަރުގައި ހިންގުމަކީ އެހެން ބައެއް ގައުމުތަކުގައި ވެސް ކާމިޔާބުކަމާ އެކު ކުރަމުން އަންނަ މަސައްކަތެކެވެ.