އައްޑޫ ލިންކް ރޯޑު: އައްޑޫގައި ގެއަކަށް ވަދެ ވަޅި ހެރި މައްސަލާގައި ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
06 ޑިސެމްބަރ 2023 - 10:34
މިދިޔަ އާދިއްތަ ދުވަހު ސ. ހިތަދޫގެ ގެއަކަށް ވަދެ، މީހެއްގެ ގަޔަށް ވަޅި ހެރި މައްސަލާގައި ހަތަރު މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ އުމުރުން 18 އަހަރާއި 20 އަހަރާއި 21 އަހަރާއި އަދި 23 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.
ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި 20 އަހަރުގެ ޒުވާން ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ހިތަދޫގައި ބޮޑު މާރާމާރިއެއް ހިންގާ 30 އަހަރުގެ ދިވެހި ފިރިހެނަކު ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ. އެ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެތަނުން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މުއްދަތު ވެސް ދީފަ އެވެ.
މާލޭގައި ވެސް މި ދުވަސްވަރު އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. މާލޭގައި ހިންގި މާރާމާރީތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ. ނަމަވެސް، ތިން ޒުވާނަކު ވަނީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.
މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ދޫކޮށްލަން ޖެހޭނީ ލޮލް
06 December 2023
ކެކެކެ ހައްޔަރު ކުރިއްޔާ ކީއްކުރާނީ ހަމަ ދޫކޮށްލަން ޖެހޭނީ ތީ ފާޅުގަ ގޭންގުތައްހިންގާ ޖަރީމާ ހިންގާމީހުން ސަރުކާރުވެސް ތިމީހުން ދަށުވެ ހަމަ ސައިޒްވާން ޖެހޭނީ މިހާރު ގޭންގުތަށް އެންމެ ބޭނުންވާ ކަންތަށް ކުރަމުން އެދަނީ ސަރުކާރު މަތީ މަގާމުތަކަށް އައިސް ގޭންގުތަށް ބޭނުންވާގޮތަށް ކަންތައްތަޢް ސަރުކާރުތެރެއިން ކުރުން
މިއައު
06 December 2023
ނޭނގޭތީ އަހާލަނީ. މިކަން ޓެރަރިޒަމް އަށް ވޭތޯ؟
ރަދީފްއޮފިޝަލް
06 December 2023
އަހަރެންގެ އުމުރުން ބައިގަރުނުވާން ކައިރިވެއްޖެ. މުސްކުޅިވެ ހަންޓޮވަނީ މިކަހަލަ ވާހަކަތައް ނޫސްތަކުން ފެނި. ނަމަވެސް ގައުމަށް އެއްވެސް ބަދަލެއް ނާދޭ. ރަނގަޅު ، ގައުމުގަ ހުރި މަގުތަކާއި އިމާރާތްތަކަށް ބަދަލުގެނެވިއްޖެ. ގައުމުގަ ރައްޔަތުންގެ އަަދަބު އަޙްލާގް ރަނގަޅުކުރުމަށް އެއްވެސް ކަމެއް ނުކުރެވި ނިމިގެންދާ 24 ގަޑިއިރު އެއީ ގައުމަށް އިޔާދަނުކުރެވޭވަރު ގެއްލުނުން ލިބޭނެކަމެއްކަން ޔަގީން. ވ.ވެދުން