މިިދިޔަ އަހަރު ލީގުގައި ވެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން--. މިހާރު ފޮޓޯ:ނިޝާން އަލީ
10 ފެބުރުއަރީ 2017 - 09:35
އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ޗެރިޓީ ޝީލްޑް ފުޓްބޯޅަ މެޗުގައި ފައިސާ ހަދިޔާ ކުރާނެ އަމިއްލަ ޖަމިއްޔާތައް ނުވަތަ އެންޖީއޯތައް އިތުރުކުރަން އެފްއޭއެމުން ނިންމައިފި އެވެ.
ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ މެޗުގައި މި ފަހަރު ބައްދަލުކުރާނީ މިިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އެފްއޭ ކަޕްގެ ޗެމްޕިއަން ކްލަބް ވެލެންސިއާ އެވެ.
މި ފަހަރުގެ ޗެރިޓީ މެޗުގައި އެފްއޭއެމުން ވަނީ ފަސް ޗެރިޓީ އަކަށް ފައިސާ ހަދިޔާ ކުރަން ނިންމައިފަ އެވެ. އެފްއޭއެމުން ބުނީ ކުރިން މި މެޗުން މޮޅުވާ ޓީމަކަށް ލިބޭ އެއް ލައްކަ ރުފިޔާގެ ތެރެއިން ވަކި ޕަސެންޓެއް މޮޅުވާ ޓީމަކަށް ނެގުމަށް ފަހު ބާކީ ދެނީ އެ ކްލަބަކުން އިހުތިޔާރުކުރާ އެންޖީއޯ އަކަށެވެ. އެކަމަކު މި ފަހަރު މޮޅުވާ ޓީމަކަށް ފައިސާ ނުލިބޭނެ ކަމަށާއި އެ ފައިސާ ލިބޭނީ ފަސް އެންޖީއޯއަކަށް ކަމަށް އެފްއޭއެމުން ބުނެ އެވެ.
މި ފަހަރުގެ މެޗަށް މާޒިޔާ އިން ހުށަހަޅާފައިވާ ދެ އެންޖީއޯ އަކީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އެވެ. އަދި ވެލެންސިއާ އިން ހުށަހަޅާފައިވަނީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ. އެފްއޭއެމުން ހުށަހަޅާފައިވަނީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރްކް) އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ މި ބަދަލު ގެނެވުނީ ވީހާވެސް ގިނަ ބަޔަަށް މި މެޗުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
"މިއީ މި މެޗުން ގިނަ ބަޔަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ގެނައި މުހިއްމު ބަދަލެއް. ބޭނުންވަނީ ގިނަ ބަޔަކަށް މީގެ ފައިދާ ކުރުން. އަދި މެޗުގައި ކުޅޭ ދެ ކްލަބާ ވެސް މަޝްވަރާކުރުމަށް ފަހު ގެނެވުނު ބަދަލެއް މިއީ،" ޖަވާ ވިދާޅުވި އެވެ.
ފާއިތުވި ދެ އަހަރު ޗެރިޓީ ޝީލްޑް އުފުލާލީ މާޒިޔާ އިންނެވެ. އެ ދެ ފަހަރު ވެސް އެ ޓީމު މޮޅުވީ ނިއު ރޭޑިއަންޓާ ވާދަކޮށެވެ. މިއީ ޗެރިޓީ ޝީލްޑް މެޗެއްގައި މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
ޗެރިޓީ ޝީލްޑް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 9 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy