މާޒިޔާގެ ކޯޗު މިލޯ: އޭނާ ބުނީ ލީގު މޯހަން ބަގާން އިން އޭއެފްސީ ކަޕަށް އިހުތިރާމު ނުކުރާކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ޑިސެމްބަރ 2023 - 07:32
އޭއެފްސީ ކަޕްގައި މިއަދު މާޒިޔާއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް، މޯހަން ބަގާންގެ ކޯޗު ހުއާން ފެނާންޑޯގެ ބަދަލުގައި އެ ޓީމުގެ އެސިސްޓެންޓް ކޯޗެއް ފޮނުވުމަކީ އެ ކްލަބުން އޭއެފްސީ ކަޕަށް ކުރާ ބޭއިހުތިރާމެއް ކަމަށް، މާޒިޔާގެ ކޯޗު މިލޯމިރް ސެސިލިއާ (މިލޯ) ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މާޒިޔާ އާއި މޯހަން ބަގާން މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭނެ އެވެ. އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ މޯހަން ބަގާން އިން އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ބާކީކޮށް، ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ރާއްޖެ އަށް ފޮނުވީ އެ ޓީމުގެ އެސިސްޓެންޓް ކޯޗެއް ކަމަށްވާ ކްލިފޯޑް މިރަންޑާ އެވެ.
މާޒިޔާ އާއި މޯހަން ބަގާން ވެސް އޮތީ މުބާރާތުން ކަޓައިފަ އެވެ.
މިލޯ ބުނީ މުބާރާތުން ކުރިއަށްދާނެ ފުރުސަތެއް ދެން ނެތް ނަމަވެސް ކްލަބުން މުބާރާތަށް އިހުތިރާމު ކުރާކަން ހާމަ ކޮށްދޭން ޖެހޭނެ ކަމަށެވެ.
"އެ މީހުންގެ ކިބައިން މުބާރާތާ މެދު ސީރިއަސްކަމެއް އަހަންނަކަށް ނުފެނުނު. އަހަންނަށް އެއީ ޕްރޮފެޝަނަލް ކަމެއް ނޫން. އެ މީހުން އެ ފޮނުވަނީ (ހެޑް ކޯޗު ނައިސް) އެހެން މީހަކު،" މިލޯ ބުންޏެވެ.
އޭނާ ބުނީ، ކަލްކަތާގައި މޯހަން ބަގާންއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި، ބަގާން މޮޅުވި ލަނޑު ފަހު ވަގުތު ޖެހި އިރު އޮތީ ފައުލުކޮށްފައި ކަމަށެވެ. ރެފްރީގެ ނިންމުން ގޯސްވި ނަމަވެސް އެކަމާ އޭނާ ވެސް އަދި މާޒިޔާގެ ޓީމުގެ އޮފިޝަލަކު ވެސް އަން ޕްރޮފެޝަނަލް އެއްވެސް ގޮތަކަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ.
މުހިންމު ކުޅުންތެރިން ބާކީ ކުރުމަށް ފަހު، ވީ ސްކޮޑް މެޗަށް ފޮނުވުމަކީ އޭއެފްސީ ކަޕަށް ކުރާ ބޭއިހުތިރާމެއްކަން ދޭހަވާ ގޮތަށް މިލޯ ސުވާލު އުފެއްދި އެވެ.
"ކޮންމެ ހާލަތެއް ދިމާވިޔަސް އަހަންނާއި އަހަރެންގެ ކެޕްޓަން [ސަމޫހް އަލީ] މި ހުރީ ޕްރެސް ކޮންފަރެންސަށް އައިސް އެންމެ ކުޑަމިނުން އެ މީހުންނަށް [މޯހަން ބަގާން އަށް] ޕްރޮފެޝަނަލްއަކީ ކޯޗެއްކަން އަހަރެމެންނަށް ބުނެ ދެވިއްޖެ،" އޭނާ ބުންޏެވެ.
"އިންޑިއާ އާއި ރާއްޖޭގެ ރޭންކިންގައި ބޮޑު ފަރަގެއް ހުއްޓަސް އަހަރެމެންގެ މެކްސިމަމް އެންމެ ރަނގަޅަކަށް މި ވަގުތުގައި ވެސް ދޭނަން.
"އެ މީހުން ބޭއިހުތިރާމު އެކުރަނީ މާޒިޔާ އަކަށް ނޫން. ބޭއިހުތިރާމު ކުރަނީ މި މުބާރާތަށް [އޭއެފްސީ ކަޕަށް]."
މިލޯ މި މެޗުގައި ވެސް ވަނީ ރާއްޖޭގައި ރަނގަޅު ލީގެއް ނެތް ކަމަށް އޭނާ އަބަދުވެސް ބުނާ ވާހަކަތައް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ތަކުރާރުކޮށްފަ އެވެ. މި ގުރޫޕްގެ އެއްވަނައިގައި އޮތް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި ދެވަނައިގައި އޮތް އޮޑީޝާ އަދި މޯހަންބަގާން އަށް ވާދަ ކުރަށް ޑޮމެސްޓިކް ވަރުގަދަ ލީގެއް އެ ގައުމުތަކުގައި އޮތުމަކީ ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ލީގު ވަރުގަދަ ނުވުމުން އޭއެފްސީ ކަޕާ ކުރިމަތުިލާއިރު މާޒިޔާ އަށް ބޮޑު ޑިސްއެޑްވާންޓޭޖަކަށް ވާ ކަމަށް މިލޯ ބުންޏެވެ.
މާޒިޔާ އާއި މޯހަންބަގާން ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 3 ޖަހާއިރު އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ބަޝުންދަރާ އާއި އޮޑީޝާ، ބުބަނޭޝްވަރުގައި ވާދަ ކުރާނެ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ބަޝުންދަރާ އަނެއް ބުރަށް ދާނެ އެވެ. އޮޑީޝާ އަށް ދެވޭނީ މޮޅުވެގެންނެވެ..
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞާބޫ
11 December 2023
މެޗް ލައިވް ކޮއް ދައްކާތޯ ؟
ހަހަހަހަހަހަހަހަހަހަހ
11 December 2023
ސުކުރުކޮށްބަލަ އެމީހުން ކުޅެން އައިކަން، މި މެޗަކީ އެމީހުންގެ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދަން ލިބިފައިވާ ނުހަނު ރަގަޅު ފުރުސަތެކެވެ.
ސަފޯޓަރ
11 December 2023
ބަންސާމް ވެސް ދިވެހި ފުޓްބޯޅައަށް އިހުތިރާމް ނުކުރޭ
ސަސި.
11 December 2023
އެ މީހުންގެ ކިބައިން މުބާރާތާ މެދު ސީރިއަސްކަމެއް އަހަންނަކަށް ނުފެނުނު. މާޒިޔާ ސީރިއަސްވީލެއް ބޮޑު ކަމުން ގްރޫޕުގެ އެންމެ ފުލުގަ އޮތީ