12 ޑިސެމްބަރ 2023 - 07:14
އާ ސަރުކާރުގެ ފުރަތަމަ އަހަރަށް މެނިފެސްޓޯގައި ހިމަނާފައި އޮތް އެންމެ ބޮޑު މަޝްރޫއު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ކުއްލި އަކަށް ގެއްލުވައިލީ އެކަން ކުރި ސަބަބެއް ވެސް ސާފުކޮށް ނުދީ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅި އިރު ކ. ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފަ އެވެ. އެ ފައިސާ ހޯދާނެ ގޮތެއް ބަޖެޓުގައި ކަނޑައަޅާފައި ނެތަސް އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަން ހައްލު ކުރުމަށް ޕްލޭން ކޮށްފައިވާ އެންމެ މުހިންމު އެއް މަޝްރޫއެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކަން ވެސް އޮތީ ކަނޑައަޅައި އެކަން އިއުލާން ކޮށްފަ އެވެ.
އެކަމާ ގުޅުވައި ރައްޔިތުންގެ މަޖިލިސް އަދި ބަޖެޓު ދިރާސާ ކޮމިޓީގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އެ މަޝްރޫއު އުނިކުރަން އެމްޑީޕީ މެމްބަރުންގެ ވިސްނުން ހާމަކުރައްވައި، ބަޖެޓު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު "މިހާރު" އަށް ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ މާލެ ސަރަހައްދަށް މުޅިން އާ މަޝްރޫއެއް ފެށުމުގެ ބަދަލުގައި، ކުރީގެ ސަރުކާރުގެ ގެދޮވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުން ބިން ހިއްކައިގެން ބޯހިޔާވަހިކަން ދިނުމުގެ މަޝްރޫއު ނިންމުން ކަމަށެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒު މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: މަޖިލިސް
"އެމްޑީޕީގެ ޕީޖީ ގުރޫޕުގައި އަޅުގަނޑުމެން ވަރަށް ފުޅާކޮށް މަޝްވަރާ ކުރިން، ހާއްސަކޮށް މާލެ މެމްބަރުން ވަރަށް ބޮޑަށް ބޭނުންފުޅުވޭ ގުޅިފަޅާއި ގިރާވަރުފަޅުން ފްލެޓާއި ގޯތި ދިނުމުގެ މަޝްރޫއު ނިންމަން،" ނާޝިޒު ވިދާޅުވި އެވެ.
ފުށިދިއްގަރު މަޝްރޫއު ބަޖެޓުން އުނިކުރި މައިގަނޑު އެއް ސަބަބަކީ އެކަމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތެއް ހިމަނަފައި ނެތުމުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެކަމަކު، އެ މަޝްރޫއަށް ކަނޑައަޅާފައިވާ 400 މިލިއަން ބަޖެޓުން އުނިކުރުމުގެ ބަދަލުގައި، އެހެން ކަންކަމަށް އެ ފައިސާ ބަހައިލުމުން، އެ ސަބަބު ދެކޮޅެއް ނުޖެހެ އެވެ.
ނާޝިޒު ވިދާޅުވި ގޮތުގައި ފުށިދިއްގަރު ހިއްކުމުގެ 400 މިލިއަން ރުފިޔާގެ ތެރެއިން 200 މިލިއަން ރުފިޔާ ކޮމިޓީން ކަނޑައެޅީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅު ނިންމުމަށެވެ. އަދި ބާކީ 200 މިލިއަން ރުފިޔާ އަތޮޅުތެރޭގެ ޕީއެސްއައިޕީއަށް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެފަހުން، މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ އެކަމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަޖިލިސް ނައިބު ރައީސަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އިންތިހާބުވި ވޯޓަށް ނުފޫޒު ފޯރުވަން ބަޖެޓުގައި ބައެއް ކަންކަން ހިމަނާފައިވެ އެވެ. ހަލީމް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު މަޝްރޫއު އުނި ކުރުމަށް ފަހު ކޮންމެ މެންބަރެއްގެ ދާއިރާއަށް ހަތް މިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް ބައެއް ދާއިރާތަކަށް އޭގެ އެތައް ގުނައެއް އިތުރަށް ކަނޑައެޅީ އޭނާ ވިދާޅުވި ގޮތުގައި ވޯޓަށް ނުފޫޒު ފޯރުވާށެވެ.
"މިއީ ދިވެހި ދައުލަތުގެ ބަޖެޓު ހަދާ ގޮތަށް ހަދާފައި އޮތް އެއްޗެއް ނޫން. މިއީ ނައިބު ރައީސްގެ ވޯޓަށް ހަދާފައި އޮތް ބަޖެޓެއް،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ކުރެއްވި ތުހުމަތުގައި ހަގީގަތެއް އޮތަސް ނެތަސް، ސަރުކާރުން އެތައް ކަމަކަށް ބަލައިގެން، ފިނޭންސް މިނިސްޓްރީގައި ތިއްބަވާ މާލީ ތަޖުރިބާކާރުން އެކުލަވާލައި ބަޖެޓާ، މަޖިލީހުން އެކި ގޮތް ގޮތަށް ކުޅުމަކީ އާ ކަމެއް ނޫނެވެ.
ކޮންމެ އަހަރަކު ބަޖެޓު ދިރާސާ ކުރާ އިރު، އެއިރަކު އޮންނަ ސަރުކާރަކަށް ނިސްބަތްވާ މެމްބަރުންގެ ދާއިރާތަކަށް މަޝްރޫއުތައް ބަހާލައި، ބަޖެޓުގެ އަދަދުތަކާ ކުޅޭ، ބަޖެޓު ފާސްވެގެން އަންނަނީ އެތައް ސަތޭކަ މިލިއަން ރުފިޔާއަކުން ބަޖެޓު އިތުރުވެގެންނެވެ.
ބަޖެޓު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ ދަށުން މަޖިލީހުން ބަޖެޓަށް އުނި އިތުރެއް ގެންނަ ނަމަ، މިހާރަށް ވުރެ ޒިންމާދާރު ވާންޖެހެ އެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
އޭނާ ގަބޫލުކުރައްވާ ގޮތުގައި، ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާ ބަޖެޓަށް މަޖިލީހުން ގެންނާން ފެންނަ އުނިއިތުރެއް ގެނެވިދާނެ ކަމަށް ބަޔާންކޮށްފައިވަނީ، ސަރުކާރާއި މަޖިލިސް ގުޅިގެން ދައުލަތުގެ ބަޖެޓު އެކުލަވާލުމަށެވެ.
"ކީއްވެގެންތޯ އެ މާއްދާގައި މަޖިލީހުން ބޭނުންހާ ގޮތަކަށް، އެ ލަފްޒު ހިމަނާފައި ނެތީ؟ އެއީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ސަރުކާރާއި ރައްޔިތުން ތަމްސީލުކުރާ މަޖިލީހުން ގުޅިގެން ބަޖެޓު އެކުލަވާލުމަށް ކަމަށް އަޅުގަނޑަށް މާނަކުރެވެނީ،" އާމިރު ވިދާޅުވި އެވެ.
ފުށިދިއްގަރު މަޝްރޫއު އުނިކުރުން މިސާލެއްގެ ގޮތުގައި ނަންގަވައި، އޭނާ ވިދާޅުވީ އެކަން ވެސް އާ ސަރުކާރަށް އުނދަގޫ ކުރުމުގެ ބަދަލުގައި، މަޝްވަރާކޮށް ވާހަކަ ދައްކައިގެން ވަރަށް ރީތިކޮށް ކުރެވެން އޮތް ކަމަށެވެ.
އެއީ ބަޖެޓުގެ ތެރެއިން މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ މަޝްރޫއުތައް ހިމަނަން ވެސް އޮތް ހަމައެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"މަޖިލީހުގެ މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އެ ދާއިރާގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން. ދޭން އޭގެން މަޝްރޫއެއް ބަޖެޓުގައި ނެތިއްޔާ، އެހެން މަޝްރޫއެއް ފަހަތަށް ޖައްސާލާފައި، ބަޖެޓުގައި ހިމަނަން ފިނޭންސް މިނިސްޓަރާ ވާހަކަ ދައްކައިގެން ވަރަށް ރީތި ކޮށް ކުރެވެން ހުރި ކަންކަން މިއީ،" އާމިރު ވިދާޅުވި އެވެ.
ފުށިދިއްގަރުފަޅު ހިއްކުން ވިޔަސް، ވަކި މަޝްރޫއެއް ބަޖެޓުން އުނިކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމްގެ މާ ބޮޑު ކަންބޮޑުވުމެއް ނެތެވެ.
އޭނާގެ ކަންބޮޑުވުން އޮތީ ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީ ހާސިލުކުރުމާ ދިމާ އިދިކޮޅަށް، މަޖިލީހާ ހަމައިން 49.5 ބިލިއަން ރުފިޔާގެ ބަޖެޓު އިތުރު 300 މިލިއަން ރުފިޔާ އިން ބިޔަވުމެވެ.
"މި ބަޖެޓަކީ ފިސްކަލް ސްޓްރެޓަޖީގެ އެންކާޒްތައް ހާސިލުވާ ގޮތަށް އޮތް ބަޖެޓެއް ނޫން ފުރަތަމަ ވެސް. މިހާރު މަޖިލީހުން އެ ބަޖެޓަށް އަނެއްކާވެސް އިތުރުކުރީމަ އެ އެންކާޒްތައް ހާސިލުކުރަން ދަތިވެގެން މި ދިޔައީ،" ސަރުވަޝް ވިދާޅުވި އެވެ.
ބަޖެޓު ދިރާސާ ކުރި ކޮމިޓީއަށް ސަރުވަޝް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު މަޖިލީހަށް ބަޖެޓު ފޮނުވުމުން، މެމްބަރުންގެ ވިސްނުން ހުންނަނީ މަޝްރޫއުތަކަށް އެކަންޏެވެ. އޭގެ ބަދަލުގައި ބަޖެޓާ މެދު ސްރެޓީޖިކް ލެވެލެއްގައި މަޖިލީހުން ވިސްނަންޖެހޭ ކަމަށް ސަރުވަޝް ވެސް ގަބޫލުކުރައްވަ އެވެ.
މަޖިލީހުގެ މެމްބަރުން ބޭނުންވާ ގޮތަކަށް ބަޖެޓުގައި ޖަހާފައި ހުންނަ މަޝްރޫއުތަކާ ކުޅެވޭނެ މަގު ބަންދުކުރެވޭނެ ހައްލަކީ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުން ކަމަށް ސަރުވަޝްގެ އިތުރުން އާމިރު ވެސް އިއްތިފާގުވެވަޑައިގަންނަވަ އެވެ.
ސަރުވަޝް ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓުގައި އެއްވެސް ސަރުކާރަކުން ހިމަނާ މަޝްރޫއުތަކުން އިގުތިސޯދަށް ނޫނީ މުޖުތަމައުއަށް ވެސް ކުރާނެ ސީދާ ފައިދާއެއް ސާފެއް ނޫނެވެ.
އެކަން ހައްލުވާނީ، ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއްގެ ދަށުން، ސިޔާސަތު ހަދަން ތިބޭ ހުރިހާ ފަރާތްތަކުން އާ މަޝްރޫއުތައް މުރާޖައާކޮށް، އެއްބަސްވެގެން ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމެނިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަށް އާމިރު ވެސް އެއްބަސްވެވަޑައިގަންނަވާ އިރު، އޭނާ ވިދާޅުވީ ކޮންމެ ސަރުކާރަކާ އެކު މަރުކަޒު ކުރުން ނޫނީ ލާމަރުކަޒު ކުރުމުގެ ސިޔާސަތަށް ބަދަލު އައުން ހުއްޓުވެން ޖެހޭ ކަމަށެވެ.
"މިސާލަކަށް މާސްޓާޕްލޭންގައި ކަނޑައަޅަންވީ އަތޮޅުތެރޭގެ ހަތަރު ސަރަހައްދެކޭ ތަރައްގީ ކުރާނީ. އޭރަށް ރައްޔިތުންނަށް ވެސް އެނގޭނެ ދެއްތޯ މީގެ 20 އަހަރު ފަހުން ބޭނުންވަންޏާ އެތަނުން ސަރަހައްދެއްގައި ދިރިއުޅުން ބިނާ ކުރަން،" އޭނާ ވިދާޅުވި އެވެ.
އެ ކަމަކު، ސަރުކާރުތަކުން ހަދާ އެހެން ޕްލޭންތަކާ ހިލާފަށް ގައުމީ ތަރައްގީގެ ޕްލޭން އޮންނަންވާނީ، އާމިރު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންހާ ގޮތަކަށް ނުކުޅެވޭނެ ގޮތަށެވެ.
"އެ މާސްޓާޕްލޭން އޮންނަން ވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ނޫނީ ބަދަލު ނުކުރެވޭ ގޮތަށް،" އާމިރު ވިދާޅުވި އެވެ.
އެއީ ރާއްޖެއަށް ކިތަންމެ ބޭނުން ކަމަކަށް ވިޔަސް، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކޯޅުންތައް ވެސް މައިތިރިނުވެގެން އުޅޭ އިރު، ހުރިހާ ޕާޓީތަކެއް އެއް ގަލަކަށް އަރައިގެން އެ ފަދަ ޕްލޭނެއް އެކުލަވާލުމަކީ ވަރަށް ނާދިރު ކަމެކެވެ.
އެކަމަކު، އަހަރުން އަހަރަށް ބަޖެޓު ދެކޮޅު ނުޖެއްސި، ޑެފިސިޓުގެ ފަރަގު އަންނަ އަހަރު 16 ބިލިއަން ރުފިޔާ ހުރަސްކުރާނެ އިރު، ބަޖެޓަކީ ކުޅޭކުޅޭ އެއްޗަކަށް ހެދުން ހުއްޓުވޭނެ ގޮތެއް އެބަ ހޯދަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަފީޣު
13 December 2023
މި އެމްޑީޕީ މީހުން ހަމަ އަމިއްލަ މަންފާއައް ބަޖެޓާ ކުޅެލީހަމަމި. މީ ހަމަ އަނިޔާވެރިންގެ ގޮތް ހަމަ
ތޫބާ އަލީ
13 December 2023
މަޖިލިސް އިންތިހާބު ކުރިޔަށް އޮއްވާ ބަޖެޓާ ކުޅުން އެއީ އެމްޑީޕީން ހެދި ވަރަށް ބޮޑު މިސްޓޭކެއް
ޖީހާން ސަލީމް
13 December 2023
މުއިއްްޒް ގެ ވެރިކަމަށް ސީދާ ޖެއްސުން ކުރަން ސޯލިހްގެ ސާރުކާރުން މިއުޅެނީ.
ލަތީފާ ހާލިމް
13 December 2023
ތަރައްގީއައް ހުރަސްއަޅާ ޕާޓީއަކައް އަހަރެމެން ވޯޓޭއްނުދޭނަން. އެމްޑިޕީ ފެއިލް ކޮއްލާނަން މިފަހަރު ތިހެން ތިކަން ކުރީމަވެސް.
އުމްރާން
13 December 2023
މޮޅެތި ވާހަކަތައް ދައްކާފަ ބޯހިޔާވަހިކަމުގެ މަޝްރޫއު ހުއްޓުވާލީ، މިއީ ރައްޔިތުންނަށް ކުރި ވަރަށް ބޮޑު ޖެއްސުމެއް. މިކަން މިގޮތަށް ވިޔުން ހުއްޓުންއެބަ ޖެހޭ.
ލުބާނު
13 December 2023
ތި މަޖިލީސް އޮވެގެން ޑރ.މުއިއްޒަށް އެއްވެސް ކަމެއް ނުވާނެ ތިތަނަކުން. ތި އެންމެން ވަގުތުން ވަގުތަށް ބޭރުކުރަންވީ. ޕީއެންސީއަށް މެޖޯރިޓީ ދޭންވީ ތަރައްގީގެންނަން
އިލްހާމް ހައިޝަމް
13 December 2023
ރައްޔިތުން ތިލަފަތަށް ވޯޓް ދޭ އިރުވެސް އިނގޭނެ މީ ރައްޔިތުންނަށް ހެޔޮ އެދޭނެ ބަޔެއް ނޫންކަން. ވައްކަމާ ފަސާދަށް ތާއީދު ކުރާތީ މި މީހުން ހޮވީ ވެސް
ޔާލާ
13 December 2023
ފުށިދިއްގަރުފަޅަށް ހަމަޖެއްސި ފައިސާ މިމީހުންގެ ދާއިރާގެ މަޝްރޫއުތަކަށް ބަހާލީ. ކޮން ކަމަކުތޯ؟ ވޯޓަށް ނުފޫޒުގެ ބޭނުމެއްގައި އެމްޑީޕީއިން ކުރާކަމެއް އެއީ.
ލަމްމާނު
13 December 2023
އާން މިމީހުންނާއި ހެދި ބޮޑު ކަމެއް. ތަރައްގީ ހުއްޓުވާލަން މި މީހުން މަސައްކަތް މި ކުރަނީ.
ޒަހުރީ
13 December 2023
މިކަން މިގޮތަށް މަޖިލީހުން ކުރީމަ ވަރަށް ދެރަ. ތަރައްގީއަށް ހުރަސް އެޅިގެންދާނީ