ރިޕޯޓް

ބޭހުގައި ޒަހަރު، މިފަހަރު ސަލާމަތްވީ ނަސީބަކުން!

ކުޑަކުދިންގެ ސިރަޕެއްގައި ނުރައްކާތެރި ދެ ކެމިކަލެއް ހުރެގެން ދެ ގައުމަކުން 430 އަށްވުރެ ގިނަ ކުދިން މަރުވެފައިވޭ. އެ ވިހަ ހުރި ބޭސްތަކެއް ރާއްޖެއިން ފެނުނަސް، ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓު ނުލިބޭ ކަމަށް އެމްއެފްޑީއޭއިން ބުނޭ.

ފާމަސީއަކަށް މީހަކު ވަންނަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް އަކީ އިންޑަސްޓްރިއަލް ކެމިކަލެކެވެ. އިންސާނުންނަށް ޒަހަރެކެވެ. އެކަމަކު މި ދެ މާއްދާ ފެނުނީ ކުޑަކުދިންނަށް ދޭ ބޭހަކުންނެވެ. މި ދެ ވިހަ ހުރި ބޭސް ބޮއެގެން އިންޑޮނީޝިއާގައި 368 ކުދިން އަދި ގެމްބިއާގައި 70 ކުދިން މަރުވި އެވެ. އެއާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ސަމާލުކަމަށް މިކަން އައިސް، ތަހުގީގުތައް ފެށި އެވެ.

ދެ ގައުމެއްގައި އުފެއްދި ދެ ވައްތަރެއްގެ ސިރަޕްގައި ވެސް ހުރީ، އިންޑަސްޓްރިއަލް މަސައްކަތަށް ބޭނުންކުރާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލެވެ. މިއީ އެއްވެސް މިންވަރަކަށް ބޭނުންކުރަންވާ ވަރަށް ވުރެ ނުރައްކާކަން ބޮޑު ދެ ކެމިކަލެވެ.

ގެމްބިއާ އަދި އިންޑޮނީޝިއާގައި އެތައް ކުދިންނެއް މަރުވުމާ ގުޅިގެން އެކަމުގެ އެލާޓުތައް ޑަބްލިއުއެޗްއޯއިން ދިޔައީ މިދިޔަ އަހަރުން ފެށިގެން ނެރެމުންނެވެ. ނަމަވެސް، ޕާކިސްތާނުގެ ފާމިސްކް ލެބޯޓްރީސްގެ އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ސިރަޕް ދިޔައީ އޭރު ވެސް ރާއްޖޭގައި މާކެޓުގައި ދައުރުވަމުންނެވެ. އެއީ ކެމިކަލްތަކުން ތަޣައްޔަރުވެފައި ހުރި އެއްޗިއްސެވެ.

ހޮޑު މަނާކުރަން ހަމަ އެ ކުންފުނިން އުފައްދާ އެމިޑޮން ސަސްޕެންޝަން ކިޔާ ބޭހުގައި ވެސް ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހުރިކަން ފާހަގަވުމާ އެކު، އެމްއެފްޑީއޭއިން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު، އެ ކުންފުނީގެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފަ އެވެ.

އެކަމަކު އޭރު، ޕާކިސްތާނުގެ ވެރިރަށް، ލަހޫރުގައި ހިންގާ ފެކްޓްރީން އުފައްދާ އެލޯގާ ސިރަޕް ރާއްޖެ އެތެރެކުރާތާ 10 އަހަރުވެއްޖެ އެވެ.

ބޭހުގެ މައްސަލަތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި، އެމްއެފްޑީއޭގެ ޑިރެކްޓަރު އައިޝަތު ޖަލީލާ މިދިޔަ ހޯމަ ދުވަހު ވިދާޅުވީ މިހާރު މައްސަލަ ޖެހިގެން އުޅޭ އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ދިޔާ ބޭހުގެ 3001 ފުޅި 2021 ވަނަ އަހަރު އެތެރެކުރި ކަމަށެވެ. ނަމަވެސް، އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ސިރަޕް ބޭނުންކުރުން މަނާކުރިޔަސް، މި ވަގުތު މާކެޓުން ނެގިފައި ހުރި އަދަދެއް އެމްއެފްޑީއޭއަކަށް ވެސް ސާފެއް ނުވެ އެވެ. ވިކުނު އަދަދެއް ވެސް ނޭނގެ އެވެ.

މީހަކު، ބޭސްތަކެއް ގަންނަނީ: ނުރައްކާތެރި، މަނާ މާއްދާތައް އެކުލެވޭ ބޭސްތައް ރާއްޖޭން ފެނުން މިހާރު ވަނީ އިތުރުވެފައި. -- ފޮޓޯ: މިހާރު

ޖަލީލާ ވިދާޅުވީ ފާމިކްސްގެ އެ ބޭސް 2013 ވަނަ އަހަރު ފުރަތަމަ ރަޖިސްޓްރީކުރީ ވެސް ލިޔެކިޔުންތައް ފޮނުވައިގެން ކަމަށެވެ.

ބޭހުގެ ކޮލިޓީއާ މެދު ކިތައްމެ ޝައްކެއް އުފެދުނަސް އެކަން ޔަގީންކުރެވޭނެ ގާބިލްކަމެއް އެމްއެފްޑީއޭ އަކު ނެތެވެ. ހެދެނީ ވަރަށް މަދު ޓެސްޓުތަކެކެވެ. އެހެންވެ، ކޮންމެ ހާލަތެއްގައި ވެސް ބޭސް ޓެސްޓުކުރާ ނަމަ އެ ފޮނުވަން ޖެހެނީ ރާއްޖެއިން ބޭރަށެވެ.

އެމްއެފްޑީއޭއިން ސަވަޔަލަންސް ޓެސްޓު ހަދަން 2019 ވަނަ އަހަރުން ފެށިގެން އެއްބަސްވުން ހަދާފައި އޮތީ ސިންގަޕޫރުގައި ހުންނަ، ޑަބްލިޔުއެޗްއޯގެ ޕްރީ-ކޮލިފައިޑް ލެބޯޓްރީއަކާ އެކުގަ އެވެ. އެ ލެބުން، ކޮންމެ އަހަރަކު 20،000 ޑޮލަރަށްވާ ވަރަށް ބޭސް ޓެސްޓު ކުރެ އެވެ. އެއީ އަހަރަކަށް ބަލާ ނަމަ 308،400ރ. އެވެ. މި ވީ ފަސް އަހަރުގެ މުއްދަތަށް ބަލާނަމަ 1.5 މިލިއަން ރުފިޔާ އެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި، ވިހަ ބޭހާ ގުޅިގެން ޑަބްލިއުއެޗްއޯ އިން 2021 ވަނަ އަހަރުން ފެށިގެން އަށް އެލާޓެއް ނެރުނެވެ. އެކަމަކު، މި ދެ އަހަރު ފާއިތުވީ ލެބްގެ ރިސޯސްތައް މަދުވުމުން ރާއްޖޭގައި އެ ފަދަ އެއްވެސް ޓެސްޓެއް ނުކުރެވި އެވެ. ނަމަވެސް، ރިސޯސަސް މަދު ގައުމުތަކަށް ވެސް ޓެސްޓު ކުރެވޭނެ މެތަޑެއް ޑަބްލިއުއެޗްއޯއިން މިދިޔަ އޮކްޓޯބަރު 31 ގައި ނެރުމާ އެކު މިދިޔަ މަހުގެ 6 ގައި އެ މެތަޑް ބޭނުންކޮށްގެން ޓެސްޓިން ފަށައި، ނުރައްކާތެރި ދެ ކެމިކަލް ހުރި ކަމަށް ޝައްކުވާ ބޭސް ފުޅިތައް ނެގި އެވެ.

މިއީ ވަރަށް ނުރައްކާތެރި ކެމިކަލެއް

ޑައިއެތިލީން ގްލައިކޯލް އަދި އެތިލީން ގްލައިކޯލަކީ ކުލައެއް އަދި ވަހެއް ނެތް، މީރު ފޮނި ރަހަ ލައްވަން ބޭނުންކުރާ ވިހަ މާއްދާތަކެވެ. މިއީ، ދަވާދާއި ޕްލާސްޓިކް ފަދަ ސިނާއީ އުފެއްދުންތަކުގައި އާންމުކޮށް ބޭނުންކުރާ ވައްތަރެވެ.

ރާއްޖެއިން ފެނުނު ބޭސް ފުޅިތަކުގައި، އެ ނުރައްކާތެރި ކެމިކަލް ހުރިތޯ ޔަގީންކުރަން އެމްއެފްޑީއޭއިން މި ފަހަރު ފޮނުވީ އޮސްޓްރޭލިއާގެ ލެބަކަށެވެ. ނަތީޖާ ލިބުނުއިރު، އެ ފުޅިތަކުގައި 0.27 ޕަސެންޓް އެތިލީން ގްލައިކޯލް އަދި 0.2 ޕަސެންޓު ޑައިއެތިލީން ގްލައިކޯލް ހުރިކަން ކަށަވަރުކުރެވުނު ކަމަށް ޖަލީލާ ވިދާޅުވި އެވެ.

ވިހަ މާއްދާ އެކެލުވޭތީ މަނާކުރި ބޭސް

އިންޑޮނީޝިޔާގައި އެތައް ސަތޭކަ ކުދިންނެއް މަރުވިއިރު، އެ ސިރަޕްތަކުގައި އެ ދެ ކެމިކަލް 25 ޕަސެންޓަށް ހުއްޓެވެ. އެއީ ޒަހަރެއް ބުއިމާ އެއްފަދަ ކަމެކެވެ.

ޖަލީލާ ވިދާޅުވީ ވިހަ ހުރި ބޭސް ބޮއެފި ނަމަ ކުޑަކަމު ނުދެވުމާއި ބަނޑުގައި ރިއްސައި ހޮޑުލެވުމުގެ މައްސަލަ 24 ގަޑިއިރުގެ ތެރޭގައި ކުރިމަތިވާނެ ކަމަށެވެ. ނުރައްކާތެރި ހާލަތަކީ ކިޑްނީ ފެއިލްވެ، މަރުވުމެވެ. ގެމްބިޔާ އަދި އިންޑޮނީޝިއާގައި ކުރިމަތިވީ އެ ހާލަތެވެ.

"އިންޑޮނީޝިއާގައި ކުދިން ނިޔާވިއިރު، ބޭހުގައި 25 ޕަސެންޓް ކެމިކަލް ހުރި. ކެމިކަލްގެ ކޮންސެންޓްރޭޝަން ހައިވާ ވަރަކަށް ޕޮއިޒަނިން އިތުރުވާނެ. މީގައި ނޮން ޓޮކްސިކް ލެވެލް އަކީ 0.1 ޕަސެންޓް. ރާއްޖޭގައި ފެނިފައިވާ ޕަސެންޓް އެހާ ހައި ނުވުމުން ކުއްލިއަކަށް، އަވަހަށް މަރުވުމުގެ ފުރުސަތު ކުޑަ. އެކަމަކު، އެއްވެސް ހާލަތެއްގައި ބޭހެއްގައި ހުންނަން ނުވާނެ ކެމިކަލަކަށް ނުވާތީ އެ ކުންފުނި އެއްކޮށް ރާއްޖެއިން ބޭން ކޮށްފައިވާނީ،" އެ ބޭސް އުފައްދާ ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްއާ ގުޅޭގޮތުން ޖަލީލާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ބޭސްފިހާރާއެއް: ނުރައްކާ ކެމިކަލް ހުރި ބޭސް ވިއްކި ޕާކިސްތާނުގެ ކުންފުނީގެ ފެކްޓަރީ މިހާރު ވަނީ ބަންދުކޮށްފައި.

ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން މިހާތަނަށް ހޯދި މައުލޫމާތުތަކާ ހަވާލަދީ އެމްއެފްޑީއޭ އިން ބުނީ، ވިހަ ބޭސް ބޮއެގެން ރާއްޖެއިން މިހާތަނަށް ކުއްޖަކަށް ގެއްލުމެއް ލިބުނު ކަމަށް މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، އެލޯގާގެ ސިޓްރިޒެން ބޭނުންކުރެވިއްޖެ ނަމަ ޗެކަޕް ހަދައި، ކިޑްނީ މަސައްކަތްކުރާ ގޮތް ބެލުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބައެއް ބޭސްތަކަކީ ހަމައެކަނި ޑޮކްޓަރީ ބޭސް ސިޓީއަށް ފާމަސީތަކުން ދޫކުރާ ބޭސްތަކެވެ. ނަމަވެސް، މައްސަލަ ޖެހުނު އެލޯގާ ސިރަޕަކީ، ބޭސް ސިޓީއަކާ ނުލައި އަމިއްލަ ވެސް ގަނެވޭ ބޭހެކެވެ.

މި ބޭހުގެ ސަބަބުން ދިގު މުއްދަތުގެ އަސަރުކުރާ ކަމަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ދީފައިނުވާ ކަމަށް އެފްޑީއޭ އިން ބުންޏެވެ.

ބޭސް އެތެރެކުރުމުގެ އުސޫލު ހަރުކަށިކޮށްފި

އެކްޓިވް ފާމަސޫޓިކަލް އިންގްރިޑިއެންޓުގެ ޕިއުރިޓީ ރިޕޯޓު އެކަނި ހުށަހަޅައިގެން ވެސް މީގެ ކުރިން އެމްއެފްޑީއޭގައި ބޭސް ރަޖިސްޓްރީކޮށްދެ އެވެ. އެކަމަކު، ރާއްޖެއަށް ނުރައްކާތެރި ކެމިކަލް ހުރި ސިރަޕް އެތެރެވުމާ އެކު، ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން ވެސް އެ ތަނުގެ ގައިޑްލައިން ހަރުކަށި ކުރި އެވެ.

ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ބޭހެއް އެތެރެކުރާއިރު، އެ ކޮންމެ ބޭހަކީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްގެން އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ގެންނަ ތަކެއްޗެވެ. އެކަމަކު، އާ އުސޫލުތަކުގެ ދަށުން، ރާއްޖެއަށް ބޭސް އެތެރެކުރަނީ އެކްޓިވް އިންގްރިޑިއެންޓާއި އެކްސިޕިއެންޓުގެ ޕިއުރިޓީ ޓެސްޓު ވެސް ހުށަހެޅުމުންނެވެ.

ނަމަވެސް، ޑަބްލިއުއެޗްއޯ ޕްރީ-ކޮލިފައިޑް ލެބުތައް ހުންނަ ގައުމުތައް އޭ ކެޓެގަރީއަށް ކަނޑައަޅައި، މަދު ލިޔުންތައް ހުށަހެޅުމުން މިހާރު ވެސް ފާސްކޮށްދެ އެވެ. މިސާލެއްގެ ގޮތުން ޖަލީލާ ނެންގެވީ، ޔޫރަޕިއަން ޔޫނިއަންގައި ރަޖިސްޓްރީ ކޮށްފައިވާ ޕްރޮޑަކްޓެއް ނަމަ ހުރިހާ މައުލޫމާތެއް އީއެމްއީ ވެބްސައިޓުން ބަލައިގެން އެޕްރޫވްކުރުމެވެ. އޭގެ އިތުރުން އެމެރިކާ، އަދި މި ސަރަހައްދުން އިންޑޮނީޝިއާ އަދި މެލޭޝިޔާއިން ވެސް، މަދު ލިޔުންތަކެއް ހުށަހަޅައިގެން ބޭސް ގެނެވެ އެވެ.

ރާއްޖެ އެތެރެކުރި ބޭސްތަކަކުން ނުރައްކާތެރި ކެމިކަލް ފެނުމުން، ކަމާގުޅޭ ފަރާތްތަކާއެކު، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިދިޔަ ހޯމަ ދުވަހު ބައްދަލުކުރަނީ.-- ފޮޓޯ: މަޖިލިސް

ކެޓެގަރީ ބީގައި ހިމެނެނީ އެއަށް ވުރެ ރެގިއުލޭޓްރީ މެކޭނިޒަލް ދަށް ގައުމުތަކެވެ. އެ ގައުމުތަކުން އެތެރެކުރާ ނަމަ ކުންފުނިން ބޭސް އުފެއްދި ފުލް ޑޯޒާއި ފުލް އިވެލުއޭޝަން ހުށަހެޅުމުން ބޭސް ރަޖިސްޓްރީކޮށްދެ އެވެ.

ބޭސް ރަޖިސްޓްރީކޮށްދިނުމުގެ ފަހު ބަސް ބުނަނީ، ހުރިހާ ދާއިރާއެއްގެ ސްޕެޝަލިސްޓުންނާ އެކު އުފައްދާފައިވާ ފާމަސޫޓިކަލް ބޯޑުންނެވެ. އެ ބޯޑުގައި ހިމެނޭ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ކިތަންމެ އާދައިގެ ބޭހަކަށް ހުއްދަ ދިނުމަށް ވެސް، ވަރަށް ހަރުކަށި އުސޫލަކަށް އަމަލުކުރަންޖެހެ އެވެ.

"އެ ބޭސް އުފެއްދި ގައުމުން ދިން ލައިސެންސާއި ޓެސްޓިން ކޮލިޓީ އެސެސްމަންޓާއި ކުންފުނީގެ ޕްރޮފައިލާ އެކު، އެތައް ލިޔެކިޔުމެއް ބަލާނެ. މައްސަލަތައް ހުރެގެން ވަރަށް ގިނަ ބޭހަށް ހުއްދަ ނުދީ، ރިޖެކްޓުކޮށްފައި ވެސް ހުންނާނެ." އެ ޑޮކްޓަރު ވިދާޅުވި އެވެ.

ބޭސް އެތެރެކުރާ ކުންފުނިތަކުން އާއްމުންގެ ކަންބޮޑުވުމަކީ ޔޫރަޕް ހިސާބުތަކުން ފެންވަރު ރަނގަޅު ބޭސް ނުލިބުމެވެ. އެކަމަކު، މާލެ ސަރަހައްދުގައި އެކަނި ވެސް 165 ފާމަސީ އަދި ރަށްރަށުގައި 310 ފާމަސީ މި ވަގުތު ވެސް ހިންގަ އެވެ. ބޭސް އެތެރެކުރަން 73 ކުންފުންޏަކަށް ހުއްދަ ދީފައި ވާއިރު، އެ ތަންތަނަށް ގައިމު ވެސް ދައުލަތުގެ ބަޖެޓުން އަހަރަކު 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރެ އެވެ.

މިފަހަރު ނަސީބު ރަނގަޅުކަމުން ސަލާމަތްވިޔަސް، ބަލަންޖެހޭ ވަރަށް ނުބަލައި ދޫކޮށްލައިފި ނަމަ އޮތީ ބޮޑު ނުރައްކަލެވެ.

27 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 38%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

14 December 2023

ބޭސް އެކަނިތަ؟؟ ރާއްޖޭގެ ފިހާރަތަކުގެ ޝެލްފްތަކުގަ ހުރި ކައްކާތެޔޮ ، ބިސްކޯދު ، ޖޫސް ކަހަލަ ބައެއް އެއްޗެހި އެއީ އުފެއްދީ ކޮންބައެއްކަން ވެސް އެނގެން ނެތް ތަކެތި.އެކިވަރުގެ މިނިސްޓްރީތަކާއި ތަންތަން ހަދާފަ އެބަހުރި.މީހުން ތިބޭ މޭކަޕްކޮށްލައިގެން ގޮސް އެތަންތާ ގޮނޑިތަކުގަ އިށީނދެގެން.ނަމަވެސް ތަނެއް ޗެކްކޮށްލަން ދާނެ މީހަކު ނުހުރޭ. ނާސިރުގެ ވެރިކަމުގަ ގެންގުޅުނު ސްޓްރެޓެޖީ މިކަމުގަ ތަންފީޒުކޮށްލަބަލަ.ގުޑުމެއް އަންނާނެކަން ޔަގީން.ވ.ވެދުން

The name is already taken The name is available. Register?

ކޮރަލް

14 December 2023

ބޭސް ސިޓީ އަކާ ނުލާ ރަޢްޖެ އަދި އެހެން ގައުމުތަކުގަ ވިއްކާ ބްރޭންޑެޑް ޕެނެޑޯލް ފަދަ ބޭސް ތައް ރާއްޖެ އަމިއްލަ ބޭނުމަށް ގެނައީމަ އެބަ ހިފަހައްޓަ އެވެ. ދެން ކާން މިޖެހެނީ ޕާމަސީ އަގު ހެޔޮ ފެންވަރު ދަށް ޕެނަ ޑޯލް އެވެ. މިއީ ވެސް ހައްލެއް ބޭނުންވާ މައްސަލަ އެކެވެ.

The name is already taken The name is available. Register?

ލުތުފީ

14 December 2023

ރާއްޖެއަށް އެތެރެކުރާ ބޭސް ބަލއި ޓެސްޓްކުރެވޭނެ ރަގަޅު ވަސީލަތްތަކެއް ނެތީމަ، ސިންގަފޫރު ފަދަ މިފަދަކަންކަމަށް ކުރިއަރާފައިވާ ގައުމެއްގައި ހުއްދަކޮށްފައިވާ ބޭސް އެކަނި އެތެރެކުރަން ހުއްދަދިނީމަ، ތި ހުރިހާ ކަމެއް ނިމުނީ. ދެން ޖެހެނީ މީހުން ބިނާކޮށް އެފަދަ ޤާބިލުކަން ހޯދަން.

The name is already taken The name is available. Register?

މޮޑެމް

14 December 2023

މީހުން ކިހިނެއް ބިނާ ކުރާނީ! މިއުޅެނީ އެހެން މީހަކަށް ފުރުސަތު ލިބުނަނުދޭން ބަގުޑި ބައްދައިގެން!

The name is already taken The name is available. Register?

އަފްރާސިޔާބު

14 December 2023

ހުންނާނެ. އެކަން ނުބަލަނީ. ދުނިޔޭގެ ފެންވަރުގައި ޓެސްޓް ކުރެވޭނެ ގޮތް ސަރުކާރުގައި ހުންނާނެ. ތިޔަ ޝިޕްމަންޓަކީ ވަގަށް އެތެރެކުރި އެއްޗެއް. ނޫނީ ޗެކްކުރާ މީހާ އިހުމާލުވެފައި އޮންނާނީ.

The name is already taken The name is available. Register?

ޖޫނިޔާ ސައެންސް

14 December 2023

މިކަމާ ސައިންޓިފިކް އޮފިސަރުން ޒިންމާ ނަގާކަށް ނުޖެހޭނެބާ؟

The name is already taken The name is available. Register?

ފަހި

14 December 2023

ވަރަށްދެރަކަމެއް ދެން ބަލަންވީ ބޭސް ބޭނުންނުކޮށް ވޭތޯބަލަން.. ވަރަށް ބަލިގިނަދުވަސްވަރެއްމި

The name is already taken The name is available. Register?

އަހް

14 December 2023

ބޭސް އެކަނިތޯ؟ ކެމިކަލް ޖަހައިގެން 4 ވަރަކަށް ގަޑިއިރު ތެރޭ ދޮންކެޔޮ ދޮންކޮށްފަ އެހެރަ ވިއްކަނީ މުޅި ރާއްޖޭގަ. ކެންސަރާ، ކިޑުނީ ބަލި އާންމު ވާވާހަކަ ދައްކަނީ. މިކަންކަން ބަލާބައެއް ނެތް.

The name is already taken The name is available. Register?

ވަކީލްް

14 December 2023

ބޭހުގެ ވިޔަފާރިއަކީ މިރާއްޖޭގައި ފައިދާބޮޑު ވިޔަފާރިއެކެވެ. އެހެންކަމުން އެދާއިރާއަށް އިތުބާރު ނުކުރެވޭ ފަރާތްތަކަކުން ވަދެ ކަމާގުޅޭ ސަރުކާރުގެ ވެރިންނަށް ބައިއެޅި ހިންގަމުންދާ ޖަރީމާގައި އަނިޔާމިވަނީ ދިވެހިންނަށެވެ.

The name is already taken The name is available. Register?

އަހްމަދ

14 December 2023

ބޭސް ނުގަވާއިދުން އެހެން ބަނދަރުތައް މެދުވެތރިކޮށް އެތެރެ ކުރި މީހުންގެ ލައިސަންސް ބާތިލްކޮށް އެކަމުގަ ބައިވެރިވި މީހުނަށް ހަރުކަށި އަދަބު ދޭންޖެހޭ. އެމީހުންގެ އަމިއްލަ ފައިދާއަށް އެތައްބައެއްގެ ފުރާނަ ނުރައްކަލަށް ހުށައެޅި މީހުން ކަމަކަށް ނުހަދާ ދޫކޮށްގެން ނުވާނެ.

The name is already taken The name is available. Register?

ބޭބެ

14 December 2023

އިންޖެކްޝަން ނުޖަހައި, ބޭސް ނުކައި ހުރެވޭކަށްވެސް ނެތް. ކޮވިޑް ދުވަސްވަރު މަޖުބޫރު ކޮށްގެން އިންޖެކްޝަން ޖެހީ. އޭގެފަހުން މިއުޅެނީ ރޯގާ ނުފިލައިގެން. ހަށިގަނޑުގެ ދިފާޢީބާރު އިންޖެކްޝަން ޖެހީމާ ގެއްލުނީ. މިކަމަށް ޒިންމާވާނެ ފަރާތެއް ނެތް. ވަ ﷲ އަޢުލަމް

The name is already taken The name is available. Register?

މފޑއ

14 December 2023

މިހުރިހާ ކަމެއްވާއިރު އެމްއެފްޑީއޭގެ ކިޔަވައިގެންތިބި ސީނިއަރ ސައިންޓިފިކް އޮފިސަރުން ކޮބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454