އެމެރިކާގެ ރައީސް ބައިޑެން.
13 ޑިސެމްބަރ 2023 - 08:46
އިޒްރޭލަށް ދުނިޔޭގެ ސަޕޯޓް ގެއްލެން ފަށައިފި ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ބައިޑެން އެގޮތަށް ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގެންނަވާ ޑިމޮކްރެޓިކް ޕާޓީއަށް ފަންޑުކުރާ މީހުންނާ އިއްޔެ ވޮޝިންޓަންގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. އެއީ އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފަންޑު ހޯއްދެވުމަށް އޭނާ ބޭއްވެވި އިވެންޓެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ އިވެންޓުގައި ބައިޑެން ވަނީ އިޒްރޭލުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފުރަތަމަ ފަހަރަށް ވާހަކަދައްކަވައިފަ އެވެ.
"އެމީހުންނަށް [އިޒްރޭލަށް] މިހާރު ސަޕޯޓް ގެއްލެން ފަށައިފި،" ބައިޑެން ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ އޭނާ [އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ]، މިހާރު އޮތް ސަރުކާރު ބަދަލުކުރަން ވެއްޖެހެން. މިހާރު އޮތް ސަރުކާރާ ހެދި ބަދަލެއް ގެންނަން އޭނާ އަށް ދަތިވޭ."
އިސްރާއިލްގެ ހަމަލާތަކުގައި މަރާލި ފަލަސްތީނުގެ ކުޑަކުއްޖަކު މީހަކު އުރާލައިގެން.
ބައިޑެން ވިދާޅުވީ އިޒްރޭލުން ގާޒާއަށް ހައްދެއް ނެތް މިންވަރަށް ބޮން އަޅައި، މަރުވާ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވަމުން ދިއުމަކީ ބައިނަލްއަގުވާމީ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާ އަށް އޮތް ސަޕޯޓް ގެއްލެން ފެށި ސަބަބެއް ކަމަށް އޭނާ ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އިޒްރޭލު ސަރުކާރުން އިޒްރޭލާއި ފަލަސްތީނަށް ވެސް ދައުލަތެއް އޮންނަން ދުނިޔެއިން ގަބޫލުކުރާ ސިޔާސަތު ގަބޫލު ނުކުރާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
އެ އިވެންޓުގައި ބައިޑެން މި ވާހަކަތައް ދެއްކެވުމުގެ ކުރިން ނަތަންޔާހޫ ނެރުއްވި ނޫސްބަޔާނެއްގައި ވެސް ވަނީ އިޒްރޭލާއި އެމެރިކާއާ ދެމެދު މި ހަނގުރާމައާ ގުޅިގެން މިހާރު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"އާދެ، ހިޔާލު ތަފާތުވުންތަކެއް އެބައުޅޭ ހަމާސްގެ [ހަނގުރާމައިގެ] ފަހުން ވާނެ ގޮތަކާ މެދު. އެކަމަކު އަހަރެން އުއްމީދުކުރަނީ އެއްބަސްވުމަކަށް އަލުން ދެވޭނެ ކަމަށް،" ނަތަންޔާހޫ ވިދާޅުވި އެވެ.
ހަމާސް ނައްތާލުމަށް ކުރާ މަސައްކަތަށް ދޫނުދެއްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވާ ވިދާޅުވުން އޭނާ ވަނީ އަނެއްކާވެސް ތަކުރާރު ކުރައްވައިފަ އެވެ.
އޮކްޓޯބަރު ހަތެއްގައި ހަމާސް އިން އިސްރާއިލަށް ދިން ހަމަލާތަކުގެ ބަދަލުގައި އިސްރާއިލުގެ އަސްކަރިއްޔާ އިން ދަނީ މެދުކެނޑުމެއް ނެތި ގާޒާ އަށް ބޮން އަޅަމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
14 December 2023
އެމެރިކާގެ މިހާރުގެ ރައީސް އަކީ މުޅިން ހަމަ މީހެއް ކަމަކަށް ނުބެލެވޭ! ދެ ދުވަހު އެކައްޗެއް ނުކިޔާ އޮޅިގެންވެސް. މީނާ ގެންދަންވީ ބަލި މީހުން ބަލަހައްޓާ މަރުކަޒަކަށް. އެވެސް ޝަރަފްވެރިކަމާއެކު ގައުމީ އިއްޒަތުގަ!
ލޮއްލަ
13 December 2023
ނަތަންޔާހޫ ވިދާޅުވި. ބައިޑަން ވިދާޅުވި.. ގާތިލުންނަށް އިއްޒަތް. ފަލަސްތީނުގެ މުޖާހިދުން އާދައިގެ ބަހުރުވަ. ބުނީ، މަރިވީ. އަދުގެ ނޫސްވެރިކަން.
LaamuonlineDOTcom
13 December 2023
އެއްވެސްއިރެއްގައި ދުނިޔޭގެ ސަޕޯޓެއް އިޒުރޭލަކަށްނުލިބޭ، ބައިޑެން ކަހަލަ ބައެއްވެރިން އިޒުރޭލަށް ވާގިވެރިވިޔަސް އެތަންތަނުގެ ރައްޔިތުން އިޒުރޭލާ މުޅިންދެކޮޅު! ބައިޑެން އިޒުރޭލުކޮޅަށްޖެހި ތަޅުނުފާޑުން ބައިޑެންއަށް އޮތް ސަޕޯޓުގެއްލުނީ، އެހެންވީމާ މިހާރު ރާގުބަދަލުކޮށް ކޮންމެވެސް މޮޔައެއްގޮވަނީ!
އައިމިނާ
13 December 2023
ދުނިޔޭގެ ތާއީދު ގެއްލުނު ކަމުގައިވިޔަސް ޔޫގެ ތާއީދު ލިބޭނެއެއްނު.
ބައިޑް ޔާހޫ
13 December 2023
މީހުން މެރުމަށާއި ހޮސްޕިޓާ ، މިސްކިތް ސްކޫލްތައް އަދި އާންމުން ދިރިއުޅޭ ގެތައް ހަލާކު ކުރުމަށް އިޒުރޭލަށް ބޮމާއި ، މިސައިލާއި ، އެހެނިހެން ވެސް ހަތިޔާރާއި ފައިސާ ދެނީ އެމެރިކާއިން . ބައިޑަން. އިޒުރޭލުން ކުރާކަމަކީ އެހަތިޔާރުތައް ފަލަސްތީނާއި އަދިވެސް ކައިރީގައި ތިބި އެހެނިހެން އަރަބިން ބޮލަށް އެޅުން. ދެން މީހުން މަރުވިމަ ބައިޑެން މިބުނަނީ އިޒުލޭލުގެ އަގުވެއްޓެނީއޭ. ތިމަންނަގެ އަގުއަރަނީއޭ. އަދިވެސް ތިމަންނަ އަށް ވޯޓް ދޭށޭ.
ގުއިއްޒު
13 December 2023
ކަލޯ ބައިޑެން. ކަލެއަށްވެސް ރީތި ނަމެއް ލިބޭނީ ތި ޔަހޫދީން ދޫކޮށްލީމަ. ބުނާބަސް އެހިއްޔާ ވާނީ ކީއް؟