ދުނިޔެ / އަގްސާ ތޫފާން

ނަތަންޔާހޫ އަލިފާނަށް އެ އަޅަނީ އިތުރު 50 އަހަރުގެ ދަރު: ބެން ވެލޭސް

18 ޑިސެމްބަރ 2023 - 14:12

3 comments

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ މިހާރު ކުރަމުން ދާ ހަނގުރާމައަކީ، އަނދަމުންދާ އަލިފާންގަނޑު އިތުރު 50 އަހަރަށް އެންދުމަށްޓަކައި ދަރު އެޅުން ކަމަށް، އިނގިރޭސި ވިލާތުގެ ކުރީގެ ދިފާއީ ވަޒީރު ބެން ވެލޭސް ސިފަ ކުރައްވައިފި އެވެ.

އިނގިރޭސި ވިލާތުގެ ދަ ޑެއިލީ ޓެލެގްރާން ދުވަހު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ބެން ވެލޭސް ވިދާޅުވި ގޮތުގައި ހަމާސް ނައްތައިލުމަށް ނަތަންޔާހޫ ބޭނުންކުރަމުންދާ އުކުޅުތަކުގެ ސަބަބުން، ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މުސްލިމް ޒުވާނުންގެ މެދުގައި ހަރުކަށިކަން އިތުރުވަމުން ދާނެ އެވެ. ހަމާސްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައެއް ހުއްޓައިލުމަކީ، ހަމާސް އިން ބޭނުންވުމުން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަން އެހެން އޮތަސް، އެއްވެސް ގޮތެއް ފޮތެއް ބެލުމެއް ނެތި އިޒްރޭލު ސިފައިން ޣައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓައިލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމާސް ނައްތައިލަން މަސައްކަތް ކުރުމަކީ ހުއްދަ ކަމެއް. ނަމަވެސް ޣައްޒާގެ ބޮޑު ސަރަހައްދެއް ސުންނާފަތިކޮށް ނައްތައިލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން. ހަމާސް ކުށްވެރިކުރުމުގައި އަހަރެން ފަހެއް ނުޖެހެން. އެކަމަކު އެމީހުން ފަލަސްތީނުގެ އާންމު ރައްޔިތުން ބޭނުންކުރަމުން އެދަނީ ބޮޑުބަޑި އަށް އަޅާ ބަޑިބޭހުގެ ގޮތުގައި،" ބެން ވެލޭސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމާސްގެ ނުރައްކާތެރިކަން ކިތަންމެ ބޮޑު ނަމަވެސް، ހަމާސްގެ ފިކުރު ނައްތައިލުމުގައި އިޒްރޭލުން ބޭނުންކުރަމުންދާ އުކުޅުތަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭނެ އެވެ. އޭގެ ބަދަލުގައި އެ އުކުޅުތަކުގެ ސަބަބުން ހަމާސްގެ ފިކުރު ދާނީ އިތުރަށް ފެތުރި ފުޅާވަމުން ކަމަށް ބެން ވެލޭސް ވިދާޅުވި އެވެ.

އުތުރު އަޔަލޭންޑްގައި 1980ގެ އަހަރުތަކުގައި އުފެދުނު ވަކިވެގަތުމުގެ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ބެން ވިދާޅުވީ ދައުލަތުގެ ފަރާތުން ކަމާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރަން ފެށުމަކީ، ޓެރަރިސްޓް ހަރަކާތްތައް ފެށިގެން ދާ އެންމެ މުހިންމު ވަސީލަތް ކަމަށެވެ. އަދި މިހާރު ޣައްޒާގައި އިޒްރޭލުން އެ ހިންގަމުންދާ އުދުވާނީ އަމަލުތަކުގެ ސަބަބުން، ޣައްޒާގެ ރައްޔިތުންނަށް އިހްސާސް ކުރެވޭނީ ނާމާންކަމާއި ބިރުވެރިކަން ކަމަށާއި އެ ބިރުވެރިކަން ދުވަހުން ދުވަހަށް ދާނީ އިތުރުވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބެން ވެލޭސް ސިފަ ކުރެއްވި ގޮތުގައި އޮކްޓޫބަރު 7 ގައި ހަމާސް އިން ދިން ކުއްލި ހަމަލާ، ދުރާލައި ނުހުއްޓުވުމަކީ ނަތަންޔާހޫ އަށް މިއަދު ކުރިމަތިވާ އެންމެ ބޮޑު މަލާމާތެވެ. އަދި ތިމާއަކީ މާ ބާރު ގަދަ، މާ ބޮޑު ރައްކާތެރިކަމެއް ކަށަވަރުވެފައިވާ މީހެއް ކަމަށް އަމިއްލަ ނަފްސަށް ގަބޫލުކުރައްވައިގެން ހުންނެވުމަކީ ނަތަންޔާހޫ ހެއްދެވި ގޯހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ނިމި، އިޒްރޭލު ސިފައިން ޣައްޒާ އިން ފައިބައިގެން ދާއިރު، ޣައްޒާގައި ސަލާމަތުން އޮންނަ ތަންކޮޅެއްގައި ހަމާސް ދެމިއޮންނާނެ. ކެނޑިގެން ދާނީ ދެ ދައުލަތުގެ ހައްލަށް ބޭނުންވެފައި ތިބި ފަލަސްތީނުގެ މެދުމިނުގެ އާންމު ރައްޔިތުންގެ އަޑު. އަދި ބައިނަލްއަގުވާމީ މުޖްތަމައުގައި އިޒްރޭލަށް އޮތް ހަމްދަރުދީ ވެސް ގެއްލި، ބައިނަލްއަގުވާމީ މުޖްތަމައުގައި އިޒްރޭލު މިހާރަށް ވުރެ ވެސް އެކަހެރި ވެގެންދާނެ."

ބެން ވެލޭސް ވިދާޅުވި ގޮތުގައި މައްސަލަ އަށް ހައްލެއް ހޯދަން އެދޭ ނަމަ، އިޒްރޭލުން މިހާރު އަމަލުކުރަމުންދާ ގޮތް ބަދަލުކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ، މެދުއިރުމަތީގެ މައްސަލަ އިތުރަށް ގޯސްވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ 73 ވަނަ ދުވަހަށް ފެށިފައިވާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 19000 އަށް އަރައިފަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 51000 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ ތެރެއިންވެސް ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ގެއްލިފައިވާ މީހުންގެ އަދަދު ވެސް 10 ހާހާ ގާތްކުރާނެ ކަމަށް ބެލެވެ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އަދުރޭ.

18 December 2023

އިނގިރޭސިން ދިވެހިންގެ އަތުން ޗާގޯސްގެ ރައްތައް ފޭރިގަތީ ކޮންކަހަލަ އުކުޅެއް ބޭނުންކޮށްގެންތޯ ސާފުކޮށްދީބަލަ. އަދި އާޖެންޓީނާ އަތުން ފޯކުލެންޑު ފޭރިގަތީ ކޮންފަދަ އުކުޅަކުންތޯ. ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވި ބަޔަކުވެސް ސާފުކޮށްދީބަލަ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

18 December 2023

ތިބުނީ ވަރައް ބޮޑު ތެދެއް! އިހައްދުވަހުވެސް ޔޫރަފުގެ ޔުވަސީޓީއެއްގަ ޔަހުދީ ދަރިވަރުނައް ކިއަވަން ނާދެވޭރު ކޮއްފި! އިޒުރޭލު ރައްޔިތުން މަޑުންތިބޭތި މިކަހަލަ ކަންތަކުގަ ފަލަސްތީނައް ތާއިދުކުރާ ފަރާތަކުން ކުރާ މިބާވަތުގެ ކަންތައް ކުއްވެރި ކުރެވޭކައްނެއް! އަމިއްލަ ހައިސިއްތުން މަގޭވެސް އެކަމައް ދާއީދުރަން އިޒުރޭލައް ފުރެސަރު ކުރުމުގެ ގޮތުން

The name is already taken The name is available. Register?

ބުނެލީ ހަމަ

18 December 2023

ބެން ވެލޭސް އެއް ނޫން. ކިޔާނީ ބެން ވޮލަސް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454