ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވަން ރައީސް ޑރ. މުއިއްޒު މިއަދު އެ ފަޅަށް ވަޑައިގަންނަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
18 ޑިސެމްބަރ 2023 - 19:34
ރިޔާސީ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ހައުސިން ލޯނު ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި، ދާދި އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވަން އެ ފަޅުގައި އޮތް ބާޖެއްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ދޫކުރާ އެކި ބާވަތުގެ ލޯނު ތައާރަފުކުރުމަށް ޓަކައި ބޭންކިން ނިޒާމުގެ ތެރެއިން ފަހިކުރަންޖެހޭ ކަންތައްތަކުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
"އެކަންކަން ވެސް ފުރިހަމަކޮށްފައި އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް، އެ ރައްޔިތުންނަށް ބޭނުންވާ އެކި ކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފެށިގެން ދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ދާދި އަވަހަށް އެ ލޯނުތަކަށް އިއުލާނުކުރައްވާނެ ކަން ހާމަކުރައްވައި، ރައީސް ވިދާޅުވި ގޮތުގައި އެ ލޯނުތައް ދޫކުރާނީ ފަސް ޕަސަންޓަށް ވުރެން ކުޑަ އިންޓްރެސްޓު ރޭޓެއްގަ އެވެ.
އަދި ކުރީގެ ސަރުކާރުން ގުޅިފަޅު، ގިރާވަރުފަޅު އަދި ހުޅުމާލޭން ދޫކޮށްފައިވާ ގޯތިތައް އިމާރާތް ކުރުމަށް އެ މަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް ލޯނު ދޫކުރާނީ އެ އިންތިޒާމުގެ ތެރެއިން ކަމަށް ވެސް ހާމަކުރެއްވި އެވެ.
ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު މިއަދު ވަނީ އިފްތިތާހުކޮށްދެއްވާފައި. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުން ލަސްވާތީ ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި ގޮތުގައި އޭރުގެ ސަރުކާރުން ދޭން ބުނި ގޯއްޗާއި ފްލެޓު އެ ލިބުނު މީހުންނަށް މި ސަރުކާރުން ދޭނެ އެވެ.
"ރަސްމީކޮށް ގެޒެޓްކުރެވިފައި އޮތް އެއްވެސް ބޭފުޅެއްގެ އެއްވެސް ހައްގެއް އަޅުގަނޑުމެން އުންޏެއް ނުކުރާނަން. އޭގެ ބަދަލުގައި ވައުދުވީ ގޮތަށް ފުރިހަމަކޮށްދޭނީ،" ބިންވެރިޔާގެ ގޯއްޗާއި ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން ތަކުރާރުކުރައްވައި ރައީސް ވިދާޅުވި އެވެ.
މިއަދު އިފްތިހާހުކުރި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން، ރައީސް ވިދާޅުވި ގޮތުގައި، އެ ފަޅުން 1،153 ހެކްޓަރުގެ ބިން މެދުނުކެނޑި އަށް މަސް ދުވަހުގެ ތެރޭގައި ހިއްކައި ނިމޭނެ އެވެ. އޭރަށް، ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ އެތަނުން ލިބޭނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ފުށިދިއްގަރުފަޅާ އެކު، ގުޅުފަޅުން އިތުރު 85 ހެކްޓަރުގެ ބިމާއި ގިރާވަރުފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކައި، އެ ތަންތަނުން ފްލެޓާއި ގޯތި ލިބޭނެ ގޮތް ހެދުމުން، ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އަތޮޅު ތެރޭގައި އުޅޭ ރައްޔިތުންގެ ތެރެއިން މި ސަރަހައްދުން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ އެވެ.
ރަސްމާލެ ނަމުން ރައީސް މިއަދު ނަން ދެއްވި އެ ސިޓީ ތަރައްގީކޮށް ނިމުމުން މި މަޝްރޫއުއަކީ ޒަމާންތަކެއް ވަންދެން މާލޭގެ ރައްޔިތުން އެދި އެދި ތިބި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ މަސައްކަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޒާ.
19 December 2023
ވަރަށް ރަނގަޅުކަމެއް މީ. އެއްވެސް މީހެއްގެ އަތުގަ ނުހުންނާނެ ގެ އެޅުމުގެ ކެޕޭސިޓީއެއް ލޯނު ނުލިބި
ބޮޓް
19 December 2023
ބޮޓް 1
މަތީންް
19 December 2023
ސާބަހޭ ރައީސް މުއިއްޒު. ރައްޔިތުންނަށް ތިގެނުވަނީ ފާއިތުވި ފަސްއަހަރުވެސް ނުގެނެވޭފަދަ ބޮޑު ކުރިއެރުމެއް.
މިހިރަ ގޮނޑި
19 December 2023
"ކުޑަ އިންޓްރެސްޓެއްގައި" އެ ހަލާލް ކުރެވޭ ކެޕޭސިޓީ ހުރި ބޭފުޅެއް ދެއްތޮ؟
ސުއާދު ސައީދު
19 December 2023
ރައީސް މުއިއްްޒް ނުވާނެ ހުސްވައުދެއް. ނަތީޖާ ނެރެ ދައްކާނެ.
ސައިމަނު
19 December 2023
ގެދޮރުވެރި ކަމާއެއްކޮށް ކުޑަ އިންޓްރެސްޓް ލޯނު ލިބުމަކީ ލިބޭ ހިތްހަމަ ޖެހުމެއް
އިޖްމާން
19 December 2023
ސާބަހޭ ރައީސް މުއިއްްޒް.
ފަލި
18 December 2023
އިންޓަރެސްޓް އަކީ ރިބާ! ކުޑަޔަސް ބޮޑަސް ރިބާ ވާނީ ރިބާ އަައް!
ގެއެއް ނެތޭ
18 December 2023
ބިމެއްއޮތިއްޔާ ލޯން ލިބޭގޮތަށްތޯ؟
ހަސޯ
18 December 2023
މަނިކުފާނު ލޯނުދޫކުރަން ތިއުޅުއްވަނީ ރިބާހިމެނޭގޮތަށްނަމަ މާދަމާ އެއަށް ޖަވާބުދާރީވާންޖެހޭނެކަން ހަދާންކޮށްދެން. ސަލަފުގެ ބޭފުޅުންވެސް މިކަމާވިސްނާ ތިބޭފުޅުންގެންނެވި ސަރުކާރުން މިފަދަކަމެއްކުރަން އުޅޭއިރު ނަސޭހަތްތެރިވުމަށް ވަސިއްޔަަތްކުރަން. ރިބާހިމެނޭނަމަ މަވާސަލާމް. މަށެއް ތިޔަކާކާރިއެއްނުވާނަން.
ރަށުމީހާގެ
18 December 2023
މިހާރު ބޮޑު އިންޓަރެސްޓްގައި ދީފައިހުރި ލޯނުތައްވެސް ކުޑަ އިންޓަރެސްޓަށް ރީސްޓްރަކްޗާ ކޮށްދޭނެކަމަށް އުންމީދުކުރަން.