ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު
20 ޑިސެމްބަރ 2023 - 22:45
މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވުމާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފި އެވެ.
އެކްސްގައި މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް ނުދެނަހުރިން" ކަމަށެވެ. ދެން ލިޔުއްވާފައި އޮތީ "ވަރަށް މާފު!" ކަމަށެވެ.
މައުމޫންގެ އެހެން ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކަކާ އުސޫލުތަކެއްގެ މަތިން ކުރަން އޮންނަ ކަމެކެވެ. އެމައްސަލައާ ބެހޭ ލިޔުމެއް މާދަމާ ޝާއިއުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ޤައުމީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ކަމެއް ނުދެނަހުރިން. ވަރަށް މާފު!
— Maumoon Abdul Gayoom (@maumoonagayoom) December 20, 2023
މައުމޫންގެ ވެރިކަމުގައި އެ މަނިކުފާނު ވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ހަތިޔާރާ އެކު އަރައި އެތައް ދިވެހިންނެއް ޝަހީދުކޮށްލި މީހުންގެ ތެރެއިން މަރުގެ ހުކުމް އައި މީހުންނަށް ވެސް އަދަބު ލުއިކޮށްދެއްވައިފަ އެވެ. އުމުރު ދުވަހުގެ ހުކުމަކީ 25 އަހަރު ކަމަށް ވާތީ، އޭގެ ތެރޭގައި ހިމެނުނު ދިވެހިން މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިމި މިނިވަން ވެފަ އެވެ.
އިހުސާން މިއަދު ވިދާޅުވި ގޮތުގައި މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި އެކަން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި މި ސަރުކާރުން ކުރާނެ އެވެ.
މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީޢަތުގައި ވަކި ހަމަތަކަކާ އުޞޫލު ތަކެއްގެ މަތިން ކުރަން އޮންނަ ކަމެއް. އެމައްސަލައާ ބެހޭ ލިޔުމެއް އިރާދަ ކުރެއްވިއްޔާ މާދަމާ އަޅުގަނޑު ޝާއިޢު ކުރާނަން.
— Maumoon Abdul Gayoom (@maumoonagayoom) December 20, 2023
މީގެ ކުރިން އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް އިއުލާނުކޮށް އެކަމާ ގުޅޭ ގަވައިދުތައް ވެސް ހަދައިފަ އެވެ. އޭރު ނިންމީ ދަންޖައްސައިގެން މެރުމަށެވެ. އެކަމަކު އެ ވެރިކަން ނިމުނީ ވެސް މަރުގެ ހުކުމް ތަންފީޒު ނުކޮށެވެ. އެ ދުވަސްވަރު އދ. އާއި ޔޫރަޕިއަން ޔުނިއަން އާއި އެހެން ބައެއް ޖަމާއަތްތަކުން ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ދެމެހެއްޓުމަށް ގޮވާލައިފަ އެވެ.
ރާއްޖޭގައި މަރުގެ ހުކުމްތައް އިއްވި ނަމަވެސް އެންމެ ފަހުން އެފަދަ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ.
މިހާރުވެސް ސުޕްރީމް ކޯޓުން ވަނީ މަރުގެ ހުކުމް އައިސްފައިވާ ހަތަރު މީހެއްގެ ހުކުމް ދަމަހައްޓައިފަ އެވެ. ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ މަރުގެ އަދަބު ތަންފީޒުކުރުމާ މެދު ގޮތް ނިންމަން ޖެހޭނީ ސަރުކާރުން ކަމަށެވެ. އޭނާ ވިދާޅުވީ، މަރުގެ އަދަބު ތަންފީޒު ކުރުމުގައި ޕީޖީ އޮފީހުގެ ދައުރެއް ނެތުމުން އެކަމާ މެދު އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފުގެ މަގު
23 December 2023
މަރުގެ ހައްދު ޤާއިމްކުރުމަކީ މީސްތަކުންނަށް އެކަމުން ދިރުން ލިބިގެންވާ ކަމެއްކަން ޤުރުއާނުގައި ބަޔާންވެފައިވޭ. އަދި އެއީ ޤާއިމްކުރަންޖެހޭ ކަމެއް. ނަމަވެސް، މި ގައުމުގެ ތަޙުގީގީ ނިޒާމްތަކާއި، ޝަރުއީ ނިޒާމް ވަނީ ކޮރަޕްޓް ވެފައި ކަން މިއީ ގިނަބަޔަކު ދަންނަ ޙަގީގަތެއް. ފުރާނައާއި ގުޅުންހުރި ނާޒުކު މައްސަލައެއް ނިމި، ތަންފީޛާއި ހަމަޔަށް އަންނައިރު އެއްވެސް ޝުބުހެއް، ނުފުޒެއް ނެތް އިތުބާރުހިފޭ ނިޒާމެއް ގާއިމްވެފައި އޮތުން ބޭނުންތެރިއެވެ.
ތުއްތުއްތުއް
22 December 2023
މައުމޫނަކީ މިގައުމުގެ ކާންޔޭވެސްޓު. އެޓެންޝަން ހޯދަން އެމަނިކްފާނު ޖަހާފާނެ ކޮންމެފަދަ ބެރެއްވެސް. ދެން ޓިކްޓޮކު ހާވާ މީހުން މިތިބެނީ ރައްދުދޭން ހޭބޯ ނާރާ. ދޯ ކޮއްކޯ.
ދޮންފުތާ
21 December 2023
އިހުސާނު މެން ތިކަން ނުކުރާނެ. ހޯންލޭނޑްސުކުރޫ ޓީ ކިޔައިގެން އަދި ހުއްޓަސް ނުވާނެ. ކޮށްފިއްޔާ ކިތަންމެހާވެސް ހެޔޮކަން ހުރި.
ފަހުދު.
21 December 2023
ތިޔައީ ޒައީމޭ އަދު ލޮބުވެތި މި ދިވެހި ގައުމު ފަޚުރުވެރިވާ
ދިއްދޫމީހާ
21 December 2023
މައުމޫން ގާތު އަހާބަލަ ބުރުގާ އެޅުމުގެ ހުކުމްއަކީ ކޮބައިތޯ؟ އެއިރުން އިންގޭނެ މަރުގެ ހުކުމްއާ ބެހޭގޮތުން މައުމޫންއަ ވާހަކަ ދެއްކޭތޯ
އަލީއަަހްމަދު
21 December 2023
އަރަބިންވެސް ބުރުގާ އަޅާ އެކި ގޮތް ގޮތަށް މިސާލަކަށް ކަރުވަޅު ފޮރުވާފައި އިސްތަށިގަޑު އެކަނި ފޮރުވުން ..ދެން ޓާޓަލް ނެކްލާފައި އިސްތަށިގަޑުގެ ބައެއްފޮރުވުން...އެއީ ގުރުއާންގެ ލަފުޒީމާނަގައި އޮތްނަނީ ތިޔަބައިމީހުން ކަރުވަޅުތައް ފޮރުވާށޭ އެހެންވީމާ ތަފަސީރު ކޮއްގެން އެހެންމާނަތައްނަގަނީ...ދެން މިހެން ލިޔުނީ މަ މަރަށް ނުކުންނާނީކީނޫން؟
ބިލްމާ
21 December 2023
އަންނި މިހެން ބުނިނަމަ ލާދީނީއަށް ގޮވީސް.
އަބްޑޫޅް +
21 December 2023
"އެންމެ ފަހުން އެފަދަ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު" މިއީ އޮޅުން އަރާގޮތަކަށް ބުނެވޭ ބަހެއް. ހަގީގަތުގައި، އެއީ ދިވެހިރާއްޖޭގައި، ގާނޫނީ އިމުގެ ތެރެއިން، ހަމަ އެކަނި އެކަން ކުރެވުނު ފަހަރު.
އަންދަލޫސިޔާ
21 December 2023
ރައީސް މައުމޫނު އެ ވިދާޅުވަނީ ޝަރީޢާގައި ކަނޑައަޅުއްވާފައިވާ ހަމަތަކުގެ މަތީން ނޫން ގޮތަކަށް މަރުގެ ޙުކުމް ތަންފީޒުނުކުރުމަށް. މަރާލުމަށް ފަހު މީހާ އަނބުރާ ނުގެނެވޭނެ. ވުމާއެކު، އެއްވެސް ޝައްކެއް ޝުބްހެއް ނެތުމާއެކު، ވާރިސުންގެ ހުރިހާ އެންމެން އާނބަސް ނުބުނާނަމަ އެކަމެއް ނުކުރެވޭނެ. މަރާލީތީ ބަދަލުގައި މީހަކު މެރުމަކީ އުސޫލެއް ނޫން.
އަނީސް
21 December 2023
މައުމޫނު މީ ކޮންތާކު އުޅެފައި އައި މީހެއް؟ ތިޔަ ހުރިހާ ކަމެއް ފުރިހަމަ ވެގެން ސްޕުރީމު ކޯޓުން މަރުގެ ހުކުމް ދަމަހައްޓަނީ.
ރަސްމާލި
21 December 2023
މައުމޫނު ބުނެފައޮތް އެއްޗެއް އެއޮތީ ސާފު ދިވެހި ބަހުން ބުނެފަ. ތިޔަ ބުނާ ވާހަކަތައް ބުނަން ބޭނުމިއްޔާ ތިޔަހެން ބުނަން ނޭނގޭވަރު މީހެއްނޫން މައުމޫނަކީ.
ނޫޏޫ
21 December 2023
ތަންފީޒުކުރާނީ، އުސޫލުގެ ތެރެެއިނެއް ނޫންތަ؟ މަގުމަތިން ދަނިކޮށް މިހިރީ، މިހިރީ އެމީހާއޭ ކިޔާފައި ނުމަރާނެ ނޫންބާ؟
ޢަހު
22 December 2023
މައުމޫނު ބުނެފަ އިނީ މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ގައުމު ތަރައްގީ ކުރުމެއް ނޫނޭ ތިކަން ހުއްޓާލާފަ ތަރައްގީ އާއިގެން ކުރިއަށް ދާށޭ
އަފުން
21 December 2023
ކީރިތި ﷲ ގެ ހުކުމްފުޅަކާ ދެކޮޅަށް ބަސްބުނެ ޖަދަލު ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ނަމަވެސް ދުނިޔޭގެ އެދުމާ ޖެހުމުން ހެއްދެވިފަރާތުގެ މަތިންވެސް ބައެއް މީހުން ހަނދާންނެތެއެވެ.
ނުސިޔާނުކުދިން
21 December 2023
އަފުންނަށް އަދި ހަމަ ނުކިޔެވެނީ. އެނގުނީމަ އެ ބުނާ އެއްޗެއްގެ މާނަ އެނގޭނެ. އޭރަށް ބުނާނެ އާނނ އެބުނީ ހަމަތެދެކޭ. މަރުގެ އަދަބާ ރ.މައުމޫނު ދެކޮޅެއް ނުހަދާ. ރ.މައުމޫނަށްވެސް އެނގޭނެ މަރަށްމަރު އޮންނަ އާޔަތުގެ މާނަ. ޢަދުލުވެރި ފަނޑިޔާރަކު ނެތްތަނެއްގައި އެމީހުންގެ ބަހަށް، ޙުކުމަށް މީހަކު މަރައިގެން އެބަޔަކު ފާފަވެރި ވުން ގާތީ. ވާރިސުންނަށް، މިވާގޮތެއް ކިޔައެއް ނުދެވޭ. އެހެންވީމަ ވާރިސުން ދޫކޮށްލަން ބޭނުންވިއަސް އެ ފުރުސަތު ނެތި އެބަދޭ.
އޮޑިހަނު
21 December 2023
40 އަހަރަށްވުރެ ގިނައަހަރު ނުވެހުރި ހުކުމެއް ތަންފީޒު ކުރުމަކީ "ޤައުމީ ތަރައްޤީގެ އުސް ލަނޑު ދަނޑިއެއް ހާސިލު"ވީ ކަމަށް މަނިކުފާނަށް ނުފެނިދާނެ، މައުމޫނުގެ 30 އަހަރުވެސް ހިމަނައިގެން އެއަހަރުތައް ގުނަންޖެހޭތީ. އެކަމަކު އަހަރުމެންނަށް ވިސްނެނީ ޤައުމެއް ޤާނޫނާ ގަވައިދުތައް ނެގެހެއްޓުމަށް ކުރާ މިކަހަލަ ބޮޑެތި ކަންކަމަކީ ހަމަ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ކަމަށް. 19 ދިވެހިން މަރާލި މީހާ 25 އަހަރު ތެރޭގަ މިނިވަންވުމަކީ ތަރައްޤީއެއް ކަމަށް ނުދެކެން.