އިއްޔެ ކުޅުނު ސެމީ ފައިނަލްގެ މޮޅު ކުޅުންތެރިން.. ވެމްކޯގެ ޖެސިކާ އާއި ޕޮލިހުގެ ހައްވަ.---
23 ޑިސެމްބަރ 2023 - 12:28
އެންމެ ފަހުން ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ދެ ފައިނަލްގައި ވެސް ވާދަކުރި ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބް، މިއަހަރުގެ ފައިނަލްގައި ވެސް ވާދަކުރަން ޖެހިއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕޮލިހުން ވަނީ ސީދާ ތިން ސެޓުން ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް ބަލިކޮށްފަ އެވެ.
ޕޮލިހުން މެޗުގެ ސެޓްތައް ގެންދިޔައީ 25-8، 25-13، 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އެވެ.
އެންމެ ފަހު ދެ ފަހަރުގެ ވެސް ޗެމްޕިއަން ވެމްކޯ ފައިނަލަށް ދިޔައީ ރޭ ކުޅުނު ސެމީގައި 3-1 ސެޓުން އަލްމާ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. އަލްމާ އިން ވަނީ 25-23 އިން ފުރަތަމަ ސެޓް ގެންގޮސްފަ އެވެ. ނަމަވެސް ވެމްކޯ އިން ޖެހިގެން އައި ތިން ސެޓް ގެންދިޔައީ 26-24، 25-23، 25-20 އިންނެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޖެސިކާ ސޯރެސް ޑެސް ނެވޭސް އެވެ.
އަންހެން ޑިވިޝަންގެ ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު ވެސް ކުޅޭނީ ހޯމަ ދުވަހު އެވެ. ހޯމަ ދުވަހު ހަވީރު 4:15 ގައި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އާއި އަލްމާ ސްޕޯޓްސް ކްލަބް ބައްދަލުކުރާ ތިންވަނަ ހޮވާ މެޗަށް ފަހު، ވެމްކޯ އާއި ޕޮލިސް ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ ރޭގަނޑު 8:15 ގަ އެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ވެމްކޯ އިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސީދާ ތިން ސެޓުން ޕޮލިސް ބަލިކޮށްގެންނެވެ. އޭގެ ކުރިން 2019 ވަނަ އަހަރު ވެމްކޯ މޮޅުވީ 3-1 ސެޓުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy