25 ޑިސެމްބަރ 2023 - 11:15
އިނގިރޭސި ވިޔަފާރިވެރިޔާ ސާ ޖިމް ރެޓްކްލިފްގެ އީނޯސް ގުރޫޕުން 1.03 ބިލިއަން ޕައުންޑްގެ އަގަކަށް މެންޗެސްޓާ ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ގަނެ، ޔުނައިޓެޑްގެ ފުޓްބޯޅައިގެ ކަންކަން ހިންގުމުގެ ފުރިހަމަ ކޮންޓްރޯލް ނަގައިފި އެވެ.
ޔުނައިޓެޑްގެ މައިނޯރިޓީ ހިއްސާދާރަކަށް ވުމަށް އުމުރުން 71 އަހަރުގެ ރެޓްކްލިފް ކުރި އިންވެސްޓްމަންޓަކީ، ތާރީހުގައި ވެސް ކްލަބެއްގެ މައިނޯރިޓީ ހިއްސާދާރަކު ކުރި އެންމެ އަގުބޮޑު އިންވެސްޓްމަންޓެވެ.
އެއް އަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތަށް ފަހު ޔުނައިޓެޑް ހިންގުމާ ހަވާލުވުމަށް ފަހު ރެޓްކްލިފް ވަނީ ޔުނައިޓެޑްގެ ސްޓޭޑިއަމް ތަރައްގީ ކުރަން އިތުރު 237 މިލިއަން ޕައުންޑް އިންވެސްޓް ކުރަން ނިންމައިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުން މި އެއްބަސްވުމަށް ރުހުން ހޯދަން ޖެހޭ އިރު، އެއާ ގުޅުންހުރި ކަންކަން ފުރިހަމަވާން މަހެއްހާ ދުވަސް ނަގާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.
މެންޗެސްޓާ ޔުނައިޓެޑަކީ 4.97 ބިލިއަން ޕައުންޑް (6.3 ބިލިއަން ޑޮލަރު) ގެ އަގުހުރި ކްލަބެކެވެ. ނަމަވެސް މައިނޯރިޓީ ހިއްސާދާރުގެ ގޮތުގައި ހަވާލުވި އީނޯސް ގުރޫޕަށް ކްލަބްގެ ފުޓްބޯޅައިގެ ހުރިހާ ހިންގުމެއް ހަވާލުކުރަން، ގްލޭޒާސް އާއިލާއިން ވަނީ ނިންމައިފަ އެވެ. އޭގެތެރޭގައި ސްޓޭޑިއަމް އާއި ޓްރާންސްފާތަކާއި މެނޭޖަރުން ހޮވުމާއި ވަކިކުރުން ވެސް ހިމެނެ އެވެ.
މިއާ އެކު އީނޯސް ގުރޫޕުން ޔުނައިޓެޑަށް އާ ފުޓްބޯޅަ ޑިރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް މީޑީއާތަކުން ރިޕޯޓް ކުރެ އެވެ.
ރެޓްކްލިފް އަކީ ކުޑައިރުން ފެށީގެން ވެސް ޔުނައިޓެޑްގެ ސަޕޯޓަރެކެވެ. ނަމަވެސް އޭނާ ވަނީ މީގެ ކުރިން އިނގިރޭސި ކްލަބް ޗެލްސީ ގަންނަން ވެސް މަސައްކަތް ކޮށްފަ އެވެ. އަދި އޭނާ އަކީ ޗެލްސީގެ ސީޒަން ޓިކެޓް ހޯލްޑަރެއް ކަމަށް ވެސް އެ ދުވަސްވަރު އޭނާ ބުނެފައި ވެއެވެ.
ޔުނައިޓެޑްގެ ހިއްސާ ގަތުމަށްފަހު ރެޓްކްލިފް ބުނީ، މީގެ ކުރިން ކުލަބް ދުށް ކާމިޔާބު ދުވަސްތައް އަލުން ކްލަބަށް ގެނެސްދޭން ބޭނުންވާ ކަމަށެވެ.
"އަހަރެމެން މި އައީ ދިގު މުއްދަތަކަށް، ކްލަބުގައި ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަން އެނގި ހުރެ، އެ ކަންކަން ރަނގަޅު ކުރަން ޕްރޮފެޝަނަލް ކޮށް މިކަމާ ވެގެން މަސައްކަތް ކުރަން،" ރެޓްކްލިފް ބުންޏެވެ.
"އަހަރެމެން ބޭނުމީ މެންޗެސްޓާ ޔުނައިޓެޑް ކުރިން އޮތް މަގާމުގައި އޮންނަތަން ދެކެން. އެ މަގާމަކީ އިނގިރޭސި ފުޓްބޯޅަ އާއި ޔޫރަޕާއި ދުނިޔޭގެ ފުޓްބޯޅައިގެ ވެސް އެންމެ އުސް."
ރެޓްކްލިފްގެ އީނޯސް ގުރޫޕަކީ، ފްރާންސް ލީގުގައި ކުޅޭ އޯޖީސީ ނީސްގެ މެޖޯރިޓީ ހިއްސާދާރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުބެއްޔާ
25 December 2023
މިރާއްޖޭގަ ވަރަށް ކާމިޔާބު ކުލަބުތަށް އެބަހުރި، ރެޓްކުލިފް މިރާއްޖޭގެ ކުލަބަކަށް އިނވެސްޓް ކޮށްލަބަލަ.