25 ޑިސެމްބަރ 2023 - 17:31
މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރުޕީއެސް) ހިންގުމަށް ނަގަމުން އަންނަ އިދާރީ ފީ, އަންނަ އަހަރުން ފެށިގެން ކުޑަކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިފި އެވެ.
ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން ސްކީމް ހިންގަން މިހާރު އިދާރީ ފީ ގެ ގޮތުގައި 0.6 ޕަސެންޓު ނަގަ އެވެ.
އެކަމަކު، މިއަދު ގެނެވުނު ބަދަލާ އެކު، އަންނަ އަހަރުން ފެށިގެން ޕްރީ ރިޓަޔަމަންޓް ފަންޑުތަކުން ނަގާނީ އަހަރަކު 0.5 ޕަސެންޓު ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. އަދި ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން އަހަރަކަށް ނަގާނީ 0.3 ޕަސެންޓެވެ.
ޕްރީ ރިޓަޔަމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަނުވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ އިންވެސްޓްމަންޓްތަކުން ނެރެވޭ ނަފާ އިތުރުކޮށް ފައިސާގެ އަގު ހިފެހެއްޓުމަށެވެ.
ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ ކޮންޒަވެޓިވްކޮށް އިންވެސްޓްކޮށްގެން ފައިސާގެ އަގު ހިފެހެއްޓުމަށެވެ.
އިދާރީ ފީ ނެގުމުގެ މަގުސަދަކީ، ޕެންޝަން އޮފީހުން ބުނި ގޮތުގައި، ޕެންޝަން ސްކީމް ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމެވެ. އެ ހަރަދުތަކުގެ ތެރޭގައި ހިސާބު ބެލެހެއްޓުމުގެ ހަރަދާއި, އިންވެސްޓްކުރުމުގެ ކަންކަމަށްދާ ހަރަދާއި، މާލީ ގޮތުން ކުރެވޭ މުއާމަލާތްތަކާ ގުޅިގެން ހިނގާ ހަރަދާއި، ކަސްޓޯޑިއަންގެ ހަރަދު, އަދި އޮޑިޓްކުރުމަށް ހިނގާ ހަރަދުތައް ހިމެނެ އެވެ.
މިއީ 2009 ވަނަ އަހަރު ޕެންޝަނާ ބެހޭ ގާނޫނު ވުޖޫދުވި ފަހުން ޕެންޝަން ސްކީމްގެ އިދާރީ ފީ ކުޑަކުރި ހަތަރު ވަނަ ފަހަރެވެ.
ޕެންޝަން ސްކީމަށް ޖަމާވާނީ އެ މުވައްޒަފެއްގެ ޕެންޝަނަށް ބަލާ މުސާރަ ކަމަށްވާ އަސާސީ މުސާރައިގެ 7 ޕަސަންޓެވެ. އެ އަދަދު ވަޒީފާދޭ ފަރާތުން ވެސް ޖަމާކުރަން ޖެހޭއިރު، ކޮންމެ މަހަކު ވެސް އެ މުވައްޒަފެއްގެ ނަމުގައި ޕެންޝަނަށް އަސާސީ މުސާރައިގެ 14 ޕަސެންޓު ޖަމާވާނެ އެވެ. އަމިއްލަ އިހުތިޔާރުގައި، މިއަށް ވުރެ ބޮޑު އަދަދެއް ޖަމާކުރުމުގެ ފުރުސަތު ވެސް ގާނޫނުން ވަނީ ފަހިކޮށްދީފަ އެވެ. ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮންމެ މީހަކަށް ވެސް ލިބޭނީ އުމުރުން 65 އަހަރު ފުރި ރިޓަޔަވުމުންނެވެ. ނަމަވެސް ވަކި ޝަރުތުތަކެއް ހަމަވާ ނަމަ 55 އަހަރުގައި އާލީ ރިޓަޔަމަންޓް ވެސް ނެގެ އެވެ.
އެކަމަކު ރިޓަޔަކުރުމުގެ ކުރިން ވަކި އުސޫލެއްގެ ދަށުން ހައުސިން ޑައުންޕޭމަންޓް ދެއްކުމަށާއި, ހައްޖުގެ އަޅުކަން އަދާކުރުމަށް އެ ފައިސާ ބޭނުންކުރެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަހުރި.މް.
25 December 2023
ޕެންޝަން ފަންޑުގައި އިންވެސްޓުކުރާއިރު އިސްލާމީ އުސޫލުން ބޭރުން ހިނގާ ކަންކަން ލާރި ޖަމާކުރާ ފަރާތްތަކަށް އެނގޭނޭ ގޮތެއް އޮވޭތަ