ކުޅިވަރު / އެފްއޭއެމް އިލެކްޝަން

އިންތިހާބާ ގުޅޭ ތަފުސީލުތައް އެފްއޭއެމުން ސްޕޯޓްސް ކޮމިޝަނަރަށް ނުދިން

ތޮލާލް އެދިފައި ވަނީ ދެ ދުވަހުގެ ތެރޭގައި އެ ތުފުސީލުތައް ހޯދަން؛ އަދި ވެސް އެ ތަފުސީލުތައް އެފްއޭއެމުން ނުދޭ

ސްޕޯޓްސް ކޮމިޝަނަރު ތޮލާލް އަދި އެފްއޭއެމްގެ ރައީސް ބައްސާމް: ކޮމިޝަނާ ހޯދަން އެދުނު މައުލޫމާތު އެފްއޭއެމުން ފޯރުކޮށް ދީފައެއް ނުވޭ

އެފްއޭއެމްގެ އިންތިހާބާ ގުޅިގެން، ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން އެދުނު ތަފުސީލުތައް އެސޯސިއޭޝަނުން ފޯރުކޮށް ދީފައި ނުވާކަމަށް، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު، އެފްއޭއެމް އަށް ފޮނުވި ސިޓީއެއްގައި ތޮލާލް އެދިފައި ވަނީ، އެފްއޭއެމްގެ އިންތިހާބާ ގުޅިގެން ފަސް ކަމެއްގެ ތަފުސީލު ދެ ދުވަހުގެ ތެރޭގައި ފޯރުކޮށް ދިނުމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ދެ ދުވަސް ހަމަ ވެފަ އެވެ. އިއްޔެ "މިހާރު" އަށް ތޮލާލް ވިދާޅުވީ އެ ތަފުސީލުތައް އެފްއޭއެމުން ފޯރުކޮށް ދީފައި ނުވާ ކަމަށެވެ. އިއްޔެގެ ނިޔަލަށް ވަނީ ތިން ދުވަސް ވެސް ހަމަ ވެފަ އެވެ. އަދި ވެސް އެ ތަފުސީލު އެފްއޭއެމުން ފޯރުކޮށްދީފައި ނުވާ ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން ތަފުސީލު ހޯއްދަވަން، ތޮލާލް ފޮނުއްވި ސިޓީގެ އިބާރާތްތައް ކަމަށް ބުނެ "މިހާރު" އަށް ލިބިފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން، އެފްއޭއެމްގެ އިންތިހާބު 45 ދުވަހުގެ ތެރޭގައި ބާއްވަން ނިންމިކަން، ކޮމިޝަނާ އޮފް ސްޕޯޓްސް އަށް އެ އެސޯސިއޭޝަނުން އަންގާފައެއް ނުވެ އެވެ. އެ ސިޓީގައި ބުނެފައި ވަނީ އިންތިހާބު ބާއްވަން ނިންމިކަން އެނގިފައި ވަނީ މީޑިއާއިންނާއި އަދި ބައެއް ކަލްބަތައް މެދުވެރިކޮށް ކަމަށެވެ.

"ތިޔަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓިގެ އިންތިހާބު 2023 ޑިސެންބަރު 17 ވަނަ ދުވަހުންފެށިގެން 45 ދުވަސް ތެރޭ ބޭއްވުމަށް ތިޔަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ބުނެ ތިޔަ އެސޯސިއޭޝަނުގެ ނަންބަރު: FAM/IUL/2023/001 ގެ އިއުލާނުން އިއުލާން ކުރައްވާފައިވާ ކަމުގެ މަޢުލޫމާތު ނޫސްތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި ބައެއް ކުލަބުތަކުގެ ފަރާތުން ވަނީ ލިބިފަ އެވެ.،" ތޮލާލް ފޮނުއްވި ސިޓީގައި ވާ ކަމަށް ބުނެ "މިހާރު" އަށް ލިބިފައިވާ ލިޔުމުގައި ވެއެވެ.

އެ އިއުލާން ނަންބަރުގައި މި މަހުގެ 17 ވަނަ ދުވަހު އެފްއޭއެމުން، އެ އިދާރާގެ މީޑިއާ ގުރޫޕަށް ފޮނުވި އިއުލާނުގައި ބުނެފައި ވަނީ، އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ އިންތިހާބު 45 ދުވަހުގެ ތެރޭގައި ބޭއްވުމަށް، އެގްޒެކެޓިވް ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ތޮލާލް، ފޮނުއްވި ސިޓީގައި އޭނާ އެދިފައި ވަނީ، އެ އިއުލާނުގެ ސައްހަކަން ކަށަވަރުކޮށް ދިނުމަށެވެ. އަދި އެފްއޭއެމްގެ ރައިސް ބައްސާމް އަދީލް ޖަލީލްގެ ދެވަނަ ދައުރު ހަމަވާން، ބާކީ ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތް އިރު ކުއްލިއަކަށް އިންތިހާބު އަވަސް ކުރަން ޖެހުނު ސަބަބު ސާފު ކުރުމަށް ވެސް އެ ސިޓީގައި އެދިފައިވާ ކަމަށް، "މިހާރު" އަށް ލިބިފައިވާ ލިޔުމުގައި ވެއެވެ.

އިންތިހާބާ ބެހޭގޮތުން ތަފުސީލު ހޯދަން ތޮލާލް އެދުނު ފަސް ކަމަކީ:

1. އިންތިހާބާ ގުޅޭ ގޮތުން ނިންމަވާފައިވާ ނިންމުންތަކުގެ ތަފްސީލު.

2. ހިންގާ ކޮމިޓިގެ މުދައްތުގައި ބާކީ އެތައް ދުވަހެއް އޮއްވާ ހިންގާ ކޮމިޓީގެ އަވަސް އިންތިހާބެއް ބޭއްވުމަށް އެ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ނިންމަން ޖެހުނު ސަބަބު.

3. އިންތިހާބު ބޭއްވުމަށް ނިންމެވި ހިންގާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގެ އެޖެންޑާ އަދި ޔައުމިއްޔާ

4. ހިންގާ ކޮމިޓީގެ 20 ވަނަ ތަނާއި ބައްދަލުވުމުގެ ހާޒިރީ.

5. އެފްއޭއެމްގެ ދާއިމީ މެންބަރުންގެ ލިސްޓް އަންގައި ދިނުމަށް.

އިއްޔެ 2 ޖެހި އިރު، ކުރިމަތިލުމުގެ މުއްދަތު ހަމަވި އިންތިހާބަށް، އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި މިހާރުގެ ރައީސް ބައްސާމްގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމު (މުފާ) ވަނީ ކުރިމަތި ލައްވައިފަ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހުމަދު އާނެ

28 December 2023

ކޮމިޝަނަށް ދޭންޖެހޭ ޤަނޫނީ ސަބަބެއް ނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454