އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވި މުފާ:: އޭނާގެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް ވެލެންސިއާއިން ބުނި ނަމަވެސް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ބުނޭ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
04 ޖެނުއަރީ 2024 - 10:33
އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވި، މިހާރުގެ އެކްސްކޯ މެންބަރު މުފާވިޒް ހާޝިމް ވެލެންސިއާގެ "ވަގު ސިޓީ" އެއް ހެއްދިކަމަށް ބުނެ، އެ ކްލަބުން ފެންމަތި ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައި ނެތް ކަމަށް، އެ އިދާރާއިން ބުނެފި އެވެ.
އެ ކްލަބްގެ ސިޓީ، މުފާ ފޯޖްކޮށްފައިވާ ބުނެ، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީ އަށް ވެލެންސިއާއިން ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެ ކްލަބްގެ ނަމުގައި އެހެން ކެންޑިޑޭޓަކު ސިޓީއެއް ހުށަހަޅާފައިވާކަމުގެ މައުލޫމާތު މީޑިއާ އިން ލިބިފައިވާ ކަމަށެވެ. އެ ލިޔުމަކީ ފޯޖްކޮށްގެން ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށް ބެލެވޭތީ، އެ މައްސަލަ ސްޕޯޓްސް ކޮމިޝަނަރަށާއި ޕޮލިހަށް ހުށަހަޅާފައި ވާނެ ކަމަށް ވެލެންސިއާގެ އާ ޗެއާމަން އަބްދުﷲ އަޒްމީން ސޮއިކޮށް، ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ.
ފުލުހުންގެ މީޑީއާ ގުރޫޕްގައި، އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން، އެ އިދާރާއިން ބުނީ ވެލެންސިއާގެ ސޮއި ފޯޖް ކުރި ކަމަށް ބުނެ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު، އެފްއޭއެމްގެ އިންތިހާބަށް ފޯމު ހުށަހެޅުމަށް ފަހު، މުފާ ވިދާޅުވީ، ވެލެންސިއާއިން ވެސް އޭނާ އަށް އެންޑޯޒްމެންޓް ދީފައިވާ ކަމަށެވެ.
ވެލެންސިއާއިން ބުނަނީ މުފާ ގެންގުޅެނީ "ފޯޖް" ސިޓީއެއް ކަމަށް، މައްސަލަ ޕޮލިހަށް https://t.co/FxMzFqqMsz
— Mihaaru (@Mihaarunews) December 31, 2023
އޭނާ އަށް ވުރެ ކުރިން، ފޯމު ހުށަހެޅި، އަހްމަދު ތޯރިގް (ޓޮމް) ވެސް ފޯމު ހުށަހެޅީ ވެލެންސިއާގެ ތާއީދު ސިޓީއާ އެކު އެވެ. އެފްއޭއެމުން ބުނީ، އެ އެސޯސިއޭޝަންގެ އިންތިހާބަށް ފޯމު ހުށަހަޅަން ޖެހޭނީ، ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ އެންޑޯޒްމެންޓް ސިޓީއާ އެކު ކަމަށެވެ.
ފުރަތަމަ ޑިވިޝަނުން، ތޯރިގަށް، ތާއީދުކުރަނީ ވެލެންސިއާގެ އިތުރުން މާޒިޔާ އެވެ. ވެލެންސިއާގެ ސިޓީއާ ދެ ކެންޑިޑޭޓުންގެ ފޯމާ އެކު ހުށަހަޅާފައި ވުމުން، އެ ކްލަބްގެ އެންޑޯޒްމެންޓް ބަލައިނުގަތުމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އެ ކްލަބްގެ ތާއީދު ބަލައި ނުގަތުމަށް ނިންމައިފިނަމަ، ތޯރިގްގެ ފޯމު ބާތިލު ވާނެ އެވެ. އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ، އެކަމާ މެދު އޭއެފްސީގެ ލަފައަކަށް އެދިފަ އެވެ.
އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ހުއްޓާލަން، ސްޕޯޓްސް ކޮމިޝަނާ އެންގި ނަމަވެސް، ކުރިން ވެސް ކަނޑައެޅާފައިވާ ގޮތަށް މި މަހު 31 ގައި އިންތިހާބު ބާއްވަން އެފްއޭއެމުން ދަނީ ތައްޔާރުވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޭމް
04 January 2024
ކޮންމެސް މީހަކު ދޮގުއެބަ ހަދާ ގައިމު.. މުފާ؟؟ އަޒްމީން؟؟ ވެލެންސިއާ؟؟ ފުލުސް؟؟ ތޯރިގް؟؟ ކާކުބާ؟؟ -_-*