ޕެލަސްއާ ދެކޮޅަށް އެވަޓަން ކުޅުނު މެޗުގައި ކެލްވާޓް ލެވީން.-- ފޮޓޯ: އޭއެފްޕީ
10 ޖެނުއަރީ 2024 - 14:29
ލަންޑަން (ޖެނުއަރީ 10) - އިނގިރޭސި އެފްއޭ ކަޕްގައި އެވަޓަން އާއި ކްރިސްޓަލް ޕެލަސް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި، އެވަޓަންގެ ފޯވާޑް ޑޮމިނިކް ކެލްވާޓް ލެވީން އަށް ދެއްކި ރަތް ކާޑު މާފުކޮށްދީފި ކަމަށް އިނގިރޭސި އެފްއޭ އިން ބުނެފި އެވެ.
އެފްއޭގެ ބަޔާނުގައި ބުނެފައި ވަނީ އެވަޓަންގެ ކުރިއަށް އޮތް ތިން މެޗުގައި ވެސް ޑޮމިނިކް ކެޕްވާޓް ލެވީން އަށް ކުޅެވޭނެ ކަމަށާއި އޭނާ އަށް ކާޑު ދެއްކީ ގޯސްކޮށް ކަމަށް ކުރި ދައުވާ އެ ކްލަބުން ކާމިޔާބުކޮށްފައިވާ ކަމަށެވެ.
ކެލްވާޓް ލެވީން އަށް ދެއްކި ކާޑު ކެންސަލް ވުމާ އެކު އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ޕެލަސްއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ތިން ވަނަ ބުރުގެ "ރީޕްލޭ" މެޗު ކުޅޭވޭނެ އެވެ. އަދި ހަމަ އެއާ އެކު އެވަޓަން އާއި ފުލަމްއާ ދެކޮޅަށް ކުޅޭ ލީގު މެޗުގައި ވެސް އޭނާ އަށް ކުޅެވޭނެ އެވެ.
ނުރައްކާތެރި ފައުލް ޕްލޭއެއް ކަމަށް ބަލައި ކެލްވާޓް ލެވީން އަށް ރަތް ކާޑު ދެއްކީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގަ އެވެ. ވީއޭއާރުގެ އެހީގައި މެޗުގެ 79 ވަނަ މިނިޓުގައި އޭނާ އަށް ރަތް ކާޑު ދެއްްކުމުން އެވަޓަން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ.
މެޗަށް ފަހު ވެސް އެވަޓަންގެ ކޯޗު ޝޯން ޑައިސް ވަނީ އޭނާ އަކީ އަދިވެސް ވީއޭއާރު ބޭނުންކުރުމަށް ތާއީދު ކުރާ މީހެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މެޗުގައި ހިނގާދިޔަ ކަމަކީ އޭނާ އަށް ކެތްކުރަން އުނދަގޫވި ކަމެއް ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓީޖެޓީ
11 January 2024
ވީއޭއާރު ބަލާފަ ގޯސްކޮށް ނިންމީ؟؟؟ ތީ ކޮންކަހަލަ ވީއޭއާރެއް ؟