ޔުނާން: އޭނާ ބަންދުން ދޫކޮށްލަން ނިންމި ނިންމުން ހައި ކޯޓުން މިއަދު ވަނީ ބާތިލް ކޮށްފައި
10 ޖެނުއަރީ 2024 - 19:19
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާނާއި އޭނާގެ އަނބިމީހާ އައިމިނަތު ރިހުލާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ 2020 ވަނަ އަހަރު އެވެ. އޭގެ ދެ އަހަރު ފަހުން މިދިޔަ އަހަރު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. މިދިޔަ މަހު ހުޅުމާލޭ ކޯޓުން ޔުނާން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޔުނާން ދޫކޮށްލަން ހުޅުމާލޭ ކޯޓުން ނިންމީ މުޖްތަމައުގެ ސަލާމަތަށް ރިއާޔަތްކޮށް، އޭނާ ބަންދުކުރި ހާލަތު ބަދަލުވެގެން ނޫންކަން ދަށު ކޯޓުގެ ނިންމުމަށް ބެލުމުން ކަމަށެވެ. އަދި ޝަރުތުތަކާ އެކު އޭނާ ދޫކޮށްލަން ނިންމާފައި ވިޔަސް، ކޯޓުން ކުރި ޝަރުތުތަކަކީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަދަ ޝަރުތުތަކެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޔުނާން ދޫކޮށްލަން ނިންމީ ގާނޫނާ ހިލާފަށް ކަމަށްވާތީ އެ ނިންމުން ބާތިލްކުރާ ކަމަށެވެ. އަދި ޔުނާންގެ ބަންދުކުރަން ދައުލަތުން ހުޅުމާލޭ ކޯޓުގައި އެދެފިނަމަ ހަތް ދުވަސް ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.
ޔުނާންގެ ބަންދާ މެދު 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ދަށު ކޯޓުގެ މައްޗަށް އަމުރުކޮށްދޭން ދައުލަތުން ހައި ކޯޓުގައި އެދުނެވެ. އެގޮތަށް އެދުނީ ސުޕްރީމް ކޯޓުގެ ޑައިރެކްޝަނާ ހަވާލާދީ އެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމުގައިވަނީ އެ ޑައިރެކްޝަންގެ އުސޫލުތަކަށް މި ބާވަތުގެ މައްސަލަތަކަށް ނުހިނގާނެ ކަމަށެވެ.
ނަމަވެސް ޔުނާން ބަންދުކުރަން އެދެފިނަމަ ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިތުރުން އިސް ފަނޑިޔާރު ހުސައިން ޝަހީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަޒީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުމް
11 January 2024
މި ދިވެހި ރާއްޖެގެ ފިލްމު ކުޅޭ މީހުންނަށް މިވަނީ ކިހިނެހްތަ؟
ހާމިދު ޝާހިދު
11 January 2024
ދެން ދައުލަތަކުން ނޭދޭނެ އޭނާ ބަންދު ކުރާކަށް އެހެނީ އޭނާ މިހާރު އެއުޅެނީ ސިޔާސީ ތާކިހާ އަޅައިގެން ކޮންމެވެސް، ސަރުކާރާ ގުޅުން ހުރި ކެންޑިޑޭޓަކަށް ކޭމްޕޭން ކުރަން ކަމަށްވާތީ!
ބސ666666
11 January 2024
ކޮންމެސް ޕާޓީއެއްގެ ކެމްޕޭންގަ އުޅެލަނިކޮއް ސަލާމަތްވާނެ. އެއީރާއްޖޭގެ ސްޓައިލް