އާޒިމް މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ސަލްޓަން ޕާކުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
13 ޖެނުއަރީ 2024 - 23:05
މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ކައިރީގައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލެ ރައްޔިތުންނަށް ޝުކުރު އަދާ ކުރުމަށް ސަލްޓަން ޕާކުގައި މިރޭ ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުން މިއަދު މި ސަރުކާރަށް އެ ދިނީ މެސެޖެއް ކަމަށެވެ.
ސޯލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވެސް ހައްދަވަނީ ދޮގު ކަމަށާއި ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެއިން ވެސް ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށެވެ.
"ސަރުކާރުގެ އަސްލު ސިފަ މިއަދު ހާމަވާން ފަށައިފި. މާލޭގެ ރައްޔިތުން ނޫނެކޭ ބުނެފި. އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެ، މުޅި ރާއްޖެ މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި،" ސޯލިހު ވިދާޅުވި އެވެ.
އާޒިމް މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ސަލްޓަން ޕާކުގައި ބޭއްވި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ
މާލޭގެ 71 ޕަސެންޓް ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައިވާ ކަމަށާއި ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް މި ސަރުކާރުގެ ސިޔާސަތުތަކަށް މާލޭގެ ރައްޔިތުން ނޫނެކޭ ބުނީ ސަބަބެއް ނެތިއެއް ނޫން ކަމަށް ސޯލިހް ވިދާޅުވި އެވެ.
"މި ސަރުކާރު ވެރިކަމަށް އައި ގޮތާއި ދެއްކި ވާހަކަތަކާއި އޮޅުވާލުމާއި ނަފުރަތާއި ހެދި ދޮގުތައް މިއަދު ހާމަވާން ފަށައިފި. ސަރުކާރުގެ އަސްލު ސިފަ ހާމަވާން ފަށައިފި،" އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ވެސް އެ މަނިކުފާނު [ރައީސް މުއިއްޒު] ކުރައްވަމުން ގެންދަވާ މަސައްކަތަކީ ވެރިކަމަށް އައުމަށް ކުރެއްވި މަސައްކަތް. ދޮގު ހެދުމާއި، އޮޅުވާލުމާއި، ނަފުރަތާއި ގަދަ ބަސް ބުނުން. އެއަކުން ކާމިޔާބެއް ނުވާނެ."
އާޒިމް މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ސަލްޓަން ޕާކުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް ވީ އެންމެ އަވަހަށް ދިނުމަށް ރައީސް މުއިއްޒަށް ސޯލިހު ވަނީ ގޮވާލާފަ އެވެ.
"ރައީސް މުއިއްޒަށް އަޅުގަނޑު ދަންނަވާނީ ލަސްނުކުރައްވާށޭ. މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ދިން ގޯތިތައް މިއަދުން މިއަދަށް ހަވާލު ކުރައްވާށޭ. ފުށިދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ގެންދަވަން ނުހައްދަވާށޭ. ފްލެޓުތައް ހަވާލު ކުރައްވާށޭ،" ސޯލިހް ވިދާޅުވި އެވެ.
"ދެން އޮތީ ރައްޔިތުން މަޖިލީހުގެ އިންތިހާބު. އެ އިންތިހާބުން މާލޭގެ ރައްޔިތުންގެ ފަރާތުން ރުހުމެއް ބޭނުންވާ ކަމަށް ވަންޏާ، ވޯޓެއް ބޭނުންވާ ކަމަށް ވަންޏާ، އެއީ މުއިއްޒު ކުރައްވަންވީ ކަމަކީ."
އެހެން ނޫނީ މި ސަރުކާރަށް ރައްޔިތުން އަނެއްކާވެސް ބޮޑު ތަނުން ނޫނެކޭ ބުނާނެ ކަމަށް ސޯލިހް ވިދާޅުވި އެވެ.
މިއަދު ބޭއްވި މޭޔަރު ހޮވުމުގެ އިންތިހާބުގައި 17،000 އަށްވުރެ ގިނަ މީހުން ވޯޓުލިއިރު އޭގެ ތެރެއިން 44 ޕަސެންޓު ވޯޓު ހޯއްދެވީ އާޒިމް އެވެ. އާޒިމާ އެންމެ ގާތުން ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަސެންޓޭ
15 January 2024
ދެން ކިތައް ޕަސެންޓް މާލެ މީހުންތަ އާޒިމަށް އެ ވޯޓްލީ؟ ގިނައީ މާލޭގެ ވޯޓްނުލާ މީހުން. ތިމީހުންނަށް ސަޕޯޓްކުރިނަމަ އެ އެންމެންވެސް ގޮސް ވޯޓް ލީސް. ހަމައެކަނި ހާޑްކޯ ޕާޓީ ކުދިންކޮޅެއް ގޮސް ލީ ވޯޓުން ތިއޮތީ ހޮވިފަ. އެއީކީ ދެން މާ ރީތިވެފަ މޮޅުކަމެއް ނޫން. ވޯޓް ލާން އެތައް ބަޔަކު ނުނިކުތީމަ އެނގެނީ ތި ޕާޓީއަކަށްވެސް ސަޕޯޓެއް ނެތްކަން.
ޑޮކްޓާރ. ބަނާނާ
15 January 2024
ކޮސްނުގޮވާ! ކަލޭމެން ކޮންމެފަހަރަކު ވެރިކަން ހަވާލުވެ ކާރި ބޭރުގައުމުތަކުގެ ޖީބަށް ފުންމާލީމާ ވެރިކަން ބަފަލުވުމުން އަހަރުމެން ތިބެނީ އެގައުމުތަކާއި ޖެހި ސަލާމަތް ނުވެފަ.!
ކަނބިލި
15 January 2024
ރާއްޖޭގެ ރައްޔިތުން ނޫނެކޭ ބުނެފައި ބޭރުކޮށްލި މީހަކު ކޮން ކޮސްއަނގައެއް މިތަޅަނީ. އަމިއްލަ ސިކުނޑިން އެއްޗެއް ވިސްނަން ފުރަތަމަ ދަސްކޮށްބަލަ
އާނދޯ
15 January 2024
ކަލޭ އަށްވެސް ބުނެފަ އޮންނާނީ. އިންޑިޔާގެ ސްލޯ އަށްވެސް ނޯ
ވޮއް
14 January 2024
ސޮރީ ސޯލިހް. ނުބުނަން މުއިއްޒުއަކަށް ނޯއެއް. އާޒިމާދެކެ ވާފޫހިން އޭނައަށް ވޯޓުނުލީ. އުންމީދަކީ މީ ޖެއްސުން ކުރެވޭނެ ކަމެއް ކަމައް ހަދައިގެން މުޅިއެތި ގޮއްވާލުމެއް ނޫން. އާޒިމް އަށް ކުރެވޭނެ. އެކަމް ޔޫ ދުރުގަ ހުރޭ
ސުލޭމަން
14 January 2024
އާޒިމު2028
ލައްކަ
14 January 2024
ތިއެއް ނޫނޭ… މުޅި ރާއްޖެއިން އިބޫއަށް ނޫނެކޭ ބުނެފިއޭ…
ސަރީއަލީހަމީދު
14 January 2024
ސަރުކާރަށް ނޫނެކޭ ނުބެނޭ އާޒިމާ ސަކޫރަށް ނޫނެކޭ ނުނީ..މިހާރު 30 ޕަސެންޓް ދިވެހިން ހަމަ ޕާޓީން މީހަކު ނެރޭއިރަށް ވޯޓެއްނުލާނެ ..އެމީހާގެ އަކީ ކާކުކަން ބާލާފައި ދިވެހިން 30 ޕަސެންޓް ވޯޓްލާންދަނީދެން ހަމަ ޕާޓީން ނެރޭހާމީހަކަށްވޯޓްދިނީ ސޯލިހުން ހޮވުނުއިރު،،،އެދުވަސްހިގައްޖެ..
12345
14 January 2024
އިބޫއަކީ ހަމަ ތަނެއް ދޮރެއްނޭނގޭ މީހެކޭ ބުނެވެނީ ދައްކާ ބުރާންތި ވާހަކައިން. އިބޫއަށް ނޭނގޭ މާލޭ މޭޔަރު ކަމަށް ވޯޓު ލެވެނީ މާލޭގަ ރަޖިސްޓްރީ އޮންނަ މީހުންނަށްކަންވެސް. އެވަރުގެ ދެބަންދިހާރަކަށްވިއްޔަ ގައުމުގެ ބައެއް މީހުން ވޯޓުލީ. ސަލާމްބުނި.
ލައީ
14 January 2024
ތިބޭޅާއަށް މުޅި ރާއްޖެ 100% ނޯ އޭ ބުނެފަ އޮއްވާ ދެން ރަނގަޅުވާނީ މަޑުން ހުންނެވިއްޔާ.. އޭރުން ދެންވެސް އިޙްތިރާމް ލިބިވަޑައިގަންނަވާނެ..