ރޯމާގެ ކޯޗުކަމުން މޮރީނިއޯ (ވ) ވަކިކޮށް، މި ސީޒަންގެ ނިޔަލަށް ކުރީ ކުރީގެ ކުޅުންތެރިޔާ ޑި ރޮސީ (ކ) ޓީމުގެ ހެޑް ކޯޗަކަށް ވަނީ ހަމަޖައްސައިފަ.--
16 ޖެނުއަރީ 2024 - 22:46
ރޯމް (ޖެނުއަރީ 16) - އޭއެސް ރޯމާގެ ކޯޗުކަމުން ހޯޒޭ މޮރީނިއޯ ވަކިކޮށް، މި ސީޒަންގެ ނިޔަލަށް އެ ޓީމުގެ ކޯޗުގެ މަގާމު ކުރީގެ ކުޅުންތެރިޔާ ޑެނިއަލް ޑި ރޮސީ ހަމަޖައްސައިފި އެވެެ.
މި ސީޒަންގައި ރޯމާގެ ނަތީޖާތައް އާދަޔާ ހިލާފަށް ދަށްވެފައި ވާއިރު، އެ ޓީމު އޮތީ އިޓާލިއަން ލީގުގެ ނުވަވަނައިގަ އެވެ. އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލުން އެ ޓީމު ވަނީ ކަޓައިފަ އެވެ. ޔޫރޮޕާ ލީގުގައި އެ ޓީމުގެ ނިސްބަތުން އާދައިގެ ގުރޫޕެއްގައި ހިމެނިގެން ނިންމާލީ ދެވަނައިގަ އެވެ.
މޮރީނިއޯ ވަނީ ޖެހިޖެހިގެން ދެ ސީޒަންގައި ރޯމާ ގޮވައިގެން ޔޫރަޕްގެ ދެ ފައިނަލެއް ކުޅެފަ އެވެ. ފުރަތަމަ 2022 ވަނަ އަހަރު ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލަށް ގެންގޮސްދީ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ބޮޑު މުބާރާތެއް އެ ޓީމަށް ކާމިޔާބު ކޮށްދިނެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ މިދިޔަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލްގައި ކުޅެފަ އެވެ. އެ ފައިނަލުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
ރޯމާ އިން ނެރުނު ބަޔާނުގައި ބުނީ، މޮރީނިއޯއާ އެކު، ކްލަބުން ހޯދި ކާމިޔާބީތައް ފަނޑުވެގެން ނުދާނެ ކަމަށާއި ނަމަވެސް އެއީ މި ވަގުތަށް ކްލަބަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
މޮރީނިއޯ މަގާމުން ވަކިކުރިތާ ހަތަރު ގަޑިއިރު ފަހުން ރޯމާ އިން ވަނީ މި ސީޒަންގެ ނިޔަލަށް، އެ ޓީމުގެ ލެޖެންޑަރީ ކުޅުންތެރިޔާ ޑި ރޮސީ އަށް ޓީމުގެ ކޯޗުކަން ހަވާލު ކުރިކަން އިއުލާން ކޮށްފަ އެވެ.
ސީނިއާ ކްލަބް ކެރިއަރުގައި 19 އަހަރު ރޯމާ އަށް ކުޅުމަށް ފަހު، ޑި ރޮސީ ރިޓަޔާ ކުރީ 2020 ވަނަ އަހަރު އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް އެއް ސީޒަން ކުޅެފަ އެވެ. އޭނާ ވަނީ ރޯމާގައި ކުޅުނު 18 ސީޒަންގައި 616 މެޗު ކުޅޭދީ 63 ގޯލު ޖަހައިފަ އެވެ.
އިޓަލީގެ ގައުމީ ޓީމަށް 117 މެޗު ކުޅެދިން މިޑްފީލްޑަރު ގައުމީ ޓީމުން ރިޓަޔާ ކުރީ 2017 ވަނަ އަހަރެވެ. ގައުމީ ޓީމާ އެކު 2006 ގެ ވޯލްޑް ކަޕް ނެގި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ޑި ރޮސީ ވަނީ ގައުމީ ޓީމަށް 21 ގޯލު ޖަހައިދީފަ އެވެ.
ޑި ރޮސީ ކުޅުން ހުއްޓާލުމާ އެކު އިޓާލިއަން ސެރީ އޭގެ ގިނަ ކްލަބްތަކަކުން އޭނާ ގެންދަން ޝައުގުވެރިކަން ފާޅު ކުރި އެވެ. ނަމަވެސް އިޓަލީގެ މަތީ ފަންތީގައި ހެޑް ކޯޗުގެ މަގާމު ފުރަން ޔޫއެފާ ޕްރޯ ލައިސެންސް ބޭނުން ވާތީ އޭރު މަގާމަކާ ހަވާލެއް ނުވެވުނެވެ. ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ އިޓަލީ ގައުމީ ޓީމުގެ އޭރުގެ ކޯޗު ރޮބާޓޯ މަންޗިނީގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
އޭނާ އާއެކު ވޯލްޑް ކަޕް އުފުލާލި ގޯލްކީޕަރު މާކޯ އަމީލިއާ އާއި ޑިފެންޑަރު އަންޑްރެއާ ބާޒަގްލީ އަދި ފޯވާޑް އަލެސަންދްރޯ ޑެލް ޕިއެރޯ އާއެކު ޔޫއެފާ ޕްރޯ ލައިސެންސް ހާސިލް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ޖެހިގެން އައި މަހު ރޮސީ ވަނީ އިޓަލީގެ ދެވަނަ ޑިވިޝަން ކުޅޭ ސްޕާލްގެ ކޯޗުކަމާ ހަވާލު ވެފަ އެވެ. ނަމަވެސް ލީގުގައި އެޓީމަށް ރެލިގޭޝަން ޒޯނުން އަރައި ނުގަނެވިގެން ޑި ރޮސީ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަގާމުން ދުރުކޮށްފަ އެވެ.
ރޯމާ އަކީ ޑި ރޮސީ، ހެޑް ކޯޗެއްގެ ގޮތުން ހަވާލުވި ދެވަނަ ކްލަބެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެފު އޭ އެމް
17 January 2024
ރާއްޖޭގެ އެފު އޭ އެމް ގެ ވަޒީފާ ހުސްކޮށް އެބައޮތް އެކަމަކު މުސާރަނުދޭނެ. ބައްސާމް އާއެކު ޱީލެއްހަދަންވާނެ ފުރަތަމަ ޝަރުތު.