ރައީސް މުއިއްޒަށް ޗައިނާ އިން ރަސްމީކޮށް މަރުހަބާ ދަންނަވަން ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ޗައިނާގެ ސަފީރު ވާންގް ލީޝިންއާ ސަލާމް ކުރައްވާއިރު، ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން.
18 ޖެނުއަރީ 2024 - 08:20
ޗައިނާގެ ސަރުކާރުން ރާއްޖެ އަށް ދިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަކީ ދިވެހި ސަރުކާރުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ދިން އެހީއެއް ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވާންގް ލީޝިން އިއްޔެ ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް މިދިޔަ ހަފުތާގައި ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން 130 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަން ހާމަކުރައްވައިފަ އެވެ.
އެ ދަތުރުފުޅާ ގުޅޭ މައުލޫމާތުތައް ދިވެހި މީޑިއާއާ ހިއްސާކުރުމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އިންތިޒާމްކޮށްގެން އިއްޔެ ހަވީރު ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ލީޝިން ވިދާޅުވީ ހިލޭ އެހީ ގޮތުގައި 130 މިލިއަން ޑޮލަރު ދޭން ނިންމީ ރާއްޖެ އިން ބޭނުންވާ މަޝްރޫއެއް ނޫނީ މަޝްރޫއުތަކެއް ހިންގުމަށް ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ އާ އެކު.
"އެ 130 މިލިއަން ޑޮލަރަކީ ދިވެހި ސަރުކާރަށް ދިން ހަދިޔާއެއް. އެ ފައިސާ ދިނީ މަޝްރޫއުތައް ހިންގަން. އެ މަޝްރޫއެއް ނޫނީ މަޝްރޫއުތަކެއް ކަނޑައަޅާނީ ދިވެހި ސަރުކާރުން،" ސަފީރު ވިދާޅުވި އެވެ.
ޗައިނާއިން ދޭން ނިންމާފައިވާ ހިލޭގެ އެހީގެ ބޮޑު ބައެއް ހޭދަކުރާނީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި، ލީޝިން ވިދާޅުވީ އެ ފައިސާ ބޭނުންކުރާނެ މަޝްރޫއުއެއް ކަނޑައަޅުމުގެ ފުރިހަމަ އިހުތިޔާރު ދިވެހި ސަރުކާރަށް އޮންނާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫއު ކަމަށްވާ ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާ އެކު ސޮއި ކުރި އެއްބަސްވުމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސަފީރު ވިދާޅުވި ގޮތުގައި އެކަމުގެ ހުރިހާ ތަފުސީލެއް އަދި ނުނިމޭ ކަމަށެވެ.
ރައީސް މުއިއްޒާއި ޗައިނާގެ ސަފީރު ވާންގް ލީޝިން ސަލާން ކުރައްވަނީ.
"ދަތުރުފުޅުގެ ތެރެއިން ނުލިބޭ އެ ހުރިހާ ތަފުސީލުތަކެއް ނިންމާނެ ވަގުތެއް. އެހެންވީމާ އަޅުގަނޑުމެން ދިވެހި ސަރުކާރާ އެކު މަޝްވަރާތައް ކުރަމުން މި ދަނީ އެ މަޝްރޫއު ކުރިއަށް ގެންދާނެ ތަފުސީލުތަކަށް ދިޔުމަށްޓަކައި،" ސަފީރު ވިދާޅުވި އެވެ.
ލީޝިން ވިދާޅުވި ގޮތުގައި އެ މަޝްރޫއު ހިންގުމަށް ޗައިނާގެ ބައެއް ކުންފުނިތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ތަފާތު 20 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ސަފީރު ވިދާޅުވީ އެ އެއްބަސްވުންތަކަށް ވީ އެންމެ އަވަހަކަށް އަމަލުކުރުމަށްޓަކައި ޗައިނާ އެމްބަސީން މިހާރު ވެސް އަންނަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ގުޅިގެން ކަމާ ގުޅޭ އެހެން ވުޒާރާތަކާ އެކު މަސައްކަތް ކުރަމުން ކަމަށެވެ.
- މަސްވެރިކަން.
- ޑިޖިޓަލް އިކޮނޮމީ.
- ޕަބްލިކް ސާވިސް މީޑިއާ ތަރައްގީކުރުން.
- 1،000 ސިވިލް ސާވަންޓުންނަށް ފުލީ ފަންޑެޑް ސްކޮލާޝިޕް.
- އިކޮނޮމިކް ޑިވެލޮޕްމަންޓް، އެގްރިކަލްޗަރަލް ދާއިރާ ފުޅާކުރުން.
- ޓޫރިޒަމް ފުޅާކުރުން، ޗައިނާ ޓޫރިސްޓުން އިތުރުކޮށް ޑައިރެކްޓް ފްލައިޓް އިތުރުކުރުމާއި މާކެޓިން ފުޅާކުރުން.
- ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ހެދުން.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން.
- ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮމާޝަލް ޑިސްޓްރިކްޓެއް ތަރައްގީކުރުން.
- މާކެޓިން އިތުރުކުރުން.
- ބޭންކިން ދާއިރާ.
- ތިލަފުށީ ޕޯޓް.
- އުތުރު ތިލަފަޅުގައި އެގްރިކަލްޗާ އެސްޓަބްލިޝްމަންޓެއް ގާއިމުކުރުން.
- ފޫޖޯ އާއި މާލެ ސިޓީގެ ސިސްޓާ ސިޓީ ގާއިމުކުރުމަށް ނިންމުން.
- ކުޅިވަރުގެ ދާއިރާއިން އެހީވާން ނިންމުން.
- ރިނުއަބަލް އެނާޖީ ދާއިރާއިން އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކުރި.
- ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ހެދުން.
- 17 ރަށެއްގެ ސިއްހީ މަރުކަޒުގެ ލެބޯޓްރީތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ހިލޭ ދިނުން.
- ހަތަރު ރަށެއްގެ ޝޯ ޕްރޮޓެކްޝަން އަދި ވޭސްޓް މެނޭޖްމަންޓް ހިލޭ އެހީ ހަމަޖެހުން.
- ރަސްމާލެ އާއި ގުޅިފަޅުގައި ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން ހިމެނޭ ގޮތަށް ކަރަންޓާއި ފެނާއި މަގުހެދުމާއި އަލިފާން ނިއްވާ ނިޒާމު ހެދުމަށް އެެއްބަސްވުން.
ޗައިނާ ސަފީރު ވިދާޅުވި، ދެ ސަރުކާރުގެ ދެމެދުގައި ހެދި އެއްބަސްވުންތަކާ އެކު، އެ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ކުރިއަށް އޮތް ތަނުގައި ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެހެންވެ، ޗައިނާގެ ކަމާ ގުޅޭ އިދާރާތަކުގެ ޓީމުތައް ރާއްޖެ ވަރަށް ގިނައިން އައިސް މަޝްވަރާތައް ބާއްވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޝާން
19 January 2024
ޗައިނާ އާ ގުޅިގެން ކުރިޔަތް ގެންދާ ރަސްމާލެ ޕްރޮޖެކްޓް ނިމޭނެ ދުވަހަކަށް ކެތް މަދު ވެފަ މިހުރީ. މިހާ ތަނަށް އަންނާނެ އެންމެ ބޮޑު ބިޔަ މަޝްރޫއު ކަމަށް ވާތީ. މުއިއްޒު އަށް ދެވަނަ ދައުރެއްވެސް ހައްގު ހަމަ އެކަނި އެ ޕްރޮޖެކްޓް އަށް ބަލާލިކަމުގަ ވިޔަސް
ހާނިމްް
19 January 2024
މުއިއްޒު ބޭނުން އެވާ ސްޕީޑްގަ ކަންކަން ކުރަން ބޭނުންވަންޏާ އަހަރުން ޗައިނާ އާ އެކީ މަސައްކަތް ކުރަން ޖެހޭނީ. އެމީހުން މަސައްކަތް ހާދަ ކޮޅިޓީ ވެފަ ހާދަ ފާސްޓޭ. މުއިއްޒު މެންގެ ވިސްނުން މަށަށް ހަމަ ސަތޭކަ. ތަރައްޤީ ބޭނުންވާ ރޭޓްގަ ބޭނުން ވަންޏާ ހަމަ އަސްލުވެސް އިންޑިއާ ދޫ ކޮށްލާފަ ޗައިނާ ކައިރި ކުރަން ޖެހޭ. ޗައިނާ އާ އެކީ ގޯސް ކޮށްފަ އޮތް ގުޅުން އަނބުރާ ރަނގަޅު ކުރަން އެބަ ޖެހޭ.
އިއްބެެ
19 January 2024
ޗައިނާ މީހުންގެ މަސައްކަތުގެ ކޮލިޓީ އާ ދޭތެރޭ ސުވާލު އުފައްދާކަށްވެސް ނުވާނެ. ދެ ބްރިޖް އަށް ބަލާލީމަ ވެސް އެކަން ފެނިގެން ދާނެ. ޗައިނާ އާ އެކީ ގުޅުން ވަރުގަދަވި ވަރަކަށް މި ޤައުމަށް އެތަކެެއް ފައިދާ ކުރާނެކަން ޔަގީން
ރިމާހް
19 January 2024
މުއިޒްމީ މޭންއެއް. ރާއްޖޭގެ ތާރީހުގަވެސް ޗައިނާއިން އެންމެ ގިނަ އެހީ ދިނީ މުއިޒްގެ ވެރިކަމުގެ. މީ ކަންކަން ދަންނަ މީހުންނާ ނުދަންނަ މީހުންގެ ތަފާތަކީ. މުއިޒްއަށް ސެލިއުޓް
ޝަހުދުﷲ
19 January 2024
ރާއްޖޭ މީހުން މި ބޭނުންވާ ތަރައްޤީ ފާސްޓް މިނުގަ ގެނެސްދެވޭނެ ބަޔަކީ ޗައިނާ. އެއީ އިންޑިޔާއަށް ކުރެވޭނެ ކަމެއްނޫން
ސިދު
19 January 2024
ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިޔާ. ރައީސް މުއިޒްގެ މި ވިސްނުމަށް ހަމަ 100 ދޭންޖެހޭ
އާލިން
19 January 2024
ރައީސް މުއިޒްގެ ފޮރިން ޕޮލިސީ ތަފާތުވާނެ. ރާއްޖޭގެ ދާހިލީ ކަންކަމާ ނުބެހޭ، އަދި ރާއްޖޭގެ ގެންއުޅޭ އުސޫލުތައް ގަބޫލުކުރާ ބަޔަކާ ގާތް ގުޅުން އޮންނާނީ. އޭގެ މާނައެއް ނޫން ވަކި ގައުމަކާ ޖައްސާލާނޭ
ނުއުނާ
19 January 2024
މިހެންވެ އަހަރުމެން އަބަދުވެސް ބުނަނީ ޗައިނާ ވަރެއްނެތޭ. ދުވަހަކުވެސް މި އިންޑިޔާއަށް ނުކެރޭ މިވަރުގެ ކަމެއްކޮށްލާކަށް. އަބަދުވެސް ޗައިނާ އަތުން ލޯނު ނަގައިގެން އަހަރުމެންނަށް ބޮޑު އިންޓްރެސްޓްގަ ލޯނު ދެނީ
އަދުނާނު
18 January 2024
130 މިލިއަން ޑޮލަރު؟ ވާއު. ޗައިނާ ވަރެއް ނެތް ކަލޯ.
އާޒާދު ރުޝްދީ
18 January 2024
މިހާރު ޔަގީންވެއްޖެ ރަސްމާލޭގައު މި 5 އަހަރު ނިމުމުގެ ކުރިން މީހުން އާބާދުވާނެކަން. ޗައިނާއިން 30000 ހައުސިން ޔުނިޓް އަޅަން ފަށާފިނަމަ 2 އަހަރުން ނިންމާނެ . އަދި ފަހު އަހަރު މީހުންނަކަށް ވަދޭވޭނެ