އުޅަނބޮށީގެ އޮޕަރޭޝަނަށް ފަހު ސައިފް ގެއަށް ދިޔައިރު، އެ ގޭގެ ބޭރުގައި ތިބި ޕަޕަރާޒީންނާއި ފޭނުންނަށް ސަލާން ގޮވާލަނީ. އަދި ކައިރީގައި އޭނާގެ އަނބިމީހާ ކަރީނާ.
24 ޖެނުއަރީ 2024 - 06:24
މިދިޔަ ހޯމަ ދުވަހު އުޅަނބޮށީގެ އޮޕަރޭޝަނެއް ކުރި ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން އިއްޔެ ގެއަށް ދޫކޮށްލައިފި އެވެ.
އެ އޮޕަރޭޝަން ކުރީ ބޮންބޭގައި ހުންނަ ކޮކިލާބޭން ދިރުންބާއީ އަމްބާނީ ހޮސްޕިޓަލްގަ އެވެ. އޭނާ އެޑްމިޓްކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމުން ސައިފް ވަނީ އޭނާ ގެއަށް ދިޔައިރު އެ ގެ ކައިރިއަށް އިއްޔެ އެއްވެ ތިބި ޕަޕަރާޒީންނާއި އޭނާގެ ފޭނުންނާ ވެސް ބައްދަލުކޮށްފަ އެވެ.
ސައިފް ކައިރީގައި އޭނާގެ އަނބިމީހާ އަދި އެކްޓްރެސް ކަރީނާ ކަޕޫރް ހާން ވެސް ހުއްޓެވެ.
އުމުރުން 53 އަހަރުގެ ސައިފްގެ އުޅަނބޮށި ހަލާކުވީ 2017 ވަނަ އަހަރު ނުކުތް އޭނާގެ ފިލްމު "ރަންގޫން"ގެ ޝޫޓިންގެ ތެރެއިން ހިނގި އެކްސިޓެންޓެއްގަ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، އޭނާ މި އޮޕަރޭޝަން ކުރީ ފަސޭހަވާނެ އިތުރު ގޮތެއް ނެތިގެންނެވެ.
އޮޕަރޭޝަނަށް ފަހު ސައިފް ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި އޮޕަރޭޝަންގެ ކަންކަން ދިޔައީ ވަރަށް ފުރިހަމައަށް ކަމަށެވެ.
އޭނާ އަށް ފަރުވާދިން މެޑިކަލް ޓީމަށް ވެސް ތައުރީފު ކުރި އެވެ.
ސައިފް ދެން އެންމެ އަވަހަށް ފެންނާނީ މި އަހަރު ނުކުންނަ ދެކުނު އިންޑިއާގެ ފިލްމު "ދެވާރާ: ޕާޓް ވަން" އިންނެވެ. އެ ފިލްމަކީ ޖާންވީ ކަޕޫރް ކުޅޭ ފުރަތަމަ ތެލުގޫ ފިލްމެވެ. އެ ފިލްމުގައި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޖޫނިއާ އެންޓީއާރު ވެސް އުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy