ފަލަސްތީނުގެ ޣައްޒާއިން ހާލުގައި ޖެހިފައިވާ ބަޔަކު އުންރުވާގެ ވަގުތީ ހިޔާއެއްގައި. -- ފޮޓޯ: އޭއެފްޕީ
29 ޖެނުއަރީ 2024 - 06:18
ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި، އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް އދ. އިން ހާއްސަކޮށްފައި ޖަމިއްޔާ (އުންރުވާ) ގެ މުވައްޒަފުންތަކެއް ބައިވެރިވި ކަމުގެ ތުހުމަތާ އެކު ގައުމުތަކުން އެ ޖަމިއްޔާއަށް އެހީވުން ހުއްޓާލާފައި ވާތީ އެކަން އެގޮތަށް ނުކުރުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓިއޯ ގުޓަރެސް ގޮވާލައްވައިފި އެވެ.
"މި ސީރިއަސް ތުހުމަތާ އެކު އެ ގައުމުތަކުގެ ކަންބޮޑުވުން އަޅުގަނޑަށް ގަބޫލުކުރެވޭ. މިއީ އަޅުގަނޑު ވެސް ނުހަނު ކަންބޮޑުވާ ތުހުމަތެއް ... އަޅުގަނޑު އެދެނީ އުންރުވާ އަށް ފައިސާ ދިނުން ހުއްޓާލާފައިވާ ގައުމުތަކުން ކުރިއެކޭ އެއްގޮތަށް އެހީވެ އުންރުވާގެ މަސައްކަތް ނުހުއްޓު ކުރިއަށްދާނެ ގޮތެއް ފަހިކޮށްދިނުން،" ގުޓަރެސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
އުންރުވާ އަށް އެހީވުން ބޮޑެތި ބައެއް ގައުމުތަކުން ހުއްޓާލީ އެ ޖަމިއްޔާގެ ބައެއް މުވައްޒަފުން، އިޒްރޭލަށް ހަމާސް އިން ދިން ހަމަލާގައި ބައިވެރިވެފައިވާ ކަމަށް ކުރި ތުހުމަތާ އެކުގަ އެވެ. މި ތުހުމަތާ އެކު އުންރުވާ އިން ވަނީ އެތައް މުވައްޒަފުންނެއް ވަކިކޮށް، ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.
އިޒްރޭލުން ބުނަމުން ދަނީ އުންރުވާ އަކީ އިޒްރޭލަށް ހަމަލާ ދޭން ބޭނުންކުރާ ނިވަލަކަށް ވެގެން ނުވާނެ ކަމަށާއި އެ ޖަމިއްޔާގެ މަސައްކަތް ހުއްޓުވާނެ ކަމަށެވެ.
"މި މުވައްޒަފުންނާ މެދު ކުރި ތުހުމަތުގެ ސަބަބުން ނުކުންނާނެ ނަތީޖާތަކެއް ހުންނާނެ،" ގުޓަރެސް ވިދާޅުވި އެވެ.
"އެކަމަކު އުންރުވާ އަށް، އެންމެ ނުރައްކާ ހާލަތުގައި ވެސް، މަސައްކަތްކޮށްދޭ އެތައް ހާސް އަންހެނުންނާއި ފިރިހެނުންނަށް ޖުމްލަކޮށް މިކަމުގައި އަދަބެއް ދީގެން ނުވާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.
ގުޓަރެސް ވިދާޅުވީ އުންރުވާގެ 12 މުވައްޒަފަކާ މެދު ޝައްކު އުފެދިފައިވާ ކަމަށާއި އެ މީހުންގެ މައްސަލަތައް ބަލައި ތަހުގީގުކުރާނެ ކަމަށެވެ.
ހަމާސް އިން މިދިޔަ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާދީ 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމުން، ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 26،000 އަށް ވުރެ ގިނަ މީޙުން ޝަހީދުވެފަ އެވެ. --އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
30 January 2024
މިއީ ނުބައި އިޒްރާއީލުގެ ޕްރޮފެގެންޑާގެ މޮޅުކަން. ހުރިހާ މުސްލިމުން އިޒްރާއީލާ ދެކޮޅަށް ސޯޝަލް މީޑިއާ ގައި ތެދުފެތުރުން ވަރަށް މުހިންމު
އީމަން
30 January 2024
އިޒްރޭލުން ޢައްޒަ، ޙަމާސް އަދި ފަލަސްތީން އާމުން އުޅޭ ހުޅަނގު އައްސޭރި އާ ގުޅުވައިގެން މިހާތަނަށް ނެރުނު އެއްވެސް ބާޔާނެއް ގަ ތެދެއް ހަދާފައެއް ނެތް .
ޖަލީލީ
29 January 2024
މީ ގުޅިގެން ރޭވިގެން ފަލަސްތީނީން ނައްޓާލުމަށް ޓަކައި ބާރުގަދަ ގައުމުތަކާ އިޒްރޭލް ގުޅިގެން ކުރާކަމެއް. އިޒްރޭލުން އުފައްދާ ކޮންމެ ދޮގެއް މިވެރިން އެބަ ގަބޫލުކުރޭ، ކުރިން 40 ކުޑަކުދިން ބޯބުރިކުރި ވާހަކަ. ފަލަސްތީނުގަ ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާ މިވެރިންގެ ލޮލަކަށް ނުފެނޭ މަންޒަރުތަށް ކިތަންމެ ގިނައިން ޝެއަރ ކުރިޔަސް.