ބީއެމްއެލް. ކިޔަވާ ކުދިންނަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓު ވަނީ ކުޑަކޮށްފައި -- ފޮޓޯ: ބީއެމްއެލް
29 ޖެނުއަރީ 2024 - 10:38
ބީއެމްއެލް އިން ދޫކުރާ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށްފި އެވެ.
މިިދިޔަ ހަފްތާގައި ބީއެމްއެލް އިން ބޭއްވި ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް 2.5 ޕަސެންޓަށް ދަށްކޮށްފަ އެވެ.
މިހާރު ނަގާފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށް ވެސް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައި ވަނީ މި ރޭޓެވެ.
ބީއެމްއެލް އިން ބުނީ އަނެއް ހެޔޮ ބަދަލަކީ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 90 ޕަސެންޓާ ހަމަޔަށް ފައިނޭންސް ލިބޭ ގޮތަށް ހެދުމެވެ. ފައިނޭންސިން ރޭޓަށް މި ގެނެވުނު ބަދަލާ އެކު، މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު އޮޓަމެޓިކުން ކުޑަވާނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މަތީ ތައުލީމު ހާސިލްކުރުމަށް ބޭންކުން ދޫކުރާ ފައިނޭންސިންގެ ރޭޓް ދަށްކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ.
"ފައިނޭންސިން ރޭޓަށް މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާ އެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ވެސް ފަސޭހައިން ފަންޑިން ހޯދުމުގެ ފުރުސަތު ފަހިކޮށްދެވިގެންދިޔަ. އަދި މިއަދު މި ގެނެވުނު ބަދަލުގެ ސަބަބުން އިތުރު ދަރިވަރުންނަށް މިވަނީ ފުރުސަތު ފަހިވެގެން ގޮސްފައި،" އޭނާ ވިދާޅުވި އެވެ.
މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ބީއެމްއެލް އިން ހިއްސާކުރާނެ އެވެ.
ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަށް ދޫކުރާ ލޯނު އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy