ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް، އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗެއް ބައްލަވަން ވަޑައިގެން ގަލޮޅު ދަނޑުގައި: އޭނާގެ މިނިސްޓަރުކަމުގައި މާޒިޔާ އަށް މިދިޔަ އަހަރު 5.2 މިލިއަން ރުފިޔާ ދީފައި ވޭ --- ފައިލް ފޮޓޯ: މާޒިޔާ
29 ޖެނުއަރީ 2024 - 11:49
ސަރުކާރުން މިދިޔަ އަހަރު އެކަނި މާޒިޔާ އަށް 5.2 މިލިއަން ރުފިޔާދީފައިވާކަން ހާމަކޮށްފި އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ދަށުން އަމިއްލަ ފަރާތަކުން، މައުލޫމާތު ހޯދަން އެދުމުން ސްޕޯޓްސް މިނިސްޓްރީން އާންމު ކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ އަހަރު މާޒިޔާ އަށް ސަރުކާރުން 5,226,132.12 ރ. ވަނީ ދީފަ އެވެ.
އޭގެ ތެރޭގައި، އެ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ހަރަދުތަކަށް ވެސް ސަރުކާރުން ދެ ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު އެއް މިލިއަން ރުފިޔާ ދީފައިވާކަން، ސްޕޯޓްސް މިނިސްޓްރީން ހާމަ ކުރި މައުލޫމާތުގައި ވެއެވެ.
> އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގައި ބައިވެރިވުމަށް އިންޑިއާ އަށް ކުރި ދަތުރު - 368,299.60ރ
> 2023 ވަނަ އަހަރުގެ ސީޒަނަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ފައިސާ - އެއް މިލިއަން ރުފިޔާ
> 2023 ގެ ފުޓްބޯޅަ ސީޒަނަށް ކްލަބްތަކަށް ދޭ ފައިސާ - 247،500ރ.
> 2023 ވަނަ އަހަރުގެ ސީޒަނަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ފައިސާ - އެއް މިލިއަން ރުފިޔާ
> ޕްރެޒިޑެންޓް ކަޕް 2023 ގެ ޗެމްޕިއަންކަން ހޯދުމުން އިނާމު ފައިސާ - 500،000ރ.
> އޭއެފްސީ ކަޕް 2023 ގުރޫޕް ސްޓޭޖު މެޗުތަކަށް ދަތުރުކުރުމުގެ ހަރަދުގެ 50 ޕަސަންޓް ފައިސާ - 175,695.48
> އޭއެފްސީ ކަޕް 2023 ގުރޫޕް ސްޓޭޖު މެޗުތަކަށް ދަތުރުކުރުމުގެ ހަރަދުގެ 50 ޕަސަންޓް ފައިސާ - 175,695.48
> ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ފޯރުކޮށްދން މާލީ އެހީ - އެއް މިލިއަން ރުފިޔާ
> އޭއެފްސީ ކަޕް މެޗު ކުޅުމަށް ބަންގްލަދޭޝް އަށް ކުރި ދަތުރު - 350,558.28ރ.
> އޭއެފްސީ ކަޕް މެޗު ކުޅުމަށް އިންޑިއާ އަށް ކުރި ދަތުރު - 408,383.28ރ.
ސަރުކާރުން ފައިސާ ދިނުމުގައި، އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް މާޒިޔާ އާއި އެހެން ކްލަބްތަކާ ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ވެއެވެ.
ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން 2022 ގައި ވެލެންސިއާއިން ހޯދި ނަމަވެސް، ސްޕޯޓްސް މިނިސްޓޤރީން އޭރު ނިންމީ، ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން ޓީމަށް އިނާމު ފައިސާ ނުދިނުމަށެވެ. އެކަމަކު މިދިޔަ އަހަރު މާޒިޔާއިން ޗެމްޕިއަންކަން ހޯދުމުން އެ ކްލަބަށް 500،000ރ. ދީފައި ވެއެވެ. ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ޓީމަށް އޭގެ ކުރިން ސަރުކާރުން އަބަދުވެސް އިނާމު ފައިސާ ދީފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާވާ
30 January 2024
މީދޯ މިހާ ބަރާބަރަށް މާޒިޔާ ހިންގާ ސަބަބު!
ލާމަސީލު
29 January 2024
ވެލެންސިއާ އަށް އެކުރި ޖެއްސުމަކީ އެޓީމުގައިތިބި ކުޅިވަރަށް ލޯބިކުރާމީހުންނަށްވެސް ދިން ލަގާއެއް. ބައްސާމަށް ބޭލިރުޅިގަނޑު ކަމާނުބެހޭ މީހުންވެސް ތަހައްމަލް ކުރުމަކީ ހެދިގޯހެއް.
އަޅި އަލީ
29 January 2024
ޓްވިޓާއިން ގައުމު ހިންގި ވަޒީރުގެ ހާލަތު