މިދިޔަ އަހަރު ދެވަނަ ޑިވިޝަނުގައި ނިއު އާއި ވިކްޓަރީ ކުޅުނު މެޗުގެތެރެއިން: މި ފަހަރު އެ ދެޓީމަށް އެކުގައި ޕްރޮމޯޓެއް ނުވެވޭނެ -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
31 ޖެނުއަރީ 2024 - 10:47
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ވެސް މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި، ވާދަކުރާ ގުރޫޕްގެ އެއްވަނަ ހޯދުމާ ގުޅިގެން، ދެ ކްލަބް މިއަހަރު އެކުގައި އެއްވަނަ ޑިވވިޝަނުނަށް ޕްރޮމޯޓް ނުވާނެކަން ކަށަވަރު ވެއްޖެ އެވެ.
ވިކްޓަރީ އިން އިއްޔެ ހަވީރު ކުޅެން އޮތް މެޗުން މޮޅުވީ ބޯޅައިގައި ފައިޖައްސާލަން ވެސް ނުލިބި އެވެ. އެއީ އިދިކޮޅަށް ކުޅެން ހަމަޖެހިފައިވާ ބިސްބުރު ސްޕޯޓްސް ކްލަބް މެޗަށް ހާޒިރު ނުވުމުންނެވެ. ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކު ވިކްޓަރީ ވަނީ ގުރޫޕްގެ އެއްވަނަ ޔަގީން ކޮށްފަ އެވެ.
ބިސްބުރު ނިންމާލީ ހަތަރު މެޗުން ވެސް ޕޮއިންޓެއް ނުލިބި އެވެ. މިއީ މި މުބާރާތުގައި ޓީމެއް މެޗަކަށް ހާޒިރު ނުވވި ދެވަނަ ފަހަރެވެ. ނިއު އާ ދެކޮޅަށް ކްލަބް ޓީނޭޖް ކުޅެން އޮތް މެޗަށް އެ ޓީމު ހާޒިރު ނުވުމުން އެ މެޗު ނިއު އަށް ލިބުނީ އެވެ.
މި ގުރޫޕްގެ ފަހު މެޗުގައި އަންނަ ހޮނިހިރި ދުވަހު ލެގޫންސް ސްޕޯޓްސް ކްލަބާއި ލޮރެންޒޯ ސްޕޯޓްސް ކްލަބް ބައްދަލު ކުރާނެ އެވެ. ލެގޫންސް މިހާތަނަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދާފައި ވާއިރު، ލޮރެންޒޯ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
އުމެއިރު، ލެގޫންސް ކޮޅަށް ވިކްޓަރީގެ ދެވަނަ ގޯލު ޖެހުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: އަދަދު
ގުރޫޕް ސީގައި ދެން ހިމެނޭ ކްލަބް ޕީކޭ ވަނީ އެޓީމު އެންމެ ފަހުން، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައިފަހތުން އަރައި 6-1 އިން ބިސްބުރު ބަލިކޮށް، ހަތަރު މެޗުން ހަ ޕޮއިންޓް ހަމަކޮށްފަ އެވެ.
އެ މެޗުގައި ބިސްބުރަށް މެޗުގެ ހަތަރުވަނަ މިނިޓުގައި މުހައްމަދު މާޒިން އެވެ. ޕީކޭގެ ހަ ގޯލުގެ ތެރެއިން ފަސް ގޯލު ޖެހީ އަލީ މުނާޒް އެވެ. އަދި ހަ ގޯލުގެ ތެރެއިން ވެސް އެޓީމުން ލީޑު ނެގި ގޯލު ޖަހައިދީފައި ވަނީ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އެވެ.
ނިއު ވަނީ މިދިޔަ ހޯމަ ދުވަހު، އެޓީމުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 3-1 އިން ޓެންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، ގުރޫޕްގެ އެއްވަނަ ޔަގީން ކޮށްފަ އެވެ.
އެ މެޗުގެ ހަތަރުވަނަ މިނިޓުގައި ކޯފީ އޮވޫސޫ ނިއު އަށް ލީޑު ނަގައިދީފައި ވަނިކޮށް ދެ މިނިޓު ތެރޭ އަހުމަދު ރިލްވާން (ރިލޭ) ޓެންޓަށް ނަތީޖާ އެއްވަރު ކޮށްދިނެވެ. އެކަމަކު އޭގެ 10 މިނިޓު ފަހުން ކޯފީ ވަނީ ދެވަނަ ފަހަރަށް ނިއު އަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ކޯފީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ.
މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަނުގައި ނިއު ކުޅުނު މެޗެއްގެ ތެރެއިން
ނިއު އާއި ވިކްޓަރީ ވެސް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރުން ފުރުސަތު ހޯދާފައި ވާއިރު، ކުއާޓާ ފައިނަލްގައި ނިއު ކުޅެން ޖެހޭނީ ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ނަތީޖާ ރަނގަޅު ޓީމަކާ ދެކޮޅަށެވެ.
ވިކްޓަރީ ނުކުންނާނީ ގުރޫޕް އޭގެ ދެވަނައަށް ދިޔަ ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށެވެ. ކުޑަހެންވޭރު ވަނީ ގުރޫޕް އޭ ގައި އެ ޓީމުގެ ފަހު މެޗުގައި 4-1 އިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށް ނުވަ ޕޮއިންޓް ހޯދައިފަ އެވެ. މަހިބަދޫ އަށް ވަނީ ހަ ޕޮއިންޓާ އެކު ގުރޫޕްގެ ތިންވަނަ ލިބިފަ އެވެ.
ކުއާޓާގެ މެޗުތަކުން ނިއު އާއި ވިކްޓަރީ އަށް ކާމިޔާބު ލިބިއްޖެ ނަމަ ދެ ޓީމު ސެމީ ފައިނަލްގައި ވާދަ ކުރާނެ އެވެ.
ދެވަނަ ޑިވިޝަނުން، ދެން އޮންނަ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނީ މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްލޫ
31 January 2024
ތީތި ކަޑައޭ.. ތީތިވެސް ލީގު އުސޫލުން ކުޅެބަލަ. އެހެން ގައުމު ތަކުގަވެސް ކުޅޭހެން.
ސުނާރު
31 January 2024
އެހެންވީމާ މެޗުތަކުގެ ތާވަލު ރަނގަޅެއްނޫން. ތާވަލް ރޭވިފައި އޮންނަންޖެހޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާޓީމްތައް އެންމެފަހުން ވާދަކުރަންޖެހޭގޮތަށް
ބަަރަބޯ
31 January 2024
ދެން ދެބައިމީހުން ތަޅައިގަންނާނީއެއްނޫން.