ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް.
01 ފެބުރުއަރީ 2024 - 06:21
ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ހަތް އަހަރު ފަހުން ބޮލީވުޑްގެ ފިލްމަކަށް ލަވަ ކިޔަން ނިންމައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާތިފް ލަވަ ކިޔަނީ އަމިތު ކަސާރިއާ ޑައިރެކްޓުކުރާ ފިލްމެއް ކަމަށްވާ "ލަވް ސްޓޯރީ އޮފް ނައިންޓީސް" އަށެވެ. އެއީ 2022 ވަނަ އަހަރު މިސް ޔުނިވާސް އިންޑިއާގެ ޓައިޓަލް ކާމިޔާބުކުރި މޮޑެލް ދިވިތާ ރާއީ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. އޭނާއާ އެކު ފިލްމުގެ ލީޑުން ފެންނާނީ އަދުޔާޔަން ސުމަން އެވެ.
އާތިފް އަކީ ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ކިޔައިގެން މަޝްހޫރުކަން ހޯދައި ގިނަ ބައެއްގެ ލޯބި ވެސް ހޯދި ލަވަކިޔުންތެރިއެކެވެ. އޭނާ ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ކިޔުން ހުއްޓާލީ 2016 ވަނަ އަހަރު ޕާކިސްތާނުގެ ފަންނާނުން އިންޑިއާގެ މަސައްކަތް ކުރުން އިންޑިއާގެ ސަރުކާރުން މަނާކުރުމުންނެވެ.
ނަމަވެސް، މިދިޔަ އަހަރު ބޮންބޭގެ ހައި ކޯޓުން ވަނީ ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތް ކުރުން މަނާ ނުކުރެވޭނެ ކަމަށް އަމުރުކޮށްފަ އެވެ.
"ލަވް ސްޓޯރީ އޮފް ނައިންޓީސް"ގެ ޕްރޮޑިއުސަރުން އަދި ދެބެއިން ކަމަށްވާ ހަރޭޝް ސަންގާނީ އަދި ދަރްމޭޝް ސަންގާނީ ބުނީ އާތިފް އެނބުރި ބޮލީވުޑަށް އައުމަކީ އޭނާގެ ފޭނުން ވަރަށް އުފާކުރާނެ ކަމެއް ކަމަށާއި މި ފިލްމުގެ ފުރަތަމަ ލަވަ ކިޔާނީ އޭނާ ކަމަށެވެ. އަދި މިއީ އެމީހުންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.
އާތިފް، މި ފިލްމަށް ކިޔަނީ ލޯބީގެ ލަވައެކެވެ. އަދި މި އަހަރު މި ލަވަ އާންމުކުރާނެ އެވެ.
"ލަވް ސްޓޯރީ އޮފް ނައިންޓީސް" ރިލީޒްކުރާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy