ރިޕޯޓް

ނުހައްގުން ފްލެޓް! މިފަހަރު އިންސާފުވެރިވާނީ ކިހިނެއް؟

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންދާ ފްލެޓެއް: މިތަނުގައި 4000 ފްލެޓް އަޅަމުންދާއިރު ފްލެޓް ލިބުނު ކަމަށް ބުނާ ދާއިމީ ލިސްޓުގައި ހިމެނޭ 59.6 ޕަސެންޓަކީ މަކަރާއި އޮޅުވާލުމުގެ ތެރެއިން ޝަރުތު ހަމަކުރި މީހުން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފްލެޓް ލިބުނީ ހައްގުވެރިންނަށް ނޫން ކަމުގެ ޝަކުވާ އޮއްސާލާފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުން ހެކި ލިބިއްޖެ އެވެ؛ ވަރަށް ހާލުގައި އުޅޭ އެތައް ބައެއްގެ ހައްގު ނިގުޅައިގަނެފައިވާކަން ވެސް ސާފުވެއްޖެ އެވެ.

އޭސީސީގެ ތަހުގީގުން އެނގޭ ގޮތުގައި ފްލެޓް ލިބޭ ކަމަށް އާންމުކުރި ދާއިމީ ލިސްޓުގައިވާ 4،000 މީހުންގެ ތެރޭގައި ހިމެނޭ 60 ޕަސެންޓް މީހުންނަކީ މަކަރާއި އޮޅުވާލުމުގެ ތެރެއިން ފްލެޓް ކަށަވަރުކުރި މީހުންނެވެ. މާނައަކީ އެއީ ހައްގުވެރިންނެއް ނޫނެވެ.

މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެ، އެކަމަށް ހައްލެއް ހޯދުމަށް ހުޅުވާލި މި ފްލެޓްތަކަށް ކުރިމަތިލެވެނީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ. އެކަމަކު ފްލެޓު ލިބުނު ދާއިމީ ލިސްޓު އާންމުކުރިއިރު އޭގެ ތެރޭގައި ރަށްރަށުގައި ދިރިއުޅޭ މީހުން ވެސް ހިމެނެ އެވެ. އެ މައްސަލައާ ގުޅިގެން ފްލެޓް ދޫކުރީ އިންސާފުވެރިކޮށް ނޫން ކަމަށް ދެކި ބަޔަކު އޭސީސީއަށް ހުށަހެޅި މައްސަލައިގެ ތަހުގީގު ނިންމައި އެކަމުގައި ދެން އަމަލުކުރަންވީ ގޮތް ވެސް މިހާރު ވަނީ ހައުސިން މިނިސްޓްރީއަށް އަންގައިފަ އެވެ.

އޭސީސީން އިއްޔެ އާންމުކުރި މައުލޫމާތުން އެނގެނީ ޖުމްލަ 4،048 ފޯމެއް ބެލިއިރު ގާތްގަނޑަކަށް 2،400 އެއްހާ ފޯމަކީ ޝަރުތު ހަމަނުވާ މީހުންނަށް ދޫކުރަން ނިންމި ފްލެޓްތަކެއް ކަމެވެ. އޭގެ ތެރޭގައި ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. ބާކީ 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައްސަލަ ހުރި ފޯމުތަކެވެ.

ދެ މަސްދުވަހުގެ ތަހުގީގަކަށް ފަހު އޭސީސީން ބުނި ގޮތުގައި މާލޭގައި ދިރިނޫޅޭކަން ގެދޮރުވެރިޔާ ޕޯޓަލްއާ އިންޓަގްރޭޓްކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުގެ ޑޭޓާ ބޭސްތަކުން ސާފުކޮށް އެނގެން އޮވެ އެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ޕެންޝަން އޮފީހާއި ސިވިލް ސާވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން މައުލޫމާތު ބެލެން އޮވެ އެވެ.

4000 ފްލެޓްގެ ތަހުގީގަށް ފަހު އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިސާލަކަށް ބަލާ ނަމަ، ފޯމު ހުށަހެޅި މީހުންގެ ތެރޭގައި މާލޭގައި އުޅޭކަން ކަށަވަރުކުރަން ލިޔުމެއް ލާފައި އޮތަސް، ޕެންޝަން އޮފީސް މެދުވެރިކޮށް މައުލޫމާތު ބެލުމުން އެ މުއްދަތުގައި އެމީހުންނަށް ޕެންޝަން ޖަމާވެފައި އޮތީ ރަށުގައި އަދާކުރި ވަޒީފާއަށެވެ. އެކަމަކު ސީދާ ބެލެން އޮތް މައުލޫމާތުތައް ނުބަލައި، މަކަރު ހަދައިގެން ހުށަހެޅި ފޯމުތަކަށް ވެސް ފްލެޓް އޮތީ ދޫކޮށްފަ އެވެ.

މީގެ ކުރިން "މިހާރު" އަށް ދިން އިންޓަވިއެއްގައި އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނީ މި ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ދިރިއުޅުމުގެ ހާލަތު ވެރިފައިކުރީ ދައުލަތުގައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، އެކިއެކި އިދާރާތަކުގައި ރައްކާކޮށްފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ.

އަކްރަމް އެގޮތަށް ވިދާޅުވިޔަސް، އޭސީސީގެ ތަހުގީގުން އެނގެނީ ސަރުކާރުގެ އިދާރާތަކުގައި ރައްކާކޮށްފައި ހުރި މައުލޫމާތަށް ވެސް އޭރު ބަލާފައި ނެތް ކަމެވެ.

އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅިގެން މިހާރު ވަނީ އެކަމުގައި އުޅުނު މީހުން މި ފްލެޓްގެ މަސައްކަތުން އެކަހެރިކުރުމަށް ވެސް މިނިސްޓްރީއަށް އަންގައިފަ އެވެ.

ނުހައްގުން ފްލެޓް ދިނުމުން އާއްމުން ރަތަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްތައް ބޭއިންސާފުން ދޫކުރުމުން އެންމެ ބޮޑަށް އެކަމުގައި ކަންބޮޑުވުންފާޅުކުރީ މިދިޔަ ސަރުކާރުންނެވެ. އެކަމަކު އެ ސަރުކާރު ވެސް ބަދަލުވެ މި ދިޔައީ ބޯހިޔާވަހިކަމަށް އާންމުން ކުރި އުއްމީދަށް ހައްލެއް ނުލިބި އެވެ. ވަކިން ހާއްސަކޮށް އެ ހިންގި ކަމަށް ތުހުމަތުކުރާ ޖަރީމާއާ ގުޅިގެން އާންމުން ވަނީ މި ގޮތަށް ސަރުކާރުތަކުން އަމަލުކުރާ ނަމަ، ދެން އެންމެ އިންސާފުވެރިކޮށް މިކަން ކުރެވިދާނެތޯ ސުވާލު އުފައްދައިފަ އެވެ.

ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ދިން ޚަބަރު އިއްޔެ "މިހާރު"ގައި ޝާއިއުކުރުމުން ވެސް ގިނަ ބައެއްގެ ކޮމެންޓުތައް ލިބުނީ އެގޮތަށެވެ.

"18 ނުވާ ދެ ދަރިން، ތިން ދަރިން ތިބި މީހުންނަށް އެންމެ 40 ޕޮއިންޓް ދިނީ، އެ މީހުން ދިރިއުޅޭ މުއްސަނދިކަމުން؟،" މީހަކު ސުވާލު އުފެއްދި އެވެ.

އަނެއް ބަޔަކު ބުނީ ބަޔަކު މީހުން ދޮގު ހެދިޔަސް އޭގެ ސަބަބުން މައުލޫމާތު ރަނގަޅަށް ހުށަހަޅައި ފްލެޓަށް ޝަރުތު ހަމަވި މީހުންނަށް އޭގެ އުނދަގޫ ކުރިމަތިވެގެން ނުވާނެ ކަމަށެވެ.

"ދޮގެއް މަކަރެއް ނެތި ފޯމު ލާފައި ތިބި މީހުންނަށް އެމީހުންނަށް ހައްގު ފްލެޓް ހިފެހެއްޓިގެން ނުވާނެ. އެހެންނޭ ކިޔާ އަހަރު ދެ އަހަރު ވަންދެން ތިޔަ ފްލެޓުގެ އިންތިޒާރުގައި ރައްޔިތުން ބައިތިއްބައިގެން ނުވާނެ،" އެހެން ކޮމެންޓެއްގައިވެ އެވެ.

އެ މައްސަލާގައި ބައެއް މީހުން ބުނީ ފްލެޓު ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް އޭސީސީގެ ތަހުގީގަށް ވެސް ފާހަގަވާތީ، ޝަރުތު ހަމަވާ ލިސްޓު އަލުން ބަލަން ޖެހޭ ކަމަށެވެ.

"ތިޔައީ ވަރަށް ބޮޑު ތެދެއް، މާލޭގައި އެއްގޮތަކަށް ވެސް ނޫޅޭ އެންމެ ކުއްޖެއް ވެސް ނެތް ދެމަފިރިންނަށް ވެސް ފުލެޓް ލިބޭ ކަމަށް ލިސްޓުގައި އެބަހުރި. މިކަހަލަ ވަރަށް ގިނަ މަކަރާއި ހީލަތް ތިޔަ ލިސްޓުން ފެންނަން އެބަހުރި. މި ކަންކަން ބެލުމަށް ފަހު ނޫނީ ތިޔަ ފުލެޓުތައް ދޫކުރުން ރަނގަޅެއް ނޫން،" މި ނޫހުގައި ލިޔެފައިވާ ޚަބަރަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.

އަނެއް ބަޔަކު ވަނީ އެ އެންމެންގެ ނަން ލިސްޓުން އުނިކޮށް ފިޔަވަޅު އަޅަން ވެސް ގޮވާލައިފަ އެވެ.

4000 ފްލެޓްގެ ތަފްސީލު:

- ފްލެޓަށް އެދި 20،697 ފޯމު ހުށަހެޅި

- ޝަރުތު ހަމަވަނީ 18،167 ފޯމު

- އޭގައި ހިމެނެނީ 3 ކޮޓަރީގެ 2،712 ފްލެޓް، އަދި ދެ ކޮޓަރީގެ 1،188 ފްލެޓް

- ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ހާއްސަކޮށްފައިވޭ

އާންމުންގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލީ ދެކޮޅު ނުޖެހޭ އެތައް ކަމެއް ހުރުމުންނެވެ. ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރާތް ނުކުރިތާ ޕޮއިންޓު ދިން އުސޫލެއް ވެސް އާންމެއް ނުކުރެ އެވެ. އެހެންވެ މީހުންގެ ޝަކުވާއަކަށްވީ އެމީހުންނަށް ހައްގު މިންވަރަށް ވުރެ މަދުން ޕޮއިންޓު ލިބުމެވެ. އެކަމަކު ހައުސިން މިނިސްޓްރީން ހާލަތު ބެލީ މީހުން ހުށަހެޅި މައުލޫމާތަށް އެކަނި ރިއާޔަތްކޮށެވެ. މިހެންވެ، އެތައް ބަޔަކަށް އޮޅުވާލުމުގެ ފުރުސަތު ލިބުނީ އެވެ.

ފަހި ދިރިއުޅުމުގެ 3 ކޮޓަރީގެ ފްލެޓް ހުންނަ ޓަވަރުތަކުގެ މަސައްކަތް ކުރިއަށް ދަނީ: ތިން ކޮޓަރީގެ ފްލެޓްތަކަކީ 900 އަކަފޫޓް ތަންތަން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު އޭރު ވެސް މި ޝަކުވާތައް ފެންމަތިވެފައިވަނިކޮށް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އޮއްވައި މި އޭސީސީން އާއްމުކުރި ގޮތުގައި، ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ވަނީ ފްލެޓް ދީފަ އެވެ. އެހެންވެ މިހާރު ސުވާލު އުފައްދަނީ ސަރުކާރުން ދެން އަމަލުކުރާނެ ގޮތަކާ މެދުގަ އެވެ.

ލިސްޓު ބާތިލުކުރުމުގެ ވިސްނުމެއް އަދި ނެތް!

ފްލެޓް ލިސްޓު ބާތިލުކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ "މިހާރު" އިން ސުވާލުކުރުމުން ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވީ މިވަގުތު ލިސްޓު ބާތިލުކުރުމަށް ނުވިސްނަވާ ކަމަށެވެ.

"އަދި ބާތިލުކުރާކަށް ނުވިސްނަން. އެކަމުގައި މިވަގުތު އިތުރު އެއްޗެއް އަދި ދެންނެވޭކަށް ނެތް،" ހައިދަރު ވިދާޅުވި އެވެ.

އެ މައްސަލާގައި ދެން ސަރުކާރުން އަމަލުކުރާނީ ކޮން ގޮތަކަށްތޯ ސުވާލުކުރުމުން ހައިދަރު ވިދާޅުވީ "އަދި ވަކި ގޮތެއް ނުނިންމާ" ކަމަށެވެ. އެކަމަކު ލިސްޓުގައި މައްސަލައެއް އުޅޭތީ އޭސީސީ އާއި އެޓާނީ ޖެނަރަލް އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާ އެކު މަަޝްވަރާކުރުމަށް ފަހު އެކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްލެޓް ލިސްޓުގައި ޝަރުތު ހަމަވާ 18،000 އަށް ވުރެ ގިނަ ބަޔަކު ތިބިއިރު، އޭގެ ތެރެއިން ފްލެޓް ދޭން ކަނޑައެޅި ފުރަތަމަ 4،000 މީހުންގެ ތެރެއިން ގިނަ ބަޔަކު ޝަރުތު ހަމަނުވާ ކަމަށް އޭސީސީގެ ތަހުގީގުން ސީދާ އެނގެން އޮތްއިރު ވެސް އެކަމުގައި ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ފަހި ދިރިއުޅުމުން މިހާރު ހަދާ ބައެއް ޓަވަރުތައް. ފްލެޓްތަކުގެ މަސައްކަތް 33 ޕަސެންޓް ވަނީ ނިމިފައި-- ފޮޓޯ: ފަޔާޒް މޫސާ | މިހަރު

މިނިސްޓްރީން އަދި ގޮތެއް ނުނިންމިޔަސް ގިނަ ބައެއްގެ ސުވާލަކީ ލިސްޓު ބާތިލުނުކޮށް ފޯމު ހުށަހެޅި އެތައް ބަޔަކަށް އިންސާފު ހޯދައިދޭނީ ކިހިނެއް ހެއްޔެވެ؟

ސަބަބަކީ އޭސީސީން ހަމައެކަނި ތަހުގީގުކުރީ 4،048 ފޯމުގެ މައްސަލަ އެވެ. ބާކީ ޝަރުތު ހަމަވާ މީހުންނަކީ ފޯމުގައި ސައްހަ މައުލޫމާތު ހިމަނައިގެން ޝަރުތު ހަމަވާ ލިސްޓުގައި ހިމެނޭ ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ. އަދި ފޯމު ހުށަހެޅި 20،000 ގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ޝަރުތު ހަމަނުވާ ކަމާ މެދުގައި ވެސް ސުވާލު އުފައްދަން މިހާރު ވަނީ ޖެހިފަ އެވެ.

އެހެންވީމަ، އެ ފްލެޓްތައް ލިބުނު މީހުންގެ ލިސްޓު އަލުން ބަލައި ދިރިއުޅުމުގެ ހާލަތާއި އެމީހުން ހުށަހެޅި ފޯމުތަކުގެ ސައްހަކަން ބަލައިގެން ނޫން ގޮތަކަށް އެ މައްސަލަ އެންމެ އިންސާފުވެރިކޮށް ނިންމިދާނެ ހެއްޔެވެ. ސަރުކާރުން އޭރު އާންމުކުރި ޕޮއިންޓު ދިނުމުގެ އުސޫލުގައިވާ ގޮތުން ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރާތްނުކޮށް ޕޮއިންޓު ދެވޭކަށް ނެތެވެ. ދައުލަތުގެ މުއައްސަސާތަކުން އެނގެން ނެތް މައުލޫމާތުތަކަށް ޕޮއިންޓު ދިން ގޮތް ވެސް އާންމުންނަށް ސާފުކޮށްދޭން ޖެހެ އެވެ.

އެތައް ބައެއްގެ އެންމެ އަސާސީ ހައްގާ ގުޅޭ މި މައްސަލާގައި އިންސާފު ހޯދައިދޭން ޖެހެ އެވެ. ފްލެޓް ލިބެނީ އެންމެ ހައްގުވެރިންނަށްތޯ ވެސް ކަށަވަރުކޮށްދޭން ޖެހެ އެވެ.

56 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 8%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުތހޖގ

06 February 2024

ވައި މިނިސްޓަރ؟؟ ބާޠިލުކުރަންޖެހޭ މި ލިސްޓު ފްރީ އެންޑް ފެއަރ ވާންޖެހޭ މިކަމުގަ

The name is already taken The name is available. Register?

ފަރީދާއްތަ

07 February 2024

ތިލިސްޓް ބާތިލްކޮށްފަ ތިޔަށްވުރެ އިހުލާސްތެރި ލިސްޓެއް ހައިދަރަށް ނުހެދޭނެކަން މުޖައްރިބު. ލިޔެސޮއިކޮށްފަވެސް ދީފާނަށް. މީޙާ ހަލާކުގެ ތެރެއަށް އަމިއްލައަށް ވެއްޓެން ބޭނުންނޫންނަމަ ލިސްޓްު އޮތްގޮތަށް ބޭއްވުމަށް ހައިދަރަށް ނަސޭހަތްތެރިވަން.

The name is already taken The name is available. Register?

ދ‫ެރަސޮރު

06 February 2024

ޝަރުތު ހަމަވާ ލިސްޓް އެބައޮތޭ މެޑަމް އަތުގަ އަބަހަށް އެލިސްޓަށް ބަހާލާ, ނިކަމެއްޗަކަށް އަނިޔާވެރިވެފަ ހަމަޖެހިލައިގެން ނުނިދޭނެ! ދެންވެސް ޝަރުތު ހަމަވާ މީހިންނާ, ޝަރުތު ހަމަނުބާ މީހުންގެ ނަންތަށް ހާމަ ކޮށްބަލަ,

The name is already taken The name is available. Register?

ފުލެޓްދޮންބެ

06 February 2024

އިސްތަށި އިންސާފުންހޭ ޕީޕީއެމް ސަރުކާރުން ހައްގުނޫން މީހުނައް ފުލެޓްދިނީ.

The name is already taken The name is available. Register?

އައްބެ

06 February 2024

މަކަރާއި ހީލަތް ހަދައިގެން ފްލެޓް ފޭރިގަންނަން މަސައްކަތްކުރި 2400 މީހުންގެ މައްޗަށް ބޮޑެތި އަދަބު ކަނޑައަޅާ ބޮޑެތި އަދަދުން ޖޫރިމަނާކުރޭ. އަދި ކުރިޔަށްއޮތް 10 އަހަރުތެރޭގައި އެއްވެސް ހައުސިން ސްކީމަކަށް ކުރިމަތި ނުލެވޭގޮތަށް ބްލެކްލިސްޓްކުރޭ.

The name is already taken The name is available. Register?

ޑޮލަރޭ

06 February 2024

ދެންވެސް ނުލިބޭނެ އިންސާފުވެރިކޮށް ފްލެޓެއް! ސަބަބަކީ ކައިރީގައުޅޭ މީހުންދޭ ލިސްޓަށް ކޮންމެ ސަރުކާރެއްގައި ވެސް ފްލެޓް ބަހާފަހުރީ! ގާތުގައުޅޭ މީހާގެ ލިސްޓަށް ފްލެޓްނުދީފިއްޔާ ބޮޑާވެ ޕާރޓީ ބަދަލުކޮށް އިދިކޮޅަށް މިއަރަނީ! ގާތުގަ މިއުޅެނީ މަޖިލިސް މެންބަރެއް ނުވަތަ ވަޒީރެއް! ދެން ރައީސްގެ ވެސް މޭކަރާނެ ދެއްތޯ އަޅުގަނޑުމެން ގެ މޭ ނުކެރިއަސް! މިގައުމުގަ އުޅޭ މުއްސަނދިންގެ ނަމުގަ އެބަހުރި 06 ވަރަކަށް ފްލެޓް! އަރުމެން ނިކަމެތިން ނިކަމެތިކަމުގަ ކުރިއަށް

The name is already taken The name is available. Register?

މުހައިމިނު36

06 February 2024

ނުހައްގުން ހިޔާ ފްލެޓްތައް އަތުލީ ކޮންކަމެއްވެގެން. އެކަންކުރި އޭރުގެ ސަރުކާރު ވެރިންނަށް އަދަބުލިބެންވާނެ

The name is already taken The name is available. Register?

ޖުޖުޖު

06 February 2024

އިންސާފުވެރިވާނީ މިހާރުވެސް ގޯއްޗާއި ފުލެޓު ހުރި މީހުނަށް ދިނީމަ ނޫންތޯ؟ އޭރުން ނޫންތޯ އެބޭފުޅުންގެ ރިއަލް އެސްޓެޓް ވިޔަފާރި ކުރިއަށް ދާނީ..

The name is already taken The name is available. Register?

ތެފައާސާ.

06 February 2024

ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ އިދާރާތަކަށް ދޮގުމައުލޫމާތު ދިނުމަކީ ޖިނާއީ ކުށެއް. ތިޔަ ހުރިހާ އެންމެންގެ މައްޗަށް ދައުވާ އުފުލަންވީ. ކަނޑައެޅިގެން ބޮޑެތި ދޮގުހަދައިގެން އޮޅުވާލައިގެން އެތައްބައެއްގެ ހައްގުތަކަށް އަރައިގަންނަން އުޅުމަކީ އާދައިގެ ކުޑަ ކަމެއްނޫން.

The name is already taken The name is available. Register?

އަލީމްބެ

06 February 2024

13000 މީހުނަށް ފުލެޓް ކަށަވަރުވާކަމަށް ކުރީ ސަރުކާރުން ބުނީ. އޮޅުވާލަން ނަހަދާ. ސަރުކާރުން އަދިވެސް 13000 ފުލެޓްދޭވާހަކަ ނުދައްކާ 4000 މިކިޔަނީ ކޮންބޭނުމެއްގަތޯ. ހައުސިން މިނިސްޓަރަށް ތިކަން ކުރަންނޭނގި ބޮލުން ކަޓުވަން ދެއިރު ދެދަޅައަށް އޭސީސީ އަށް ހިނގަންޖެހޭ ކަމަކީތަ. އެންމެނަށް ފުލެޓް ދޭންވާނީ. ކަނޑުހިއްކައިގެން ތޯދިވެސް ދެނީ ހުށަހެޅި އެންމެނަށް.

The name is already taken The name is available. Register?

މާހިރު

06 February 2024

ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް ގުޅައިގެން ކަންކަން ހަމަޖެއްސޭގޮތަށް އޮންނަހާ ހިނދަކު ކޮރަޕްޝަނެއް ނުހުއްޓުވޭނެއެވެ. މިހާރުވެސް ސަރުކާރުތެރޭން ކުރަންޖެހޭ ކަންކަން ފަހިވަނީ ސަރުކާރު ހިންގާ ޕާޓީއާ ގުޅުން އޮންނަ ފަރާތްތަކާއި ގުޅައިގެންކަން އެއީ އެންމެން ދަންނަ ބޮޑުހަގީގަތެވެ. ކޮންމެބަޔަކުވެސް ވެރިކަމުގައި ތިބޭއިރު އިސްކަންދެނީ ޕާޓީ ކުދިންނަށެވެ. ކޮންމެބަޔަކަށްވެސް ކޮރަޕްޝަނަށްވަނީ އެހެންބަޔަކު ކުރާނަމައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454