ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ: ކޯޒްވޭ ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް ވަނީ ދެއްވާފައި -- ފޮޓޯ: ރައީސް އޮފީސް
08 ފެބުރުއަރީ 2024 - 12:47
ތ. ކިނބިދު އާއި ވޭމަންޑޫއާ ދެމެދު އަޅާ ކޯޒްވޭ ބިލާހެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު ތ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ކިނބިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްގީ ބައްޓަން ކުރުމުގައި ދަތުރުފަތުރުގެ ނިޒާމު ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި އެއް ރަށުން އަނެއް ރަށަށް އަދި އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރެވޭނެ ގޮތްތައް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްރަށް ތަރައްގީ ކުުރުމުގައި ދަތުރުފަތުރުގެ ނިޒާމު ވައިގެ މަގުންނާއި ބްރިޖުތަކުން ގުޅައިލުމަށް އިސްކަން ދެއްވާނެ ކަމަށެވެ.
މި ރަށާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމުމުން، ދެ ރަށް އެއްފަސްވާނެ ކަމުގެ ޔަގީންކަން ރައީސް މިއަދު މިއަދު ވެސް ވަނީ ދެއްވައިފަ އެވެ.
ކިނބިދޫއިން ރައީސަށް މަރުހަބާ ކިޔަން ނުކުތް މީޙުންނާ ސަލާން ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
"ކޯޒްވޭއަކީ ބިލާހެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް ހަގީގަތަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން،" ރައީސް ވިދާޅުވި އެވެ.
މި ދެ ރަށުގެ ދެމެދުގައި ކޯޒްވޭ އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަނިކުފާނު މިއަދު ވިދާޅުވީ، ކެމްޕެއިންގައި ދެއްކެވީ ވޯޓު ހޯއްދެވުމުގެ ވާހަކަފުޅެއް ނޫން ކަމަށާއި އެ ދުވަހު ވެސް ދެއްކެވީ އެކަން ކުރެވޭނެ ކަމަށް ގަބޫލުފުޅު ކުރެވޭ އަދި ކޮށްދެއްވާނެ ކަންކަމުގެ ވާހަކަ ކަމަށެވެ.
ވޭމަންޑޫ-ކިނބިދޫގެ ކޯޒްވޭގެ އިތުރުން ތ. އަތޮޅުގައި މަޑިފުށީ-ދިޔަމގިލީ ކޯޒްވޭ އެޅުމަކީ ވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ދެ ކޯޒްވޭގެ މަސައްކަތް ވެސް ނިންމައިދޭނެ ކަމަށް މިއަދު ވިދާޅުވި އެވެ.
ރަށްރަށުގެ މަޝްރޫއުތައް ހިންގުމުގައި ތަރުތީބު ކޮށްގެން ކުރިއަށް ގެންގޮސް، ހުރިހާ ކަމެއް ވެސް ނިންމައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ވިދާޅުވީ، އެންމެ އިސްކަން ދެއްވާނީ ކޯޒްވޭ އަށް ކަމަށާއި އިތުރު ކަންކަން ތަރުތީބުގެ ތެރެއިން ނިންމައިދޭނެ ކަމަށެވެ.
ވޭމަންޑުއަކީ ތ. އަތޮޅުގައި ވެރިކަން ކުރާ ރަށަށް ވުމާ އެކު، ގިނަ ހިދުމަތްތައް ވެސް ގާއިމުވެފައި ހުރީ ވޭމަންޑޫގަ އެވެ. ވޭމަންޑު އާއި ކިނބިދޫ ގުޅައިލުމުގެ އެ މަޝްރޫއަކީ އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ދަތުރުކޮށް، ދުމަތްތައް ލިބުމުގައި ލުއި ފަސޭހަ ކުރުމަށް ސަރުކާރުތަކުން އަބަދުވެސް ކުރިއަށް ގެންދާނެ ކަމަށް ބުނަމުން އައި މަޝްރޫއެކެވެ.
އެއް ފަޅެއްގައި އޮތް ވޭމަންޑު އާއި ކިނބިދޫގެ ދުރުމިނުގައި ހުންނަނީ 4.6 ކިލޯމީޓަރެވެ. ގުޅައިލާ ކޯޒްވޭ އެޅުމަށް އެ ދެ ރަށުގެ ދެމެދުގައި އޮތް ފަޅުރަށް، އެލާ ވަނީ މިދިޔަ ވެރިކަމުގައި ސަރުކާރަށް ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަކާސް
08 February 2024
ބަޖެޓް އޮވެގެންތަ ތިވައުދު ވީ. ލޮލް
ދެއުޅި
08 February 2024
މިދައްކާވާހަކަ ދެކޮޅުޖައްސަަން ގެންނަން ޖެހޭނީ އަލާއުއްދީން. އެއްދުވަހު އެބަ ބުނޭ އިގްތިޞާދު ވަރަށް ނާޒުކޭ ދަރާވިކިފައޭ ޚަރަދު ކުރެވޭކަށް ނެތޭ އޮތި އުދަގޫ ދުވަސްކޮޅެކޭ. އަނެއްދުވަހު އެއްފަޅެއްގައިވެސް ތިން ހަތަރު އެއަރޕޯޓް އަޅާ ބިންހިއްކާ އެތައް ކިލޯ މީޓަރެއްގެ ކޯޒުވޭ ހަދާ ވާހަކަ އެއާ ވިއްދައިގެން މި ބުނަނީ ތިންމަންނަ ނުވާނަމޭ އިންތިހާބަށް ކަޑަ ޖަހާ މީހަކަށް. ދެން އަރާ މީހާ މި ބުނަނީ މަޖިލީހުގެ ހުރިހާ ގޮނޑިއެއް ހޯދާދޭނަމޭ. މަޖިލިސް މުހިއްމޭ
ކަޑަރައީސް
08 February 2024
ތީ އިންތިޚާބާ ދިމާކޮށް ޖަހާ ކަޑަތަކެއް. އަހަރެމެން ގަބޫލްކުރާކަށް ބޭނުމެއްނޫން.
ދެއަނގަ
08 February 2024
އިއްޔެ ކީއެއްޗަކާއި މިއަދު ކިޔާއެއްޗަކާއި ދިމަލެއް ނުވޭ. އިއްޔެ ބަނޑަށްޖެހިފައި. މިއަދު ފައިސާ އޮހެނީ.
ޥޯޓުފޯ އަޒުލް
08 February 2024
ކުރިއަށް އޮތް 3 މަހަކީ ރާއްޖެއަށް އެއްމެ ގިނަ ފައިސާ މިއަހަރު ލިބޭނެ 3 މަސް،، ނަމަވެސް ކުރިއަށް އޮތް 3ންމަހަކީ އެއްމެ ބިކާރީ ވާނެ ދުވަސްވަރުކަމަށް ސަރުކާރު ބުނާއިރު ތީ ހުސް ދޮގުކަން ރައްޔިތުން ގަބޫލު ކުރޭ
މަލިކާ
08 February 2024
ރައްޔިތުންގެ އިހްސާސް ދަންނަ ވެރިޔެެއްމިއީ. ސާބަހޭ ރައީސް މުއިއްޒު
ހޮޅި އަބުޅޯ
08 February 2024
މިހުންނަނީ މީގެ ކުރީގަ އެމްޑީޕީން ދެއްކިވާހަކަ.. އާކަމެއްގެ ވާހަކަ ނުދެއްކޭދޯ
ބީނު
08 February 2024
އާން.. އެމްޑީޕީ ހުސް އަނގަތަޅަނީ
ބޭގަރާރު
08 February 2024
ބޭކާރު ކަމެއް.