ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ވޭމަންޑޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ: ކޯޒްވޭއާ އެކު ޓޫރިޒަމް ޕްރޮޖެކްޓެއްގެ ޔަގީންކަން ވެސް ރައީސް ވަނީ ވޭމަންޑޫގެ ރައްޔިތުންނަށް ދެއްވާފައި. -- ފޮޓޯ | ރައީސް އޮފީސް
25 ސެޕްޓެމްބަރ 2025 - 09:59
ތ. ކިނބިދު އާއި ވޭމަންޑޫ ގުޅާލުމަށް އަޅާ ކޯޒްވޭގެ މަސައްކަތް ކުރިއަށް ދާނީ އެ ދެ ރަށް ކައިރީ އޮންނަ އެލާ، އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމާ އެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކިނބުދޫ-ވޭމަންޑޫ ކޯޒްވޭގެ މަޝްރޫއުއަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، އެ އަތޮޅުގެ ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކިނބިދު އާއި ވޭމަންޑޫގެ ދެމެދުގައި ހުރި ދުރުމިނަށް ބަލާއިރު ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ސީދާ ޕީއެސްއައި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވުރެ، ފައިދާ ބޮޑުވާނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލު ފަދަ ގޮތަކަށް އެކަން ހިންގުމުން ކަމަށެވެ.
އެހެންވެ، މި މަހުގެ 22 ގައި ކޮންސްޓްރަކްޝަން މިނިސްޓްރީން އެކަމަށް އިއުލާންކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"މި ދޭތެރޭގައި ދުރުމިން ހުރި ގޮތާއި މި ދެތެރޭގައި ކޯޒްވޭ އެޅުމަށް އެންމެ ފީޒިބަލްވާނެ ގޮތަކީ އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ސަރުކާރުގެ ބަޖެޓުން ސީދާ ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައި ގެންދިއުމުގެ ބަދަލުގައި މިގޮތަށް ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ މި [ޓޫރިޒަމް ފުޅާކުރަން] ދިން ލުއިތަކުގެ ބޭނުންކޮށްގެން މި އަތޮޅުގައި ޓޫރިޒަމް ފައްކާވާނެ. -- ރައީސް
ރައީސް ވިދާޅުވި ގޮތުގައި ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދާނީ އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި، އެ ދެ ރަށް ދޭތެރޭގައި އޮންނަ އެލާގައި އިންވެސްޓްކުރަން ފުރުސަތު ލިބޭ ގޮތަށެވެ. އޭރުން އެ މަޝްރޫއު ނަގާ ފަރާތަކަށް ކޮރޮސް ސަބްސިޑީ މޮޑެލަކަށް އެކަން ކުރިއަށް ގެންދެވޭނެ ކަމަށާއި އެ ކުރާ އިންވެސްޓްމަންޓް ރިިކަވާ ކުރުމަށް އެހެން މޮޑެލްސްތައް ޕްރޮޕޯސްކުރެވޭ ގޮތަށް އިންވެސްޓާ ލޯން ފައިނޭންސް އާއި ކޮންޓްރެކްޓާ ފައިނޭންސް ފަދަ ކަންކަމަށް ވެސް ހުޅުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
ތ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަކީ ވައުދުވެވަޑައިގަތް ގޮތަށް ކުރައްވާނެ ކަމެއް ކަމަށާއި އެއާއެކު، ކޯޒްވޭގެ ޕްރޮޖެކްޓަށް އިންވެސްޓްކުރާ ފަރާތްތަކުގެ ޝައުގުވެރިކަން ވެސް އުފެދިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް ނެތް ސަރަހައްދުތަކުގައި ޓޫރިޒަމް ކުރިއަރުވަން ތ. އަތޮޅާއި އިތުރު އެހެން ބައެއް އަތޮޅުތަކުގައި އިންވެސްޓްކުރަން މިދިޔަ ޖޫން މަހުގެ ތެރޭގައި، ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޑިސްކައުންޓްތައް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ވަރަށް ބޮޑެތި ލުއިތަކާ އެކު އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ރޭޓުތައް ބޮޑުތަނުން ދަށްކުރައްވާފައިވާ ކަަމަށް ރައީސް ވިދާޅުވި އެވެ.
އެ ލުއިތަކާ އެކު، ރައީސް ވިދާޅުވި ގޮތުގައި، ބައެއް ފަރާތްތަކުން ޓޫރިޒަމަށް އިންވެސްޓްކުރަން ވަނީ ހުށަހަޅައިފަ އެވެ.
"އިރާދަކުރެއްވިއްޔާ މި ދިން ލުއިތަކުގެ ބޭނުންކޮށްގެން މި އަތޮޅުގައި ޓޫރިޒަމް ފައްކާވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ވޭމަންޑުއަކީ ތ. އަތޮޅުގައި ވެރިކަން ކުރާ ރަށަށް ވާތީ، ގިނަ ހިދުމަތްތައް ވެސް ގާއިމުވެފައި ހުރީ އެ ރަށުގަ އެވެ. ދެ ރަށް ގުޅުވާލާ ކޯޒްވޭގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ދަތުރުކޮށް، ހިދުމަތްތައް ލިބުމުގައި ލުއި ފަސޭހަވާނެ އެވެ.
ވޭމަންޑޫ-ކިނބިދޫގެ ކޯޒްވޭގެ އިތުރުން ތ. މަޑިފުށީ-ދިޔަމގިލީ ކޯޒްވޭ އެޅުމަކީ ވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ދެ ކޯޒްވޭގެ މަސައްކަތް ވެސް ނިންމައިދޭނެ ކަމަށް މިދިޔަ އަހަރުގެ ކުރީކޮޅު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފްލާވާ
25 September 2025
އުޖާލާ ޒަމާނެއްގެ އާ ދައުރަކަށް #މުއިއްޒު 2028
ޗޯރުމީހުން
25 September 2025
މާބޮޑަށް ގޮތްނުދައްކައި މިރާއްޖޭގައި ވިއްކާ އެއްޗެހީގެ އަގު ތިރި ކޮށް ބަލަ... އަހަރުމެން މި ތިބޭ ކެކެނީ....
ޚަތީބު
25 September 2025
ދެވަނަ ދައުރަކަށް ރައީސް މުއިއްޒު
ޖީއްޓެ
25 September 2025
ސަރުކާރުން ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ތެރެއަށް އިންޓަގްރޭޓް ކުރަމުންދާ ގޮތް ވަރަށް ފުރިހަމަ. އިނޮވޭޓިވް ވިސްނުމެއް
ހައިޝަމް7557
25 September 2025
ރައީސް މުއިއްޒު މި ގެންދަވަނީ ވައުދުތައް ފުއްދަވަމުން. މިއީ ހަމަ އަޅުގަނޑުމެންނަށް ބޭނުންވާ ކަހަލަ ތަރައްގީއެއް
ފިރާގް
25 September 2025
ވޭމްންޑޫގެ ތަރައްގީގެ ބާނީއަކީ ޝައްކެއްވެސްނެތް ގޮތުގައި ރައީސް މުއިއްޒު. އިދިކޮޅު މީހުންނަށް މިކަން ހަޖަމް ނުވެގެން އުޅެނީ
ރިއްޕެ ރިއްޕެ
25 September 2025
ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައި ދިނުމުގެ އެއްވެސް ބޭނުމެއް ނެތް. ކަން ނުހިނގާ އެ އޮތް ގޮތުގައި އޮންނާނެކަން އެކަނި. އެހެންނޫން މިހާރު ކުރިޔަތް ގެންދަން އޮތް ޕްލޭންއަށް ވަރަށް ތާއީދު ކުރަން
ސުފްޔާން
25 September 2025
އެމްޑީޕީ މީހުން އަހަރުމެންނަށް މަލާމާތް ކުރަމުން އައީ ތި ކޯޒްވޭ ނާޅާނޭ ކިޔާފަ. މުއިއްޒު ވަނީ ހުސްވައުދެކޭ، ކޮބާ ހީވޭ ކަމެއްހެން. އަހަރުމެންގެ އުއްމީދުތަކުގަ ކުލަ މިޖެހިގެންދަނީ
ރފއ އއބސ
25 September 2025
މި ދައުރުގަ ޓުއަރިޒަމް ފައްކާ ކުރަން މި ހިންގާ މަޝްރޫއުތައް ވަރަށް ބަލައިގަންނަން. މި އެމްޑީޕީ މީހުން އަނދިރީތަ މި ކަންކަން ނުފެންނަން؟ ނޫނީ މިއުޅެނީ ހަޖަމުގެ މައްސަލައެއްތަ؟
އަންސާމް އަލީ
25 September 2025
ކިނބުދޫ ވޭމަންޑޫ ކޯޒްވޭގެ މަޝްރޫއުއަކީ އަހަރުންގެ ސަރަހައްދަށް މިހާރު އެންމެ ބޭނުންވާ މަޝްރޫއު