ކުރެންދޫ ދާއިރާގެ މެންބަރު ޣަނީ ޕީއެންސީއާ ގުޅިވަޑައިގެން، ފޯމް ހަވާލުކުރައްވަނީ: އޭނާ ވެސް ވަނީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައި - ފޮޓޯ: ނިޝާން އަލީ | މިހާރު
15 ފެބުރުއަރީ 2024 - 11:45
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީން ޓިކެޓް ކަށަވަރުވެ ކެންޑިޑޭޓުން ނެރެފައި ވަނިކޮށް، މި ފަހުން އެ ޕާޓީއާ ގުޅިވަޑައިގަތް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ދެ މެންބަރަކު އަމިއްލަ ގޮތުން ދާއިރާތަކަށް ނުކުމެވަޑައިގެންފި އެވެ.
އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގަތް ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް އާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ.
ސަރުކާރުގެ ބަދަލުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމްޑީޕީގެ 13 މެންބަރަކު ވަނީ އެ ޕާޓީ ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. އެ ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގަތީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ނުދިނުމުން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
އެ މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތް އިރު، އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ވެސް އޮތީ ހަމަވެފަ އެވެ. މަޖިލިސް އިންތިހާބަށް އެންމެ ބޮޑު ޕްރައިމަރީއެއް ބޭއްވީ ޕީޕީއެމް/ޕީއެންސީންނެވެ. އެ ދެ ޕާޓީން އެކުގައި ބޭއްވި ޕްރައިމަރީ އަށް 73 ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރި އެވެ.
އެ ޕްރައިމަރީގައި ކުރެންދޫ ދާއިރާ އާއި މަތިވެރި ދާއިރާއިން ވެސް ކެންޑިޑޭޓުން ހޮވި އެވެ.
އެކަމަކު، އަލަށް ޕީއެންސީއާ ގުޅިވަޑައިގެންނެވި ކުރެންދޫ ދާއިރާގެ މިހާރުގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވަނީ އިންތިހާބުގައި ވާދަކުރައްވަން އިއްޔެ ފޯމް ހުށަހަޅުއްވައިފަ އެވެ.
އަލަށް ގުޅިވަޑައިގެންނެވި ބައެއް މެންބަރުން ވަނީ އިންތިހާބުގައި ވާދަނުކުރަން ނިންމަވައި، އެ ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދު ކުރައްވާކަން ހާމަކުރައްވައިފަ އެވެ. އޭގެތެރޭގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އާއި ކަނޑިތީމް ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އާއި ތޮއްޑޫ ދާއިރާގެ އަހްމަދު ޝިޔާމް ހިމެނިވަޑައިގަންނަވަ އެވެ.
ޕީއެންސީ އަށް މިހާރު ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން އެ ޕާޓީގެ ކެންޑިޑޭޓުން ނެރެފައިވަނިކޮށް އިންތިހާބުގައި ވާދަކުރައްވާއިރު، ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުން ވެސް ވަނީ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައިމާއި ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ހިމެނެ އެވެ.
ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރައްވާއިރު، ޕީއެންސީގެ ކެންޑިޑޭޓުން ތިއްބައި ރައީސްގެ ތާއިދާ އެކު އެހެން ކެންޑިޑޭޓުން ނެރޭ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ގައްދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު، ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަލީ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒު ހިމެނެ އެވެ.
ޕްރައިމަރީން ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު އިންތިހާބަށް ނުކުތުމަށް ވެސް ނިންމައިފަ އެވެ. އޭގެ ތެރޭގައި މިލަންދޫ ދައިރާގެ ޕްރައިމަރީގައި ވާދަކުރި ޕީޕީއެމްގެ މަގުމަތީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުނު ނަބީލް ޒަމީރާއި ފުނަދޫ ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވި އަހުމަދު އިބްރާހިމް ފުޅު ހިމެނެ އެވެ.
ޔާމީންގެ ތާއިދު އޮތް 59 ކެންޑިޑޭޓަކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުމެ އެވެ. މަޖިލީހުގެ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާއިރު، ޕީޕީއެމް/ޕީއެންސީ އިން ހަތަރު ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރެ އެވެ. އެ ޕާޓީގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެންމެ މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން 40 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވިއިރު އިންތިހާބުން ނާކާމިޔާބުވި ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރާ ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް، އެ ޕާޓީން ޓިކެޓް ކާމިޔާބު ކުރި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޓިކެޓް ބާތިލް ކުރުމުން އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވެ އެވެ. އެމްޑީޕީން ވާދަކުރަނީ 82 ދާއިރާއަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޓަރފޫޅު
16 February 2024
ތިކަހަލަ ސަކަރާތެއް އެބަޖަހާ ތިމަރަފުށީގަވެސް. ޕީއެންސީ ޓިކެޓް ހޯދި މީހާ ހުއްޓާ މުއިއްޒުގެ ކެންޑިޑޭޓަކީ އަބްދުﷲރިޔާޒުގެ ކޮއްކޮ.
ޖުލައި2021
15 February 2024
ތީހުސް އަމިއްލަ އެދުމާގެން އުޅޭ މެންބަރުން. ދެކޮޅުން ކާން ފުރުސަތެއް ދާއިރާގެ ރައްޔިތުން ނުދޭނެ. ބޯވައެއްހެން އެއިރަކު ފަހިވާ ކުލަޔަކަށް ކުލަ ބަދަލުކުރާ ބަޔަކަށް އިތުބާރެއްނެތްމ
މިސް
15 February 2024
އަދި މުޅި ޕީއެންސީ ކޯލިޝަން ފެންނަނީ ވިއްސިިވިހާލިވެ އޮޅުންބޮޅުންވެފައިވާތަން. އަދި އަސްލުވެރިންނަކީ ކޮބައިކަން ސާބިތުނުވެގެން އުޅޭފާޑުއެބަޖަހާ. މިކަންތައްގަނޑު ރަނގަޅުނުވަނީ މަޖިލިސްއަށް ތިކުރިމަތިލީ. ނަތީޖާއަކީ، ޕީއެންސީއަށް ނޭނގި ޕީއެންސީގެ ނަމުގައި ޔާމީންގެ އެތައްބަޔަކު ސީޓުއަތުލުމާއި، ހީކުރާވަރަށްވުރެ ރަނގަޅު އަދަދަލުން އެމްޑީޕީ އިން ގޮނޑި ކަށަވަރު ކުރުަން. މިހެންވެއްޖެ ނަމަ މުއިއްޒުގެ ފަސްއަހަރު ދާނީ ޗޮކުން.
ވާވާ
15 February 2024
ޕީއެންސީން ކޮންމެ ގޮޑިއަކަށް 4 މީހުން ކުރިމަތިލާ! 1. ޓިކެޓް ލިބުނު ކެނޑިޑޭޓ 2. ރައީސް މުއިއްޒުގެ ލޯބި ލިބިފައިވާ ކެނޑިޑޭޓް 3. އަދުރޭގެ ކެނޑިޑޭޓް. 4. މެޑަމް ސާޖިދާގެ ކެނޑިޑޭޓް
އައްޔަ ބޮޑޭ
15 February 2024
މިހާރު މަންޒަރުތައް ފެންނަގޮތުން ހީވަނީ 162 ގޮނޑިވަރު ޕީޕީއެމް ޕީއެން ސީ އައް ކަށަވަރު ވާނެހެން,
ތުނޑުހަސަނު
15 February 2024
ނަން ނެގުމަކީ ވެސް ވިޔަފާރިއެއް. ވިޔަފާރީގެ ފުރުސަތަށް ކުރިމަތިލީ މީހުން ވެސްް މަދުނުވާނެ. އެއްބަޔަކު ނަން ނުނަގައިފިއްޔާ ގޮނޑިދާނީ އިދިކޮޅު އެމްޑީޕީއަށް. ފުރުސަތުގެ ފުރުސަތަށް އިންތިޒާރުކުރަނީ.
ޢަލީ01
15 February 2024
ރީޗާޖް ކޮއްލީމަ ނަންނަގާނެ
ކަމީނާ
15 February 2024
ދެރަކަމެއް