ގައްދޫ ދާއިރާއަށް ހޮވުނު އަމިއްލަ ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމަށް ބައެއް މިނިސްޓަރުން އެ ދާއިރާއަށް ވަޑައިގަތުން.
10 ފެބުރުއަރީ 2024 - 11:03
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީން ކެންޑިޑޭޓުން އިންތިހާބު ކޮށްފައި ވަނިކޮށް، ބައެއް ދާއިރާތަކުން އެހެން ކެންޑިޑޭޓުންނަށް ބައެއް ވަޒީރުން ކެމްޕެއިން ކުރައްވާ ކަމުގެ ޝަކުވާ ކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ރޭ އާންމުވި ވީޑިއޯއެއްގައި ފެންނަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ގައްދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު، މުހައްމަދު އަލީއަށް ތާއީދު ހޯއްދެވުމަށް އެ ދާއިރާ އަށް ވަޑައިގަތް މަންޒަރެވެ.
Sarukaaru candidate aai dhekolhah campaign kurumah Education Minister Gadhdhoo adhi Vaadhoo ah vadaigennevumun ladhu gannavaalaifi@MMuizzu @Dhonkolhu @Mohamedshaheem1 @is_shafeeu @Banafsaa pic.twitter.com/scD2kCvarb
— PPM/PNC Vaadhoo (@PPMPNCVaadhoo) February 9, 2024
ގައްދޫ ދާއިރާގައި ހިމެނޭ ވާދޫއަށް މިނިސްޓަރުން ވަޑައިގަތުން.
އެކަަމަކު، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީން މިދިޔަ މަހު ބޭއްވި ޕްރައިމަރީގެ ގައްދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ މަހްމޫދު ޝަފީގު (މަހާ) އެވެ. އެހެންވިޔަސް ރަސްމީ ކެންޑިޑޭޓެއް ހުއްޓާ އަމިއްލަ ކެންޑިޑޭޓަކަށް މިނިސްޓަރުން ތާއީދު ކުރައްވަނީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅޭގޮތުން "މިހާރު" އިން ޑރ. ޝަހީމާ ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.
ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރި މީހުން ވަނީ ސަރުކާރު ކެންޑިޑޭޓާ ދެކޮޅަށް މިނިސްޓަރުން މަސައްކަތް ކުރައްވާތީ ނުރުހުން ފާޅުކޮށްފަ އެވެ.
ގައްދޫ ދާއިރާގެ ރަސްމީ ކެންޑިޑޭޓަށް ތާއީދުކުރުމުގެ ބަދަލުގައި އަމިއްލަ ކެންޑިޑޭޓަކަށް ބައެއް ވަޒީރުން ތާއީދު ކުރައްވާ ވީޑިއޯއެއް އާންމުވިއިރު، ތިމަރަފުށީ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އިބްރާހިމް ސަނާހު (ސަންޓޯ) ގެ ބަދަލުގައި މިހާރު ވެސް އެ ދާއިރާ ތަމްސީލުކުރައްވާ އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށް ސަރުކާރުން ތާއީދުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ދެ މިނިސްޓަރަކު ވިދާޅުވާ ވީޑިއޯ ވެސް މީގެ ދެ ދުވަސް ކުރިން އާންމުވި އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓެކެވެ.
އެކަމަކު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ރަމީޒާއި އަބްދުﷲ ނަސީރު، ސަރުކާރުން ރިޔާޒަށް ތާއީދުކުރަން ނިންމާފައިވާ ކަމަށާއި އެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެއްވާފައިވާ ކަމަށް ވިދާޅުވާ ތަނެވެ.
އެ ވީޑިއޯ އާންމުވެފައިވަނިކޮށް، ޕްރައިމަރީން ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރެއްވި ސަންޓޯގެ ކެމްޕެއިން ޓީމުން ތިމަރަފުށީގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވެސް އާންމުން ވަނީ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
އެ ރަށުގެ އާންމުން ބައިވެރިވި އެ ބައްދަލުވުމުގައި ސަންޓޯއާ ސުވާލުކުރީ ޕީޕީއެމް/ ޕީއެންސީގެ ޓިކެޓާ ގުޅިގެން ދެއްކެވޭ ވާހަކަތަކާ ގުޅިގެން ރައީސްގެ ފަރާތުން އޭނާއަށް އެއްވެސް ޖަވާބެއް ލިބިއްޖެތޯ އެވެ. އެ ސުވާލުގައި ސަންޓޯ ވިދާޅުވީ ރައީސް މުއިއްޒުގެ ޖަވާބު ވަރަށް ސާފު ކަމަށާއި ރައީސް ސޮއި ކުރައްވައި ޕީއެންސީގެ ކެންޑިޑޭޓުގެ ގަރާރު އޭނާއާ މާކުރިން ހަވާލުކުރައްވާފައިވާ ކަމަށެވެ. އެ ނިންމުން އަނބުރާ ގެންދެވިކަން މިހާތަނަށް އަންގާފައި ނުވާ ކަމަށް ވެސް ސަންޓޯ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑަކަށް މި އަށް ވުރެ އިތުރު ސާބިތު ހެއްކެއް ނެތް. ލިޔެކިޔުމުން އަޅުގަނޑަށް ޕާޓީން ވެސް އަޅުގަނޑު ފަހަތަށް ޖެހޭށޭ. މި ޓިކެޓް އަޅުގަނޑަށް ދީފީމޭ. މީތި [ޓިކެޓް] އަނބުރާދޭށޭ އެއް ނެތް އަންގައިފައެއް،" އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްކަވަމުން ސަންޓޯ ވިދާޅުވި އެވެ.
އެ މައްސަލަތަކާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. ސުވާލު ކުރުމުން ވެސް ވަކި ޖަވާބެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިނޭސް
11 February 2024
ރަސްމީ ދުވަހު އޮފީހަށް ނުނިކުމެ މުސާރަފުޅު ޙަލާލް ވާނެތޯ، ޝަހީމޫ؟
ހުވަދޫ
10 February 2024
ހިތަދޫ ދެކުނު ދާއިރާ ވެސް އޮތީ ތިހެން. ސަރުކާރުން އަޑި އަޑިން ޕްރޮމޯޓް ކުރަނީ އެހެން މީހެއް. ޓިކެޓް ލިބުނު މީހާ އެކަނި މާ އެކަނި އުޅެނީ
ގޫބައްޑާ
11 February 2024
ތި ޕްރައިމަރީ އާއި ހަމަޔަށް ވެސް އޭނާ އަކީ ޕީޕީއެމް ޕީއެންސީއާއި ދެކޮޅަށް ހުރިމީހެއް. މި ހުރިހާ ދުވަހު އުޅުނީ އެމްޑީޕީގަ. ދެން ދިޔައީ ނަޝީދުގެ ޑިމޮކްރެޓްސްއަށް. ރިޔާސީ އިންތިހާބުގަ އިލްޔާސްއަށް މަސައްކަތް ކުރީ. ބޯވައެއް ހެން ކުލަ ބަދަލު ކުރިޔަސް އޭނާ އަކީ ޕީޕީއެމް ޕީއެންސީ ފިކުރުގެ މީހެއް ނޫން.
ކަނޑޫ
10 February 2024
އެމް.ޑީ.ޕީ މެމްބަރުން ކަހާލައިގެން ޕްރައިމަރީ ވިން ކުރީމަ ވާނީ މިހެން. އެމީހުންނަށް މަޤާމާއި ވަޒީފާތައް ބަހާލަން ޕީޕީއެމް/ޕީއެންސީ މެމްބަރުން ބޭނުމެއް ނުވާނެ.
ކިން
10 February 2024
ވެގެން އުޅޭގޮތެއް ނޭންގުނު؟ ޓިކެޓް ލިބިނު ކެޑިޑޭޓުންގެ ތެރޭގަ ޔާމިންނަ ލޯޔަލް މީހުން ހިމެނެނީބާ.
މޯޑް
10 February 2024
މުއިޒަކީ ދަށްކާ ވާހަކައިގެ އިތުބާރު ހިފޭ ރައީސް އެއް ނޫން
ޟިކަމެދޯ
10 February 2024
ތިމަރަފުށި ގެ ގޮޑިވެސް ތިހެން ވެއަްޖެ
ސަހިންދު
10 February 2024
ވައިކަރަދޫ ދާއިރާއަށް ވެސް ހެޔޯބަދަލެއްގެ ގޮތުގާ ސަގީފްއަށް 5މިނސްޓުރީއެއްގެ އެންޑޯޒްމަންޓު ލިބިފަވާކަމައް މުއުތަބަރުގޮތުގާ އެގިފާވަނީ އަދި މިވަގުތައް ސިއްރިއްޔާތުގާ ކެމްޕެއިންވެސް ކުރާކަމީ ހަގީގަތެއް. ވެރިކަމުގެ ޕާޓީން އިސްވެ ކޮއްދޭކަމެއްގާ ބަހެއްބުނުން ރަގަޅުނުވަނީ. ޓިކެޓުދެވިފާވާ ފަރާތަކީ ސަބަބުތަކަކާއެކު ޕާޓީން ބޭނުންނުވާފަރާތެއްގެ ގޮތުގާނިންމާފައިވާތީ ، އިހުލާސްތެރި ސަރުކާރެއްގަ ތިބެންވާނީ ޑީލަރުންކަމުގާ ސަރުކާރު ނުދެކޭ
އަލީ ބަލީ
10 February 2024
ހަދާން ކުރަންޖެހޭ ވޯޓްލަނީ ވަޒީރުން ނޫންކަން. ވޯޓްލަނީ ( ވައިކަރަދޫ، ނެއްލާދޫ، ކުރިބީ ) ރައްޔިތުން ކަން.
ބ15ހހ
11 February 2024
ބެންޖޯމެން ސިޔާސީގޮތުން ފަޑުއްކަޔަށްވާތަން އަހަރުމެން ދުނިޔޭގަ ތިބިއްޔާ އިރާދަކުރެއްވިޔާ ދެކޭނަން.
އަންދަލޫސިޔާ
10 February 2024
މިނިސްޓަރުން ފެންވަރުގެ 300 ވަޒީފާ އުފެއްދީމައި މިއަށްވުރެ ބޮޑެތި ކަންތައްތައް ވެސް ހިނގާނެ.
ބުރުގާ
10 February 2024
ހެއް ހެއް ހެއް... ކަލޭމެން ޔާމީނައް ދެރަދީފަ، ލައްކަ މޮޅެއްވާނެ ކަމައް ހީވަނީތަ؟؟! ނިކަން ބަލަންތިބޭތި މަޖިލިސް އިންތިހާބުގެ ނަތީޖާ. ވަރައް ތާހިރުވާނެ !!
ކަންދަހާރު
10 February 2024
ވައިކަރަދޫ ދާއިރާގެ ޕީއެންސީ ޓިކެޓު ބޯކޮށް ރަތްނޫޓު އަޅައިގެން ގަތީ. ރައްޔިތުން މިހާރު ތިބީ އޯކާދެމިފަޔޯ. ވައިކަރަދޫ މީހުންނަށް ރީތި ލަގާއެއް ލިބޭނެކަމަށް ފެންނަނީ އެބުނާ މާލެ ކަލޭގެޔަށް ބައިޔަތު ހިފައިގެން.
ޢަލީ ބަލީ
10 February 2024
ވައިކަރަދޫ ދާއިރާގެ ރައްޔިތުން އޯކާއެއްނުދެމޭނެ. ރައްޔިތުން ތިބީގަދަކޮށް. ސަރުކާރު ކެންޑިޑޭޓް ގެ ކެމްޕޭނު ޓީމް އޮތީގަދަކޮށް. ކިތަންމެ ގިނަ ވަޒީރުންނެއް ތާއީދު ކުރިއަސް ވޯޓްލާ ރައްޔިތުން އޮތީ ގޮތްނިއްމާފަ. ރީތި ލަގާ ލިބޭ މީހުން އެގޭނީ ވޯޓަށް ފަހު. ބަލަންތިބެމާ!!