އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާއި ޑެޑްޕޫލް.
19 ފެބުރުއަރީ 2024 - 06:16
އަންނަ ޖުލައި މަހުގެ 25 ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ މާވެލް ސްޓޫޑިއޯސްގެ އާ ފިލްމު "ޑެޑްޕޫލް އެންޑް ވޮލްވެރިން" އިން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ހާއްސަ ފެނިލުމަކުން ފެނުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އަޑުތައް ގަދަވީ މިދިޔަ ބުރާސްފަތި ދުވަހު މާވެލްގެ ފޭސްބުކްގައި ޕޯސްޓުކުރި ފޮޓޯއަކާ ގުޅިގެންނެވެ. އެ ފޮޓޯއިން ފެންނަނީ ތިން "ފްރެންޑްޝިޕް ބްރޭސްލެޓްސް" އެވެ.
"ފްރެންޑްޝިޕް ބްރޭސްލެޓްސް"އަކީ ޓޭލާގެ ލަވައެއް ކަމަށްވާ "ޔޫ އާ އޮން ޔުއާ އޯން"ގެ ލިރިކްސްގައި އޭގެ ވާހަކަ ދެއްކި ފަހުން، ޓޭލާގެ ފޭނުންގެ މެދުގައި މިހާރު ވަރަށް މަގުބޫލު އެއްޗެކެވެ. އޭނާގެ ފޭނުން، ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި މި ބްރޭސްލެޓް ހަދައިގެން އަންނަނީ އެކަކުއަނެކަކާ ބަދަލުކުރަމުންނެވެ.
މާވެލް އިން ޕޯސްޓުކުރި ފޮޓޯއިން ފެންނަ އެއް ބްރޭސްލެޓްގައި ލިޔެފައި ވަނީ ޑެޑްޕޫލް އެވެ. އަނެއް ބްރޭސްލެޓްގައި ވޮލްވެރިން ލިޔެފައިވާއިރު، ތިންވަނަ ބްރޭސްލެޓްގައި ލިޔެފައި ވަނީ މި ފިލްމު ރިލީޒްކުރާ ތާރީހެވެ.
ޑެޑްޕޫލްގެ ރޯލު ކުޅޭ ރަޔަން ރެނޯލްޑްސް އަދި ވޮލްވެރިންގެ ރޯލު ކުޅޭ ހިއު ޖެކްމަން އަކީ ވެސް ޓޭލާއަކީ ވަރަށް ގާތް ރަހުމަތްތެރިންނަށް ވުމުން ހާއްސަ ފެނިލުމަކުން ޓޭލާ މި ފިލްމުން ފެނުމަކީ ވަރަށް ގާތް ކަމެއް ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.
މި ފިލްމުގެ ޝޫޓިންގެ ދުވަސްވަރު ވެސް އެ ތިން މީހުން އެކުގައި ވަރަށް ގިނަ ތަންތަނަށް ގޮސް އުޅޭ ތަން ފެނިފައިވެ އެވެ.
"ޑެޑްޕޫލް އެންޑް ވޮލްވެރިން" އަކީ ޑެޑްޕޫލްގެ ތިންވަނަ ފިލްމެވެ. އަދި މި ފިލްމަކީ ޑެޑްޕޫލް އާއި ވޮލްވެރިން މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ) އަށް ތައާރަފުވާ ފިލްމެވެ. މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް ވަނީ މިދިޔަ ހަފުތާގައި ނެރެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy