ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް މަޝްވަރާ ކުރައްވާއިރު އަރިހުގައި ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު.
19 ފެބުރުއަރީ 2024 - 23:39
ރައްޔިތުންގެ މަޖިލީހުން ބޭނުންވުމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ހަތަރެސްފައި "ބަނދެވޭ" ގޮތަށް ވެސް ބާރު ލިބިފައި އޮތުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި، އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ފޮނަދޫ ދާއިރާ އަށް ވެސް ވާދަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި މިހާރު މި އޮތީ ޑިމޮކްރަސީ ފައްކާވެފައި ކަމަށެވެ.
ނަމަވެސް، ޑިމޮކްރަސީ ފުރިހަމަވެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ބޭނުންވުމުން ރައީސުލްޖުމްހޫރިއްޔާގެ ހަތަރެސްފައި ބަނދެވޭ ގޮތަށް ފުރިހަމަ ބާރާ އެކު، ކަމަށް ވިޔަސް ރައްޔިތުންނަށް ހިދުމަތް ކުރައްވަން ހުންނަވާ ރައީސަކަށް އުނދަގޫ ކުރުމުގެ ފުރުސަތު އެހެން ފަރާތަކަށް އޮވެގެން ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ރައީސަކު، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަން މަޖިލީހުގެ ދައުރު ވަރަށް މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.
"...ރައްޔިތުންނަށް، ރައްޔިތުން ބޭނުންވާ ސްޕީޑުގައި، ބޭނުންވާ ކުރިއެރުމާއި ތަރައްގީ ގެނެސްދިނުމަށްޓަކައި އާ ގާނޫނުތައް އެބަޖެހޭ ވުޖޫދަށް ގެންނަން، އާ ބަދަލުތައް އެބަޖެހޭ ގެންނަން. އާ ގޮތްތަކެއް އެބަޖެހޭ ހޯދަން. އާ ވިސްނުން އެބަޖެހޭ އަޅުގަނޑުމެން އިސްކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"މި ކަންކަން ކުރެވޭނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތެއް ލިބިގެން. ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ ހަތަރެސް ފައި ބަނދެވޭ ގޮތަށް އޮތުމަކީ އެއީ ބުއްދީގެ ހަމައިން ބަލާއިރު ގަބޫލު ކުރެވޭނެ ކަމެއް ނޫން. ރައްޔިތުންގެ މަޖިލީހުން ބޭނުންވީމާ، ރައީސުލްޖުމްހޫރިއްޔާ ކޮޓަރިއަކަށް ލާފައި އާނ، ތި ތަނުން ދެން ނުނިކުންނާށޭ ބުނެވޭ ގޮތަކަށް ގާނޫނު ހުރުމަކީ މާދަމާއަށްޓަކައި އަޅުގަނޑުމެން ވިސްނާއިރު އެއްގޮތަކަށް ވެސް ހަމަޖެހޭ އުސޫލެއް ކަމަކަށް މިއަދު ގަބޫލެއް ނުކުރެވޭ."
އަބްދުއްރަހީމް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމުގެ ހުވާކުރެއްވިއިރު، ދައުލަތުގެ މާލިއްޔަތުގައި އޮތީ "ހުސް ތޮށިގަނޑު" ކަމަށެވެ. އެ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ފުރަތަމަ ދުވަހުން ފެށިގެން ރައީސް މަސައްކަތްޕުޅު ފެއްޓެވީ އިހުލާސްތެރިކަމާ އެކު ވައުދު ފުއްދުމަށް ކަމަށް ވިދާޅުވެ، އޭގެ ހެއްކެއްގެ ގޮތުން އަބްދުއްރަހީމް ދެއްކެވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ދެއްކެވި ވާހަކަފުޅުތަކާއި ވައުދުތައް ފެންނާނެ ފޮތުގެ ކޮޕީއެކެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ އިހުލާސްތެރިކަން ނެތް ނަމަ ކައުންސިލްތަކަށް އެ ފޮތް ހަދިޔާއެއް ނުކުރައްވާނެ އެވެ. އެ ހުށަހެޅުމުން ބުނެ ދެނީ ކެމްޕެއިންގެ ތެރޭގައި ރައީސް ވެވަޑައިގެންނެވި ވައުދުތައް ހަނދާން ކޮށްދިނުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
President Dr @MMuizzu met with the residential community of Fuvahmulah City at the Gn. Atoll Education Centre. pic.twitter.com/UL6vUk2avh
— The President's Office (@presidencymv) February 19, 2024
މީހަކަށް ޒިންމާއެއް ހަވާލުކޮށްފިއްޔާ އެކަން ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށާއި މި ވަގުތު ދިވެހިން ތިބީ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި ވަރަށް ބޮޑު އަމާނާތަކާއި ޒިންމާއެއް ހަވާލުކޮށްގެން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމަށް ރައީސަށް ފުރުސަތު ހޯދައިދިނުމަށް މިހާރު ކޮށްދޭންޖެހޭ ކަމަކީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތަނަވަސް އަޣުލަބިއްޔަތު ސަރުކާރަށް ހޯދައިދިނުމެވެ.
ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒާއި އަބްދުއްރަހީމް
އެކަންކަމާ އެކު، މިއީ ގައުމު ދެކޭނެ އެންމެ ފާގަތި ފަސް އަހަރަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކު ކައުންސިލާ އެކު ރައީސް މުއިއްޒު އަދި ސަރުކާރުގެ އިސްވެރިން މިއަދު ބޭއްވި ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ވަނީ ހުށަހަޅައިފަ އެވެ. އަބްދުއްރަހީމް ވަނީ އެ ލިސްޓު ފުރިހަމަކުރަން ބޭނުންވާ ނަމަ ފުވައްމުލަކުގެ ތިން ގޮނޑި އަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް އެދިވަޑައިގެންފަ އެވެ.
ވާދަވެރި އިދިކޮޅު ޕާޓީއެއް އޮތުމަކީ ގައުމަށް މުހިއްމު ކަމަކަށް ވިޔަސް އިދިކޮޅު ޕާޓީ ވާން ޖެހޭނީ ޒިންމާދާރު ފަރާތަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެރިގުއި
20 February 2024
އެއީ އެބައިމީހުން ބުނެގެން ކުރަންއުޅޭ ކަމެކޭ. ތިބީ ދަށުވެ ފިތިބާރުވެފަ.
އީސަދަރި
20 February 2024
އަދުރޭ ދެއްކި ވާހަކައިގެ މާނަޔަކީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ގާނޫނަށް ބަދަލްގެނަސްގެން ރައީސް ގައުމަށް ގައްދާރުވިޔަސް މަޖިލީހުން ރައީސް ވަކި ނުކުރެވޭގޮތައް ގާނޫނު ބަދަލްކުރަން ބޭނުމޭ..... ރައީސަކު ހޮވުމަށްފަހު ސަރުކާރު ޒިންމާދާރުކުރަން ރައްޔިތުން ހޮވާފަތިބޭ ބައެއް މަޖިލީހަކީ. މަޖޖިލީހުގެ ބާރު ކަނޑުވާލުމަކީ ރައްްޔިތުންގެ ބާރު ކަނޑުވާލުން. އަދުރޭމެން ވެރިކަމަށްް އަންނަ ކޮންމެ ފަހަރަކު މިއޮންނަނީ މަޖިލިސް ގޯސްވެފަ. މެމްބަރުން ފާރުމަތިން.
އަފްރާސިޔާބު
20 February 2024
އަދުރޭ،، މަޖިލީހަކީ ރައްޔިތުން، ރައްޔިތުން ބޭނުންވީމަ ރައީސްގެ ހަތަރެސްފަޔާ ދެން އިން ފައިވެސް ބަނދެވެންޖެހޭނެ. މިއަދު ތިހެންބުނެފަ މަޖިލީހުގެ މެޖޯރިޓީ ލިބޭދުވަހު ގައުމު ވިއްކާލާފަ ބުނާނެ މަޖިލީހުން ބޭނުންވާ ކޮންމެކަމެއް ކުރެވޭނެޔޭ. މި ސަރުކާރު ގެންނަން ވޯޓްދެވުނު ރައްޔިތުން މިހާރު ހެދުނު މިސްޓޭކަށް ހިތަމަކުރާނެ. އަދި އަންނަންއޮތް ޖީލްތަކަށް އަހަރެމެން ކުރުރި ކަންތަކުގެ ހިތި ފެންނާނެ.
މަންސޫރް
20 February 2024
މިފަހަރު މި މީހުން ރައްޔިތުން ކަރިއަށް ވޯޓް ހޯދަން އަންނައިރު ގިނަގިނައިން ހަދާންކޮށްދޭން ވީ މިކަންތައް.
މުޖާހިދް
20 February 2024
މަޖިލިސް ތެރެއިން ބަގަވާތް ކުރަން ފުރުސަތު ދީގެން ނުވާނެ. މަޖިލިސް އުވާލަންވީ. އިތުބާރު ގެއްލިފަތިބި ބައެއް
ދިއްދޫމީހާ
20 February 2024
މަޖިލިސް އުވާލުމުގެ ބާރު އެއްވެސް ފަރާތަކަށް ނޯންނާނެ. މޮޔަނުގޮވާ. މަޖިލީހަކީ ހަމަ އެކަނި ސަރުކާރުތައް ޖަވާބުދާރީ ކުރޭނެތަން. އެއީ ވޯޓް ދީ ސަރުކާރެއް ހޮވުމައްފަހު ހަމައެކަނި ރައްޔިތުންގެ ބާރު ސަރުކާރަށް ދެއްކޭނެތަން. ރައްޔިތުންގެ މަޖިލިސް.
މައިސާންް
20 February 2024
ކޮންހަޑިއެއް ހާވާހަކަށް، ފެއިލްވެފަ ތިބިމީހުން އެމީހުން އަތުން ގެއްލުން އެތި ބޮޑުކަމުން އުޅެނީ. ބޭނުންހާ އެއްޗެއް ހަދަން ފުރުސަތުދީގެން ނުވާނެ
ހުމާމް
20 February 2024
އެއްގޮތަކަށްވެސް އެހެންވެގެން ނުވާނެ. ވެރިކަމަކަމަށް އަންނަނީ މެޖޯރިޓީ ރައްޔިތުންގެ ވޯޓް ހޯދައިގެން. މަދު ބަޔަކު ބޭނުންވެގެން ވެރިކަން ބަލިކަށި ކުރުވަން ވެގެން ބޭނުންހާ ކަމެއް ކުރަން ފުރުސަތު ދީގެން ނުވާނެ.
ނޫހް އިބްރާހިމް
20 February 2024
އަދުރޭ ބުންޔަސް ތެދެއް ވާނީ ތެދަކަށް.
އެމެރިކާ
20 February 2024
އަދުރޭ ތެދެއް ހެދިއްޔަ ތެދަކަށްވާނީ، އަދުރޭ ހަދާ ދޮގު ތެދަކަށް ވާނެގޮތެއް ނޯންނާނެ. އަދުރޭޔަށް އުނދަގުވާނެ ތެދެއްހަދަން.
މުއްސަބު މުހައްމަދު
20 February 2024
އެމްޑީޕީއިން ކުރާ ބަގާވާތް ބަލައި ނުގަންނަން.
ސައްބަތު އަޒީޒު
20 February 2024
މިސަރުކާރަށް ޖެއްސުން ކުރުން ބަލައި ނުގަނެވޭ. ހަގީގަތުގައި ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ކުޑަ ދުވަސްކޮޅެއް ތެރޭ މިހާރު އެބަ ފަށާ.