ހާލަންޑް ބްރެންޓްފޯޑް ކޮޅަށް ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
21 ފެބުރުއަރީ 2024 - 08:48
މެނޗެސްޓާ (ފެބްރުއަރީ 21) - ހާލަންޑްގެ ގޯލުން ހަނި ގޮތަކަށް 1-0 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ސިޓީ އިން އެއްވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފި އެވެ.
މި ނަތީޖާއާ އެކު މެންޗެސްޓާ ސިޓީ ލީގުގެ ދެވަނައިގައި އޮތީ މިހާތަނަށް ކުޅުނު 25 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ 25 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މިރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި ލޫޓަން ޓައުންއާ ދެކޮޅަށް ކުޅޭނެ އެވެ.
ހޫލިއަން އަލްވަރޭޒްގެ އެހީތެރިކަމާ އެކު ހާލަންޑް މި ގޯލު ޖެހީ މެޗުގެ 71 ވަނަ މިނިޓުގަ އެވެ. މިއީ ލީގުގައި އޭނާ މިހާތަނަށް ކުޅުނު 20 މެޗުން ޖެހި 17 ވަނަ ގޯލެވެ. މި ސީޒަންގައި މިހާތަނަށް 22 ގޯލު އޭނާ ވަނީ ސިޓީއަށް ކާމިޔާބު ކޮށްދީފަ އެވެ.
ކޯޗު ޕެޕް ގާޑިއޯލާ މި މެޗު ނިންމާލި ކެވިން ޑިބްރޭނާ ބެންޗުގައި ބައިންދައިގެންނެވެ. ގާޑިއޯލާ ބުނީ ޑިބްރޭނާގެ އަނިޔާގެ ކޮންމެވެސް ވަރެއްގެ މައްސަލައެއް އުޅޭތީ ރިސްކު ނުނެގީ ކަމަށެވެ.
މެޗުގައި ހާލަންޑް ޖެހި ގޯލާ އެކު އޭނާ ވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި އިދިކޮޅުން ކުޅުނު 21 ޓީމަކާ ދެކޮޅަށް ގޯލު ޖަހައިފަ އެވެ. ސިޓީ އަށް 2022 ވަނަ އަހަރު ބަދަލުވި ފަހުން ފާއިތުވި 18 ވަރަކަށް މަސް ތެރޭ ހާލަންޑަށް ގޯލު ނުޖެހި އޮތީ ހަމައެކަނި ބްރެންޓްފޯޑް ކޮޅަށެވެ.
"ޓޮޕް ސްކޯރާއިންނާ ގިނަ ގޯލު ޖަހާ ސްޓްރައިކަރުންނަށް ފާޑު ނުކިޔާތި، އެއީ ކޮންމެސް ދުވަހަކުން އެ ބައެއްގެ އަނގަ ބަންދު ކޮށްލާނެ އެ ކުޅުންތެރިޔާ،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
"ޔަގީނުން ވެސް ގޯލު ޖަހަން އެންމެ ކުޅުންތެރިއަކު ނަގަންނާ އަހަރެން ހިޔާރު ކުރާނީ އޭނާ [ހާލަންޑް]. އަނިޔާއަކާ ގުޅިގެން ދެ މަސް ދުވަހު އޭނާ ހުރީ ކުޅުމާ ދުރުގައި. އޭނާގެ އެންމެ ރަނގަޅު ފޯމަށް އަދި ނޭޅޭ. އަނެއްކާ މިދިޔަ ހަފްތާ އެއީ އޭނާއަށް އުނދަގޫ ހަފްތާއެއް، އޭނާގެ މާމަ ނިޔާވެގެން، މިއީ އެއްވެސް އިންސާނަކަށް ފަސޭހަ ހާލަތަކަށް ނުވާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަހަ
21 February 2024
ދެން ސްވިމިންޕޫލް ބަލިކޮށްފަ ލީގުނަގަންވީ ސިޓީ