ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހުގެ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
21 ފެބުރުއަރީ 2024 - 13:19
ފަލަސްތީނުގެ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ބަޔާނެއް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވިލިނގިލި ދާއިރާގެ އެމްޑީޕީގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މިނިސްޓަރު ޒަމީރު މިއަދު ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީ އަށް މިނިސްޓަރު ދެއްވި ބަޔާނުގައި ވިދާޅުވީ، އިރުމަތީ ގުދުސް ހިމެނޭހެން އިސްރާއިލުން ހިފާފައިވާ ބިންތަކުގައި އެ ގައުމުން އަމަލު ކުރަމުންދާ ގޮތާ މެދު އުފެދޭ ގާނޫނީ ސުވާލުތަކާ ގުޅޭ ގޮތުން އދ. ގެ އާންމު މަޖިލީހުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދިފައިވާ މައްސަލާގައި ރާއްޖެ އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"އެގޮތުން ރާއްޖެ އިން ވަނީ ފަލަސްތީނުގެ ސަރުކާރުގެ އެދުމުގެ މަތިން 25 ޖުލައި 2023 ވަނަ ދުވަހު އައިސީޖޭއަށް ލިޔުމުން ބަޔާނެއް ހުށަހަޅާފައި އަދި މި މައްސަލައާ ގުޅޭ ގޮތުން 26 ފެބުރުއަރީ 2024 ގައި އައިސީޖޭގައި ދިވެހިރާއްޖެ އިން އޯރަލް ސްޓޭޓްމެންޓެއް ދިނުމަށް ތަވާލުކުރެވިފައިވާތީ ދިވެހި ސަރުކާރުން މި ގެންދަނީ މިކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން،" ޒަމީރު ވިދާޅުވި އެވެ.
އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާ އިން އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލަ އަށް ވެސް ރާއްޖެ އިން ތަދައްހުލުވެ، ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޭ ޔަގީންކަމަކީ ރާއްޖެ އޮންނާނީ ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ސާބިތުވެކަން ކަމަށެވެ. ރާއްޖެ އިން ތާއީދު ކުރަނީ ޓޫ ސްޓޭޓް ސޮލިއުޝަނަކަށް ކަމަށާއި ގަބޫލު ކުރާ ގޮތަކީ ދެ ގައުމުގެ ވަކިވެ ބޯޑަރު އޮންނަން ޖެހޭނީ އިސްރާއިލް ގަދަ ބާރުން ފަލަސްތީނަށް އަރައިގަތުމުގެ ކުރިން 1967 ގެ ކުރިން އޮންނަ ބޯޑަރަށް ކަމަށް ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ ސްޓޭންޑަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ފަަލަސްތީނުގެ މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމާއި އެ ދައުލަތަށް ހުރިހާ ހައްގުތަކެއް ވެސް ލިބުމެވެ.
"އަޅުގަނޑުމެން މި ގެންގުޅޭ ޕޮސިޝަންއަކީ ފަލަސްތީނުގެ ސަރުކާރާއި އަރަބި ގައުމުތަކާއި އެހެން ވެސް ވަރަށް ގިނަ ގައުމުތަކާއި ޖަމިއްޔާތަކުން ވެސް ގެންގުޅޭ ކޮމަން ޕޮސިޝަން. ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތެއްގެ ބޯޑަރަށް މި ޕޮސިޝަންއަކީ ގާތްގަނޑަކަށް ފަލަސްތީނުގެ ހައްގުގައި ހެޔޮއެދޭ ހުރިހާ ފަރާތަކުން ވެސް ގެންގުޅޭ ޕޮސިޝަން،" ޒަމީރު ވިދާޅުވި އެވެ.
"އިސްރާއިލް އަށް ވެސް ކޯ-އެކްޒިސްޓް ވެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. އިސްރާއިލް އަށް ވެސް އިސްރާއިލްގެ ހައްގުތައް ލިބިފައި އެކަމަކު ފަލަސްތީނަށް ވެސް އެ ގައުމުގެ ހައްގުތައް ލިބިގެން ވަކިން ދެ ގައުމެއްގެ ގޮތުގައި ތިބެވެންޖެހޭނެ ކަމަށް މި ކޮމަން ޕޮސިޝަންގައި މި ގަބޫލު ކުރެވެނީ."
ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހުގެ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހަމާސް އިން އިޒްރޭލަށް ހަމަލާ ދިން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަވެރިން ގާތްގަނޑަކަށް 250 މީހުން ރަހީނުކުރި އިރު ގާތްގަނޑަކަށް 1،160 މީހުން ހަމަލާތަކުގައި އިޒްރޭލުން މަރާލި އެވެ. ބަދަލުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 29،000 އެއްހާ މީހުން މިހާތަނަށް ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ދެކުނު އެފްރިކާގައި 1994 ވަނަ އަހަރުގެ ކުރިން އޮތް ނަސްލީ ތަފާތުކުރުމަށް ވުރެ މާ ބޮޑަށް އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކުގައި އެފަދަ އަމަލުތައް ހިންގާ ކަމަށް ދުނިޔޭގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިއްޔެ ދެކުނު އެފްރިކާއިން ވަނީ ބުނެފަ އެވެ.
އިޒްރޭލުން ފަލަސްތީނު އަޅުވެތިކޮށްފައި އޮތުމުގެ ގާނޫނީ ނަތީޖާއާ މެދު އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދެކުނު އެފްރިކާއިން މިހެން ބުނެފައި ވާއިރު އެ ގައުމުގެ ހުށަހެޅުމަށް 52 ގައުމަކުން ކޯޓުގައި ތާއީދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުމާާ
22 February 2024
ވަރަށް އުފާވޭ އަސްލު މިޔަދު މި އައު ސަރުކާރު ފަލަސްތީނުގެ ރައްޔިތުން ބިކަ ނުކުރާނެ ކަމުގެ އުންމީދު ލިބޭތީ.
ޖީހާންް
22 February 2024
ފަލަސްތިނުގެ މިނިވަންކަން ކަށަވަރު ކުރުމަށް ރާއްޖެއިން ވެދެއްވެން އޮތް ހުރިހާ އެހީއެއް ދެއްވާނެކަން ހަމަ ޔަގީން.
ސުމައްޔާ
22 February 2024
މި ކުޑަ ކުޑަ ރާއްޖެވެސް ވަނީ އިޒްރާއިލްއާއި ދެކޮޅަށް ބާރަށް ނުކުމެފައި. އެކަމަކު އިސްލާމީ ބަޔެއް ގައުމްތަކުގެ އަމަލުތަކުން ވަރަށް ހިތްދަތިވޭ.
އަރަބް
22 February 2024
ރާއްޖޭގެ މީހުނަށް އެތާ ހިނގާ ކަންކަން ނޭންގެނީ ޢަރަބިންގެ މައްސަލައެއް އެނގޭނީ ޢަރަބިންނަށް އެމީހުން އޭގަ ހޭވި ހަޑިޔާ އެއްޗެތި
މުންޝިދްް
22 February 2024
ރައީސް މުއިއްޒަކީ އެންމެ ފުރަތަމަ ފަލަސްތީނަށް ވަކާލާތުކުރެއްވި އިސްލާމީ ލީޑަރެއް.
ރީންދޫ
22 February 2024
އޭނަ އެ ބުނަނީ 1967ގެ ބޯޑަރޭ އިސްރާޢީލާ ކޯއެގްޒިސްޓެންސޭ (އޭގެ މާނަޔަކީ އިޒްރޭލް ދައުލަތް ބަލައިގަތުން) އަދި 1967ގެ ބޯޑަރަކީ އަލިފްދާލުން ދެ ގައުމަށް އިން ޖަހާ ވަކި ކުރި ފަހުން 1948ގައި ޢަރަބިން އިޒްރޭލަށް ހަމަލާދީގެން ފެށުނު ހަގުރާމައިގައި އަރަބިން ބަލިވުމުން އިޒްރޭލުން އަތްލި ބަޔާއި އެއްކޮށް. ފައިބަން އެބުނަނީ 1967ގައި ހިފި ތަންތަނުން..
ކުލްސޫމްް
22 February 2024
މި ސަރުކާރު އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ލޮބުވެތި އަހުންނާއެކު.
ހަސިންތަ
21 February 2024
ފަލަސްތީނު ހައްގުގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށްލަން ކެރޭނެތޯ
ރާއްޖެ
21 February 2024
މިއީ މާ މުހިންމު ކަމެއް ނޫން. އިޒްރޭލް ގިނަ މީހުން އަތުގަ އިތުރު ޕާސްޕޯޓް އޮވޭ.
ފޭކުމީހުން
21 February 2024
ޕާސްޕޯޓު މަނާ ކުރިޔަސް އަންނަން ބޭނުން މީހުން އާދޭ އެހެން ޕާސްޕޯޓު ތަކުގަ. ސަރުކާރު މަޅިއަކަށް ފައްތައް އެއްވެސް އިހުލާސްތެރިކަމެއް ނެތި ކުރާ ކޮމެންޓު ތީ.
އަހްމަދު ނ
21 February 2024
މާތް ﷲ ތިކަމުގައި ބަރަކާތް ލައްވަށި. އިރާދަ ކުރެއްވިއްޔާ ފަލަސްތީނަށް ނަސްރުލިބޭނެ
ޤާނޫނު
21 February 2024
މަލިކަކީ ވެސް ދިވެހި ބަހުން ވާހަކަ ދައްކާ ދިވެހިން އުޅޭ ތަނެއް. އަލީރާޖާމެން ހަނގުރާމަކޮށްގެން ހިފީމަ އެއޮތީ އިންޑިޔާގެ ބަޔަކަށް ވެފައި. އަލިފްދާލު އުފެދުމުގެ ކުރިން މިނިވަން ސިޔާދަތީ ގައުމުތަކުގެ ބޯޑަރު ހެދުމުގެ ކުރިން ހަނގުރާމަކޮށްގެން ހިފީމަ. އައްޑޫ ރައްޔިތުން އެތަން ވަކިކޮށްގެން އުޅެނިކޮން ރާއްޖޭން އެތަން ހިފީމަ މިހާރު އެއީ ރައްޖޭގެ ބަޔެއް. ދަސްކޮއްބަލާ މޫސާބެ
ވަޒީރު-2
21 February 2024
އެހަނގުރާމައިގައި އިސްރާޢީލް މޮޅުވެ ޢަރަބިގައުމުތައް ބަލިވެގެން ދުއްވައިގަތުމުން ފަހަތުން ގޮސް ތި ބިންތައް އިސްރާޢީލްގެ ދަށަށް އައީ. ގަދަކަމުން އަރާގެން ނޫން. ދެން އެ ޒަމާނުގެ ބައިނަލްއަޤްވާމީ ގާނޫނުތަކުގައި ދިފާޢީ ހަނގުރާމައަކީ ސައްހަ ހަނގުރާމައެއް. އެ ހަނގުރާމައިން ހިފޭ ބިންތައް ސުލްހައިގެ އެއްބަސް ވުމެއް ނުހެދެނީސް ހިފައިގެން ތިބުން ހުއްދައެވެ. އެފަދަ އެއްބަސް ވުމެއް އަދިވެސް ނުހެދޭ ކަމުން ތިބެވެއެވެ.
ފެކްސް
21 February 2024
ފުރަތަމަ ހަމަލާ ދިނީ އިސްރޭލު. ރަނގަޅަށް ކަން ހިނގާފަ އޮތް ގޮތުގެ ވާނުވާ ބަލާބަލަ.
ވަޒީރު-
22 February 2024
އަދި ފުރަތަމަ ކޮންމެ ބަޔަކު ހަމަލާދިނަސް ފަލަސްތީނަށް ހަމަލާ ދީ ފަލަސްތީން ހިފީ ކަމަކަށް ނުވޭ. އެއީ ފަލަސްތީނެއް ނެތް އޭރުގައި. މިސްރުން އުޅުނީ ގާޒާ ހިފައިގެން މިސްރުގެ ބަޔަކަށް ހަދާ އެއްކޮށްލައިގެން. ފަލަސްތީން ސަރުކާރެއް ނެތް ފަލަސްތީން ސިފައިނެއް ނެތް. ދައުލަތެއް ނެތް. އޮތީ މިސްރު. މިސްރު ސަރުކާރާއި މިސްރު ސިފައިން. މިސްރުން ކަނޑުއޮޅި ބަންދުކުރީ. ކަނޑުއޮޅި ބަންދު ކުރުމަކީ ހަނގުރާމައިގެ ޢަމަލެއް ކަމަށް އިއުލާނުކޮށްފައިވޭ އޭރު އިސްރާޢީލުން..
ވަޒީރު-3
21 February 2024
އަދި ވެސްޓްބޭންކް ފަދަ ތަންތަނަކީ އޭރުވެސް އެއްވެސް މިނިވަން ސިޔާދަތީ ގައުމެއްގެ ބަޔަކަށް ނުވާތީ އެތަންތަން ހަނގުރާމައިން ލިބޭ ބަޔެއްގެ ތަންތަނަށް ޤާނޫނީ ގޮތުން ވާން ވެސް ވެއެވެ.