ޕޯޓޯގެ ބްރެޒިލް ފޯވާޑް ޖަލޭނޯ (ކ) ފަހުވަގުތު ޖެހި ގޯލަށް ފަހު އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް މާޔޫސްވެފަ.-- ފޮޓޯ: އޭއެފްޕީ
22 ފެބުރުއަރީ 2024 - 10:35
ޕޯޓޯ (ފެބްރުއަރީ 22) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގު މެޗުގައި ޕޯޗުގަލްގެ ޕޯޓޯ އިން އަމިއްލަ ދަނޑުގައި އެންމެ ފަހު ވަގުތު ކާމިޔާބު ކުރި ގޯލުން 1-0 އިން އާސެނަލް ބަލިކޮށްފި އެވެ.
ލަނޑެއް ނުޖެހި އެއްވަރުވާން ދިޔަ މި މެޗުގައި ޕޯޓޯ މޮޅުވީ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި، ޖަލޭނޯ ކާމިޔާބު ކޮށްދިން ހިތްގައިމު ގޯލުންނެވެ. އާސެނަލް މެޗު ނިންމާލީ ޓާގެޓަށް ހަމަލާއެއް ފޮނުވާނުލެވި އެވެ.
މިއީ 2016/2017 ވަނަ އަހަރަށް ފަހު އާސެނަލް ޗެމްޕިއަންސް ލީގު ކުޅޭ ފުރަތަމަ ފަހަރެވެ. އެފަހަރު ވެސް ކެޓީ ގަދަ 16 އާ ހަމައިންނެވެ. ޗެމްޕިއަންސް ލީގުގައި 2009/2010 ސީޒަންގެ ފަހުން އާސެނަލް އަދި ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފައެއް ނުވެ އެވެ.
ޕޯޓޯ އަތުން ބަލިވި ފުރަތަމަ ލެގު މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ، އޭޏާ ބުނީ މިއީ އަދި ހާފްޓައިމް ކަމަށް.-- ފޮޓޯ: އޭއެފްޕީ
"އަހަރެމެން މިއިން ފިލާވަޅު ލިބިގަންނާނަން. ވަރަށް ސާފު، މިއީ އަދި ހާފް ޓައިމް،" މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ ބުންޏެވެ.
މެޗުގެ ކުރިން އާސެނަލް އޮތީ ގޯލު ޖެހުމުގެ ރަނގަޅު ފޯމެއްގަ އެވެ. އިނގިރޭސި ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން އެޓީމު 21 ގޯލު ޖެހިއިރު، ބައިކޮޅަށް ވަދެފައި ވަނީ ދެ ގޯލެވެ. މިމަހު ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 6-0 ގެ ނަތީޖާއަކުން ކުރި ހޯދައިފަ އެވެ. އަދި ލިވަޕޫލްގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ.
އާސެނަލްގެ ރެކޯޑް ސައިނިން ޑެކްލަން ރައިސް ވެސް ވަނީ އަންނަ މަހު ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ސަޕޯޓަރުންނަށް ފެންނާނީ ތަފާތު އާސެނަލްއެއް ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
ބާސެލޯނާ އާއި އިޓަލީގެ ޗެމްޕިއަން ނަޕޯލީ ބައްދަލުކުރި ފުރަތަމަ ލެގު ވެސް ރޭ ކުޅުނެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު މި މެޗުގެ 60 ވަނަ މިނިޓުގައި ބާސެލޯނާ ވަނީ ރޮބާޓް ލެވަންޑޯސްކީގެ ގޯލަކުން ލީޑު ނަގައިފަ އެވެ.
ނަމަވެސް 15 މިނިޓު ފަހުން، ނައިޖީރިއާ ފޯވާޑް ވިކްޓާ އޮސިމްހެން ވަނީ ނަޕޯލީ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
މިއީ މިދިޔަ ޑިސެމްބަރު މަހަށް ފަހު އޮސިމްހެން ނަޕޯލީ އަށް ކުޅެދިން ފުރަތަމަ މެޗެވެ. އެއަށް ފަހު އޮސިމްހެން ވަނީ ގައުމީ ޓީމާ އެކު މިދިޔަ ހަފްތާ ނިމުނު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލް ކުޅެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
22 February 2024
އަދި ރަނގަޅުވާނެ. އިންޝާﷲ