މުފާ، އެފްއޭއެމްގެ ބައްދަލުވުމެއްގައި: އޭނާ ވަނީ އެފްއޭއެމުން އިސްތިއުފާ ދީފަ --. ފޮޓޯ: ނިޝާން އަލީ | މިހާރު
22 ފެބުރުއަރީ 2024 - 14:00
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯ މެންބަރުކަން އޭނާގެ ދެ ދައުރުގައި ވެސް ކުރި މުފާވިޒު ހާޝިމު (މުފާ) އެ އެސޯސިއޭޝަނުން އިސްތިއުފާ ދީފި އެވެ.
އެފްއޭއެމުން މިދިޔަ މަހު 31 ގައި ބާއްވަން މަސައްކަތް ކުރި އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލެއްވި މުފާ، އެފްއޭއެމްގެ އެކްސްކޯއިން އިސްތިއުފާ ދިން ކަން އޭނާ ވަނީ "މިހާރު" އަށް ކަށަވަރު ކޮށްދީފަ އެވެ.
އިންތިހާބުގައި މުފާއާ ވާދަކުރަން ކުރިމަތިލި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ތޯރިގް (ޓޮމް) ކެންޑިޑެސީ ބާތިލު ކުރުމުން އޭނާ ހުށަހެޅި އިސްތިއުނާފު މައްސަލަ ބަލާނެ ކޮމިޓީއެއް ވެސް އެފްއޭއެމުން އުފައްދާފައި ނެތުމުން ފީފާއިން އެންގީ އިންތިހާބު މަސައްކަތް ހުއްޓާލުމަށް ފަހު އަލުން ކޮމިޓީތައް ހެދުމަށެވެ.
މި މަހު އެފްއޭއެމުން ވަނީ ކޮމިޓީތައް އެކުލަވާލާފަ އެވެ. މިހާރު އޮތީ އިންތިހާބު އަލުން އިއުލާން ކުރުމެވެ.
އެފްއޭއެމުން 2022 ގައި ބޭއްވި ކޮންގްރެސް އަށް ފަހު ބައްސާމް (ވ) އާއި މުފާ؛ އެ ދެބޭފުޅުންގެ ދެމެދުގައި މައްސަލަ ޖެހިފައިވޭތޯ ސުވާލު ކުރުމުން މުފާ ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
ދެން އިއުލާން ކުރާ އިންތިހާބުގައި އަލުން ވާދަކުރާނަންތޯ އެހުމުން، ކްލަބް އީގަލްސްގެ ސީއީއޯގެ މަގާމު ވެސް އަދާ ކުރަމުން އަންނަ މުފާ ވިދާޅުވީ އެއަށް އެއްޗެއް ބުނަން އެނގޭނީ އިންތިހާބު އިއުލާން ކުރުމުން ކަމަށެވެ.
"އަމިއްލަ ސަބަބުތަކާ ހެދި ރިޒައިން މި ކުރީ،" މުފާ ވިދާޅުވި އެވެ.
"އަލުން އިންތިހާބުގައި ވާދަކުރާނަން ހޭ؟ ތިޔަށް އެއްޗެއް ބުނާކަށް ނޭނގެ. އިންތިހާބު އިއުލާން ކުރީމަ އެއްޗެއް ބުނަން އެނގޭނީ."
ބައްސާމްގެ ޓީމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދޭން ނިންމި އޭނާއާ މައްސަލަ ޖެހިގެންތޯ ސުވާލު ކުރުމުން، މުފާ ވިދާޅުވީ އެކަހަލަ ކަމެއް ނެތް ކަމަށެވެ.
"ތީ ރަނގަޅު ވާހަކައެއް ނޫން. ތިކަހަލަ ކަމެއް ނެތް،" މުފާ "މިހާރު" އަށް ވިދާޅުވި އެވެ.
ދެން އިއުލާން ކުރާ އިންތިހާބުގައި ބައްސާމް ވާދަކޮށްފާނެ ކަމަށް އޮތީ ބެލެވިފަ އެވެ. މި މަހު ބޭއްވި ކޮންގްރެސްއަށް ފަހު ނޫސްވެރިން އެ ސުވާލު ކުރުމުން އޭނާ ސާފު ޖަވާބެއް ނުދެއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިއްމަ
24 February 2024
ބައްސާމްގެ ބަދަލުގަ ކުރިމަތިލާން މުފާ ހަމަޖައްސާފާ މިހާރު ބަދަލު ކުރީމަ ހިއްޕުޅާނުވީ. މިހާރު ދެން ނުކުންނާނީ ބައްސާމް.
ހަސަނު
22 February 2024
ބައްސާމް މެދުވެރިކޮށް ކުރި ހުރިހާ ވައްކަމެއް ބައްސާމް ބޮލުގާ އަޅުވާފަ އެންމެން ބަޗަނީ...
ވާވާ
22 February 2024
ވައްތަރީ ބޮޑަށް ގޭސް ގަނޑަކާ!