އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު ވަރުގެ ވެރިއެއްގެ ވެރިކަން ވައްޓާލަން އެންމެން ގްރޫޕް ހަދައިގެން "ބޮނޑިބަތް ކެއްކިޔަސް" ރައްޔިތުން އެ ފުރުސަތެއް ނުދޭނެ.
ކުރީގެ ރައީސް ޔާމީނާއި އަބްދުއްރަހީމް ސަލާމް ކުރައްވަނީ.
27 ފެބުރުއަރީ 2024 - 18:29
ވަފާތެރިވާން ޖެހޭނީ ވަކި ބޭފުޅަކަށް ނޫން ކަމަށާއި އަބަދުވެސް ދެމިހުންނަވަނީ ސިޔާސީ މަސައްކަތް އޭނާ ފެއްޓެވި ފިކުރުގެ މަތީގައި ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ ނުސީދާ ރައްދެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު އަމާޒުކުރައްވައިފި އެވެ.
ރައީސް މުއިއްޒު އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ އިދިކޮޅު އެމްޑީޕީ އާއި އޭނާ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތް ކުރެއްވި ޔާމީނަށް ވެސް ފާޑުވިދާޅުވެފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ދިގު ސިޔާސީ ހަޔާތުގައި ވަރަށް ގިނަ ވެރިންގެ ކަންކަން ހުންނަ ގޮތް ކައިރިން ފެނިވަޑައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވެރިކަމުގެ ލައްޒަތާއި އިއްޒަތަށްޓަކައި ވެރިކަން ކުރެއްވި ބޭފުޅުންނާއި ވެރިކަމުގެ ލާބަ އާއި މަންފާއަށްޓަކާ ވެރިކަން ކުރެއްވި ބޭފުޅުންނާއި ވެރިކަމަށްޓަކާ ފަހުރުވެރިވެ، ބޮޑާކަން މަތީގައި ވެރިކަން ކުރެއްވި ބޭފުޅުންނާ އަދި ރައްޔިތުންނަށްޓަކައި ވެރިކަން ކުރެއްވި ބޭފުޅުން ވެސް ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ ވެރިއަކު، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި އެ ޝަކުވާތަކާއި ރައްޔިތުންގެ ބޭނުންތައް އެނގިވަޑައިގެން، ރައްޔިތުންގެ ކުރިމަގު ބިނާކުރަން ފެއްޓެވީމާ ހަސަދަވެރިކަމާއި ބޮޑާވެރިކަމާއި ކިބުރުވެރިކަމުގެ ސަބަބުން އެ ކަންކަން ކިލަނބުކުރަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް، އެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑުއެއްސެވުމުގެ ހިތްވަރު ހުރި، ރައްޔިތުންނާ ގާތުން މަސައްކަތްޕުޅު ކުރައްވާނެ އިހުލާސްތެރި ވެރިއެއް ކަމަށެވެ. ފަހުގެ ތާރީހެއްގައި މި ވަރުގެ ކެރިވަޑައިގަންނަވާ ވެރިއަކު ރާއްޖެ ދެކެފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މި ވަރުގެ ވެރިއެއްގެ ވެރިކަން ވައްޓާލަން އެންމެން ގްރޫޕް ހަދައިގެން "ބޮނޑިބަތް ކެއްކިޔަސް" ރައްޔިތުން އެ ފުރުސަތެއް ނުދޭނެ އެވެ.
ޕީޕީއެމުން ވަކިވެވަޑައިގެން ޔާމީން އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ އާ ޕާޓީގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ނުސީދާކޮށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އޭނާ އަދިވެސް ހުންނެވީ ފުރަތަމަ ސިޔާސީ ހަޔާތުގެ ފުރަތަމަ ދުވަހު ވެސް ހިޔާރުކުރި ފިކުރުގެ މަތީގައި ކަމަށެވެ.
"އަޅުގަނޑުމެން ވަކި މީހެއްގެ ފަހަތަކުން ނުދާނެ. އަޅުގަނޑުމެން ދާނީ ފިކުރުގެ ފަހަތުން. އެގޮތަށް ތިބޭފުޅުން ވެސް ވަކި ބޭފުޅެއްގެ ފަހަތުން އުޅޭނެ ކަމެއް ނެތް. ފިކުރެއްގެ ފަހަތުން ދާން ވާނީ،" އޭނާ ވިދާޅުވި އެވެ.
އެއީ ރައްޔިތުންނަށްޓަކާ ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމުގެ ފިކުރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުލްރަހީމް އަބްދުﷲ.-- ފޮޓޯ: ރައީސް އޮފީސް
އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަސީގެ ނިޒާމެއްގެ ތެރެއިން ވެރިޔަކު އިންތިހާބު ކުރަނީ ވެސް ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމަށް ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވެސް ރައްޔިތުން ނިމުމަކަށް ގެނައީ، އެ މަނިކުފާނުގެ އިހުލާސްތެރިކަން ނެތުމުން، ރައްޔިތުންނަށް އޮތް ބާރުގެ ބޭނުންކޮށްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ކުނިވެ ފުޅަ އެޅީ ކޯއްޗެއްގައިކަން އަބްދުﷲ ޝާހިދަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ކާޕެޓަށް ދަން ދެން އޮތީ ފުޅަ އަޅައިފައި. އެހެންވީމާ ރައްޔިތުން ބުނީ ނޫނެކޭ،" އެމްޑީޕީގެ އާ ރައީސް އަދި ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދަށް ވެސް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ސަބަބުތަކަށްޓަކާ އަންނަ މަހު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ފުރިހަމަ އަޣުލަބިއްޔަތު ހޯދައިދިނުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިކުރާ
28 February 2024
އެންމެންވެސް ދަންނަނީ އެންމެ ފިކުރެއް. އެއީ ވެރިކަމުގެ ފިކުރުގެ ފަހަތުން ދުވުން. އެ ފިކުރުގެ ފަހަތުން އެންމެންވެސް ދާނެކަން އަރާ ކޮންމެ ވެރިކަމަކުން ފެންނަނީ. ތި މީހުން ބަލިވެ ބާކީވެ އެހެން ވެރިއެއްގެ ފަހަތުން އެންމެން ދާތަން ފެންނަ ދުވަހު އެނގޭނެ ފިކުރުގެ ފަހަތުން ދިއައިމަ އިހްސާސްވަނީ ކިހިނެތްކަން. އެދުވަހު ނުބުނާނެ ތިމަންނައަށްވުރެ ގައުމު ބޮޑުވާނެއޭ ފިކުރުގެ ފަހަތުން ދާށެކޭ.
އަންދަލޫސިޔާ
28 February 2024
ހުސް ގޮނޑީގެ ބޭނުން ކެނޑިއްޖެ!
ޓިނު ތީ ކާކު؟؟؟
28 February 2024
ކަލެއަކީ ކާކު، ސަނާ ކިޔައިގެން ތިހިސާބުގަ ތިހުރީ، މީހާގެ ފެންވަރަކީ ދަރުމާރުކޭޓް ކޮލެޓީ، އަނގަ އެހާ ހުތުރު، ނުހޮވުނު ރައީސަށް ބަވާ ވީޑިއޯ މިހާރުވެސް ސޯސަލްމީޑިއާގަ އެހުރީ، އޭރުގެ ތިމާ ޖާނުދޭން ހުރި ލީޑަރު ދިފާއު ކޮށްފަ، ކަލޭ ހިޔަޅަކަށް ވެސް ޖާނު ދޭނަން މިލިއަނުން ލިބޭނަމަދޯ.
މިހާތަނަށް
28 February 2024
ޕީއެންސީއަކީ އުފެދުނީއްސުރެ އެއްވެސް ފިކުރެއް އޮތް ޕާޓީއެއް ނޫން. ދިމާވި ޚާއްސަ ހާލަތެއްގަ އުފައްދަންޖެހުނު ހުސްތޮށިގަނޑު ޕާޓީއެއް އަސްލު ތިއީ. އެ ޕާޓީގެ ހުންގާނާ ހަވާލުވެގެން ހުރެ ހުރެ ގައުމުގެ ވެރިކަން ކުރުމުގެ ޚިޔާލު އައީ. މިހާރު ތިއީ ފިކުރެއް ކަމަށް ކިޔަސް ޕާޓީއެކޭ ކިޔަސް ޕީއެންސީއަކީ އަސްލު ހަގީގީ ޕާޓީއެއް ނޫން. އެއީ އެކްސިޑެންޓަކުން އުފެދުނު ބެކަޕް ޕާޓީއެއް. ޕާޓީ އުފައްދަދިން މީހާގެ ބޭނުންކޮށްފަ ވެރިކަން ލިބުނީމަ އެއްލާލި ޕާޓީއެއް.
ކުނިބެ
28 February 2024
ރަގަޅުވާހަކަ ފުޅެއް ،ފިކުރުގެ ފަހަތުން ދަތުރުކުރިއަސް ،ރައްޔިތުން ދެކޮޅު ހަދާ ރަތްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރަން ރަތްޔިތުން ބޭނުން ފުޅެއް ނުވޭ ،މިގޮތުން 130 ހާސް ލިބެން އޮންނަ ތަނެއްގައި 60 ހާސް ވަރު ނަހަމަގޮތުގައި ރަތްޔިތުންގެ ފައިސާ ކާލުމަކުން ،ރަތްޔިތުން ގަބޫލެއް ނުކުރާނެ،ހަމަ ތިދެއްކެނީ ކިބުރުވެރިޔާގެ ސިފަ ކިހިނެއްތޯ ވާނީ އަމިއްލަ މީހާގެ މިދެންނެވި ސިފަ ބުނެލުން.
ދަސދ
28 February 2024
ތައިލޭންޑަށް ދަތުރުކުރާނެކަމަށް ބުނީ ދެވުނީ ލަނކާއަށް، އިންޑިއާ ސިފައިން ބާލާނެކަމަށް ބުނީ، ބޭލުނީ ހެދުން
އެކްސްް
28 February 2024
މިއީ ތިމަންނައަކީ ޔާމީނަށް އެންމެ ވަފާތެރި މީހާއޭ ކިޔައިގެން މިހުރިހާ ދުވަހު އުޅުނުމީހާ. ހަގީގަތުގައި އުޅުނީ އަޑިއަޑިން މުއިއްޒާއި ޑީލް ހަދައިގެން ވެރިކަމަށް އަންނަން.
ގތގރތޔ
28 February 2024
މަބުނީ އެކަމަކު ވެރިކަން ހޯދަން ވީމާ ޔާމީނާ ހުސްގޮނޑިޔާ އޯކޭ.. ދޯ؟؟
ބެނަރުޖީ
28 February 2024
"ހަރާން ހުކުމް" ޖަހައިގެން މަގުމަތީ ދުވި މީހާގެ ހާލު މިއީ. ރަގަޅަށްވެސް ޔާމީނަށް މީހުނެއް ނޭގުނު. އަދުރޭ އެންޑު މުއިއްޒު ވަރެއްނެތް.
ދދަދި
28 February 2024
އިންސާނާއަކީ އަބަދުވެސް މަޤާމާއި ފައިސާގެ ފަހަތުން ދުވާމީހެއްކަން މި އެނގެނީ.