28 ފެބުރުއަރީ 2024 - 14:39
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ހަމަނުޖެހުން ހިންގިޔަސް، އެ ކަން ހުއްޓުވަން ސިފައިންނަށް މެމްބަރެއްގެ ހަށިކޮޅުގައި އަތް ލެވޭނީ މަޖިލީހުގެ ރައީސް ހުއްދަ ދެއްވުމުން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމަށް މިދިޔަ މަހުގެ 28 ގައި ބޭއްވި ޖަލްސާތަކުގައި ސަރުކާރުގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގައިފަ އެވެ.
ޖަލްސާ ކުރާ މާލަމުގައި މެމްބަރުންގެ މެދުގައި މާރާމާރީތައް ހިންގައި، ބައެއް މެމްބަރުންނަށް ބޮޑެތި އަނިޔާތައްވެ ހޮސްޕިޓަލުގައި ފަރުވާ ވެސް ވަނީ ދީފަ އެވެ.
އެ ދުވަހު މަޖިލީހުގެ އެތެރެ އާއި ބޭރުގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންނާއި ސިފައިން ޒިންމާ އަދާކުރިތޯ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ބަލަމުން އަންނަ އިރު، މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވަނީ ތަޅުމުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި، މަޖިލީހުގެ ރައީސަށް ނުރައްކާވާ ހިސާބަށް ދިޔައިރު މަންޒަރު ބަލަން ސިފައިން ތިބީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ މަޖިލީހުގެ ރައީސްގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ސިފައިން އަދާކުރާ ޒިންމާ މަޖިލީހުގެ ތަޅުމާ ހަމައިން އާންމުކޮށް ނިމޭ ކަމަށެވެ. އަދި މީގެ ކުރިން މަޖިލީހުގެ ކުރިން ހިނގާފައިވާ ކަންތައްތަކަށް ބަލާފައި، ތަޅުމުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިން ހަރަކާތްތެރިވާނީ މަޖިލީހުގެ ރައީސް އެދިވަޑައިގަތުމުން ކަމަށެވެ.
"...ތަޅުމުގެ ތެރެއިން މެމްބަރުން ފިޒިކަލީ އަޅުގަނޑުމެން [ސިފައިން] ހުއްޓުވަން ހަރަކާތްތެރިވާނީ މަޖިލީހުގެ ރައީސްގެ އިންސްޓްރަކްޝަނެއް އައިމަ،" ޣައްސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ދުވަހު މަޖިލީހުގެ ތަޅުން ހޫނުވުމުން، މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ތަޅުމުގެ ސަލަމާތީ ކަންކަން ބަލަހައްޓަން ސިފައިން ފަހުން ވަނީ ހަރަކާތްތެރިވެފަ އެވެ.
މިދިޔަ މަހުގެ 28 ގައި ދައުރުން ބޭއްވި މަޖިލިހުގެ ޖަލްސާއެއްގައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުން ހަރަކާތްތެރުވަނީ.
އެ ދުވަހު ތަޅުމުގައި އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލުމާ ގުޅިގެންނެވެ. ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެ އެވެ.
ނަމަވެސް، އޭގެ ފަހުން ވެސް މެންބަރު އީސާ އާއި ޝަހީމާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ޝަހީމަށް އަނިޔާވީ އީސަ، އޭނާގެ ގައިގައި ކަކޫ އަޅުވައި އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުންނެވެ. ޝަހީމްގެ ކަންފަތް ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އެ ހަމަނުޖެހުން ހުއްޓުވަން ބައެއް މެންބަރުން މަސައްކަތް ކުރެއްވި އެވެ. ޝަހީމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުނެވެ.
އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ.
އެ ދުވަހު ތަޅުމުގައި ހިނގި މާރާމާރީގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންމަނިކުބޭ
28 February 2024
ދެންއެންމެ ރަގަޅު. ހަށިކޮޅުގަ އަތެއްނުލެވޭ. ތިންހަތަރު މެންބަރަކުވެގެން ވަކިން އިންމެނބަރަކު މަރާލިޔަސް ހަމަ ހަށިކޮޅުުގައި އަތްނުލެވޭނެތާ. ބަލަ ތިތަނަކީ މިހާރު ފުލުހުން މުގުރު ހިފައިގެން ވަދެތިބެންޖެހޭތަނެއް. ރޯއަވަގުރާނަ އެބަކިޔާ، މާރާމާރީ އެބަހިންގާ ،،މ އެބައުޅޭ ދެންކޮށް ހަށިކޮޅެއްބާ މިއުޅެނީ
އަބްޑޫޅް +
28 February 2024
މަދަނީ ހަމަނުޖެހުން ހުއްޓުވުމަކީ، ފުލުހުންގެ ކަމެއް. ގާނޫނާއި ގަވާއިދާ އެއްގޮތަވާގޮތުގެ މަތީން ކުއްލި ހާލަތެއް، ނުވަތަ ހަނގުރާމައެއް އިއުލާނު ކުރެވިގެން މެނުވީ، އެއްވެސް ކަހަލަ ހަމަނުޖެހުމެއްގެ ތެރެއަށް ސިފައިން، ނުވަތަ، އެ ނޫންވެސް އަސްކަރީ ބާރެއް ވަދެ، އެ ހަމަނުޖެހުމަކާއި ބެހިގެން ނުވާނެ.
އަޅި އަލީ
28 February 2024
މަޖްލީސް ބާއްވަން އެއްމެ އެކަށީގެން ވަނީ ގުޅަކުޅޭ ފަސްގަނޑު!
އައްމަޓީ
28 February 2024
ތިތަނަކީ ސިފައިންނާއި ފުލުހުންވެސް ތިބެންޖެހޭ ތަނެއްނޫން، އެމީހަކާއެމީހަކު ހަނގުރާމަ ކުރީމަ ނިމުނީ
އަލީ123
28 February 2024
"މެމްބަރެއްގެ ހަށިކޮޅުގައި" ހާދަހާވާ މާތް ބައެކޭ. މިމީހުން މާތް މީހުންގެ ލިސްޓުގަ ހިމެނޭނަމަ ކަކުލު ހުޅުން ވާގޮ ގޮސްގެން އުޅޭމީހުންވެސް އެލިސްޓުގަ ހިމެނޭނެ.
ކަހެރުވައް
28 February 2024
މަށަށް ހަމަ ހެވެނީ ހެސްކިޔާފަ. ތަޅުމުގަޔާ ސީލިންގަޔާ މޭޒުމަތީގަ ހަމަނުޖެހުން ހިންގީ ސިފައިންތަ؟ ހަމަނުޖެހުން ހިންގިމީހުން ފާޑުފާޑުގެ ކޮމެޓީތަކާ އެއްޗިހި ހަދައިގެން މައްސަލަ ބެލުން މިއީ މަޖިލީހުގެ ޖޯކުކަން ހާމަވާކަމެއް ނޫންތަ؟ ހަމަނުޖެހުން ހިންގީ ހަމަ ތި އިއްޒަތްތެރި މީހުން ނޫންތަ؟ތި އިއްޒަތްތެރި މީހުން ހިންގާ ހަމަނުޖެހުމަކާ އެތާތިބި ސިފައިންނަކާ ކޮންކަމެއް؟
ބިންހުރާ
28 February 2024
އަސްލުވެސްދޯ. ދެން އެންމެ ސަޅިވާނީ ތިޔަ ކޮމިޓީގައި ޝަހީމާއި އީސަވެސް ހިމެނިފައި، އެދެމީހުން ނުހުއްޓުވީ ކީއްވެތޯ ޣައްސާނުއާ ސުވާލު ކުރުމުން.. މަޖިލީހުގެ ތަޅުމުގައި މެމްބަރުން ހިންގާ ޖަރީމާއަށްވެސް ޖަވާބުދާރީވާން ޖެހެނީ ޑިފެންސް މިނިސްޓަރ ވިއްޔާ