29 ފެބުރުއަރީ 2024 - 11:55
ޕެރިސް (ފެބްރުއަރީ 29) – ފްރާންސްގެ ރައީސް އިމަނުއަލް މެކްރޯން އާއި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީ ބައިވެރިވެ ވަޑައިގެންނެވި ޖާފަތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ފްރާންސްގެ ކެޕްޓަން ކިލިޔަން އެމްބާޕޭ ބައިވެރިވެއްޖެ އެވެ.
ފްރާންސްގެ ރިޔާސީ ގަނޑުވަރު، އެލީޒީގައި ބޭއްވި ފަރިއްކޮޅަށް އެމްބާޕޭ ދިއުމުން، އޭނާ އަށް އިސްވެ މަރުހަބާ ވިދާޅުވީ ވެސް މެކްރޯން އާއި ގަތަރުގެ އަމީރެވެ.
ޖާފަތުގައި ބައިވެރިވި ބައެއް އެހެން މީހުންނާ ހަވާލާދީ އާރްއެމްސީ ސްޕޯޓްސްއިން ބުނީ، އެމްބާޕޭގެ ކުރިމަގާ ބެހޭގޮތުން މެކްރޯން ސުވާލު ކުރި ކަމަށެވެ.
"ރެއާލް މެޑްރިޑާ އެކީ އަހަރެން އަދި އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރަން،" މެކްރޯން އަށް އެމްބާޕޭ ބުނިކަމަށް، އާރްއެމްސީ ސްޕޯޓްސްގައި ވެއެވެ.
\
މެކްރޯން، އެމްބާޕޭއާ ސަމާސާ ކުރައްވައި، ހިނިފުޅުވަޑުވަމުން ވާހަކަ ދެއްކެވި އެވެ.
"ކަލޭ [އެމްބާޕޭ] އާ ހެދި އަހަރެން އިތުރު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓޭނެ،" ސަމާސާ ކުރެއްވުމުގެ ގޮތުން މެކްރޯން، އެމްބާޕޭ ގާތު ވިދާޅުވި ކަމަށް ޖާފަތުގައި ބައިވެރިވި އެހެން މީހުންނާ ހަވާލާދީ އާރްއެމްސީ ސްޕޯޓްސްއިން ބުންޏެވެ.
ގަތަރުގެ ޝާހީ އާއިލާއާ ގާތް ޕީއެސްޖީގެ ރައީސް ނާސިރް އަލް ހަލީފީ އަށް އެމްބާޕޭ ވަނީ އޭނާ އެ ކްލަބް ދޫކޮށްލަން ނިންމާފައިވާކަން މިދިޔަ މަހު އަންގައިފަ އެވެ.
އެމްބާޕޭ ވަނީ ގަތަރުގެ އަމިރާ ވަކިން ބައްދަލު ކޮށްފަ އެވެ. އެ ބައްދަލުވުމުގައި ފުޓްބޯޅައާ ބެހޭގޮތުން ވާހަކައެއް ނުދައްކަ އެވެ. އާރްއެމްސީ ސްޕޯޓްސްއިން ބުނީ އެ ބައްދަލުވުމުގައި ގަތަރުގެ އަމީރު ވަނީ އިޒްރޭލާއި ފަލަސްތީނުގެ ހަނގުރާމައާ ގުޅޭ ގޮތުން އެމްބާޕޭއާ ވާހަކަ ދައްކައިފަ އެވެ. މެކްރޯން އާއި އެމްބޭޕާއާ ދެމެދު ވާހަކަ ދެއްކީ، މިއަހަރު އަމިއްލަ ގައުމުގައި ބާއްވާ އޮލިމްޕިކް ގޭމްސްއާ ބެހޭގޮތުންނެވެ.
އާރްއެމްސީ ސްޕޯޓްސްއިން ބުނީ މެކްރޯން އާއި ގަތަރުގެ އަމީރުހެ ޖާފަތަށް އެމްބާޕޭއަށް ދައުވަތު ދިނީ، މި ސީޒަނަށް ފަހު އޭނާ ޕީއެސްޖީ ދޫކޮށް، ރެއާލް މެޑްރިޑަށް ބަދަލުވާތީ ދެއްވި ފެއާވެލްއެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
01 March 2024
ތިޔަހެންދޭ ކެއުމަކުން މިއަޒުމެއް ނުގުޑާނެ
ބިޒިނަސް އިސް ބިޒިނަސް
29 February 2024
ފުރާސްސު އެފާޑަށް އުޅުނަސް ޤަތަރަށް އޯކޭތަ؟