ރައީސް ޑރ. މުހައްމަދު މުއިއްޒު: ދެވަނަ ފަހަރަށް ފާސްކޮށް މަޖިލީހުން ފޮނުވި ބިލް ތަސްދީގު ކުރުމުގެ ނިޔަތެއް ސަރުކާރުގެ ނެތް.
29 ފެބުރުއަރީ 2024 - 12:48
ރޯދަ މަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އެއް އިރެއްގައި ވެސް ބޭނުންވި ގޮތެއް ނޫން ކަމަށާއި އިންތިހާބު، ރޯދަ މަހުގެ ކުރިއަށް ނުބޭއްވުނީ ގާނޫނުއިސްލާހުކޮށްގެން އެކަން ކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ބޭނުން ނުވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މަހުގެ 17 ގައި ބާއްވާށެވެ. އެއީ ރޯދަ މަހުގެ ހަ ވަނަ ދުވަހެވެ.
އެ ދުވަހު އިންތިހާބު ބޭއްވުމާ މެދު ބޮޑު ބަހުސެއް އުފެދިފައިވާއިރު މަޖިލީހުން ވަނީ ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް ބިލެއް ވެސް ފާސްކޮށްފަ އެވެ.
މަޖިލީހުގައި މިއޮތީ އެމްޑީޕީގެ މެޖޯރިޓީ. ކޮންމެ ވެސް އަޑި ނޭނގޭ ސަބަބަކާ ހުރެ އެ ބޭފުޅުން ބޭނުމެއް ނުވި ރޯދައިގެ ކުރިއަށް އިންތިހާބު ޖައްސާކަށް. ނުދައްކައެއް ނުންތޯ އެ ވާހަކައެއް. -- ރައީސް
ރައީސް ވިދާޅުވީ އިންތިހާބު ރޯދައިގެ ކުރިން ނިންމައިދޭން އިލެކްޝަން ކޮމިޝަންގައި ވެސް އެދިވަޑައިގަތް ކަމަށެވެ.
"އަޅުގަނޑު ބޭނުންވީ މަޖިލީހުގެ އިންތިހާބު ރޯދައިގެ ކުރިން ބާއްވަން. އެއީ ރޯދައިގެ ތެރެއަށް ދިޔުމަކީ ރައްޔިތުންނަށް ދަތި އުނދަގޫވާނެ ކަމަކަށްވާނެތީ،" ނ. ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރޯދައިގެ ކުރިން އިންތިހާބު ބޭއްވެން އޮތީ ގާނޫނަށް ބައެއް ބަދަލުތައް ގެނެސްގެންނެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެކަން ކޮށްދޭން ބޭނުން ނުވީ ކަމަށް ވިދާޅުވި އެވެ.
"ގާނޫނު އިސްލާހު ކުރަން އެ ބޭފުޅުން އެއްބަސްނުވި ސަބަބު ކިޔައިދެއްވަން އެބަ ޖެހޭއެއްނޫންތޯ؟ އަބަދުވެސް މި އިވެނީ ރޯދައިގެ ތެރޭގައި ބޭއްވީމަ ރައްޔިތުންނަށް އުނދަގޫވާނެއޭ. އެހެންވީމަ ކީއްވެތޯ އަވަސްކޮށްލަ ނުދިނީ؟، އަވަސްކޮށްލި ނަމަ، އެ މައްސަލަ ހައްލުވާނެ ނޫންތޯ؟،" ރައީސް ވިދާޅުވި އެވެ.
ރޯދަ މަސް ތެރޭ އިންތިހާބުތައް ބޭއްވުމަކީ އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކުރީ ވެސް އަޅުކަމަށް ވަގުތު ދޭންވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، މިހާރު އޮތް ގޮތުން އަޅުކަމުގެ ވަގުތުގައި ވެސް އުޅެންވީ ކެމްޕެއިންގައިތޯ ރައީސް ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑު ގާތު ނުރަސްމީކޮށް އިލެކްޝަން ކޮމިޝަނުން އެއްސެވީމަ އަޅުގަނޑު ދެންނެވިން އެދެމޭ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ނުވާ ކަމަށްވާ ނަމަ، ރޯދައިގެ ކުރިން އިންތިހާބު ބާއްވަދޭށޭ. އެއް ދުވަސް ކުރިއަށް ވިޔަސް ވަރިހަމައޭ ބާއްވަދޭށޭ. ދެން އެ ބޭފުޅުން އެދުނީ މަޖިލީހުގައި،" ރައީސް ވިދާޅުވި އެވެ.
"މަޖިލީހުގައި މިއޮތީ އެމްޑީޕީގެ މެޖޯރިޓީ. ކޮންމެ ވެސް އަޑި ނޭނގޭ ސަބަބަކާ ހުރެ އެ ބޭފުޅުން ބޭނުމެއް ނުވި ރޯދައިގެ ކުރިއަށް އިންތިހާބު ޖައްސާކަށް. ނުދައްކައޭ ނުންތޯ އެ ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެންބަރުން އޮޕަރޭޓް ކުރަނީ އެހެން ބައެއްގެ ބާރުގައި ކަމަށާއި އެ ބޭފުޅުންގެ "ޖޮއިސްޓިކް" އޮތީ އެ ބާރުގެ ދަށުގައި ކަމަށެވެ. ބައެއް މެންބަރުން އަމަލު ކުރަމުން ދަނީ ޕަޕެޓްތަކެއްގެ ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މާޗް 17ގައި އިންތިހާބު ބާއްވަން ނިންމި ފަހުން، ރައްޔިތުންގެ މަޖިލީހުން ވަނީ އެމްޑީޕީން ހުށަހަޅައިގެން ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް ބިލެއް ފާސްކޮށްފަ އެވެ. އެ ބިލް ތަސްދީގު ކުރަން ފޮނުވުމުން ރައީސް ވަނީ އެ ބިލް ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ އަނބުރާ ފޮނުވާލައްވައިފަ އެވެ. އިއްޔެ މަޖިލީހުން ވަނީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކޮށްފަ އެވެ.
ދެވަނަ ފަހަރަށް ފާސްކޮށް ބިލެއް ފޮނުވުމުން އެ ބިލެއް ރައީސް ތަސްދީގު ކުރަން ލާޒިމްވީ ނަމަވެސް، މިހާތަނަށް ރައީސް އެ ބިލް ތަސްދީގު ނުކުރައްވަ އެވެ. ގާނޫނުއަސާސީއާ ހިލާފަށް މެންބަރުންގެ އަދަދު ގުނައިގެން ނިންމާ ނިންމުންތައް ބަލައިނުގަންނަ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
އިންތިހާބާ ބެހޭ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ ގަވައިދަށް ފަހުން ގެނައި އިސްލާހާ އެއްގޮތަށް، ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަަލައިގެންނެވެ.
ނަމަވެސް، ބަންޑާރަ ނައިބު އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ހުކުމް ކުރީ މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުގުނައި، ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށެވެ.
ނަމަވެސް، މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ބާތިލްކޮށް އަލުން އެހެން މާއްދާތަކެއްގައި އެ އިސްލާހުތައް ލިޔެފައިވާތީ، މައްސަލާގައި ބަޔާންކޮށްފައިވާ މާއްދާތައް މިވަގުތު ވުޖޫދުގައި ނެތުމުން ކޯޓަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީއެންސީ
01 March 2024
ދޮގު ދޮލަނގު. އީސީ އިން ބުނެފަ އޮތީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭކަށް ނެތޭ. ރަސްމީކޮށް. ލަދު ހަޔާތް ކުޑަ އެއްނު. ނުރަސްމީޔޯ!!!
ސވލ
01 March 2024
ރޯދައިގެކުރިން ތިކަންކުރަންވެސް އަދި މިހާރު ތިކަންކުރަންތިއުޅެނީވެސް ރައްޔިތުންނަށް ކަލޭމެންގެނިޔަތްއޮޅި ބުރާންތިވެފަތިބި ވަގުތުގެބޭނުންކޮށް ދޮގާއި އޮޅުވައިލުމުން މަޖިލީސްވެސް ކާމިޔާބުކޮށް އެކަމުން ރައްޔިތުންގެ ނާޖާއިޒުފައިދާނެގުންނޫން ކޮންކަމެއްހެއްޔެވެ؟
ކޮބާ
29 February 2024
އިންތިހާބުގެ ތާރީހަށް އެއްޗެއް ރަސްމީ އަދި ނުރަސްމީކޮށް ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ބުނެވޭނެ ތަނެއް ނެތް. އީސީ އަކީ މިނިވަން ތަނެއް. އިސްލާހީ ބަދަލުގައި 2008ގެ ކުރިން ހޭކިލާފައި ނެތުމުން ރާއްޖެ ނުދަންނަ މިންވަރު މި ހާމަވަނީ
ޖެއްސު
01 March 2024
އެމްޑީޕީން ހުރިހާ ތަނަކާ ބެހޭ އެއީ ރަސްމީކޮއް އަދި ނުރަސްމީކޮއް ވެސް. ވަކިބަޔަކު ވީމަ އިސްތިސްނާ ވެގެން ނުވާނެ
ނޫނޭ.
29 February 2024
މުއިއްޒަކަށް ނޭނގޭތަ ގާނޫނު އޮތް ގޮތުން އެންމެ އަވަހަށް ވެސް ބޭއްވެނީ 17 މާރިޗުގަ ކަން؟ އެެހެންވެ އީސީއަށް އަވަސް ކުރެވެން ނެތީ.
ކިހިނެއް
01 March 2024
އެބުނީނު އަވަސްކުރަން ހުށަހެޅީމޭ. ޖެއްސުންކުރަން އަސްލު ލަސްކުރީ. މުޅިރޯދަމަސް މީހުގެ މަސް ކެއުމައް ވުރެން ރަނގަޅުވާނެ ކުރިން ނިންމާލިއްޔާ
އަވަސްކުރަނީޔޯ
29 February 2024
ވީހާވެސް އަވަހަށް ބާއްވަންއުޅޭ ސަބަބުވެސް ކިޔާލަދީ
ކިހިނެއްދޭނީ
01 March 2024
ރޯދަމަހު މީހުންގެ މަސް ނުކައި ވޭތޯ ބެލުން
ކިހިނެއް
01 March 2024
ރޯދަމަހު މިނި މަސް ނުކާން
ރައީސްއަށް ސުވާލެއް
29 February 2024
“ އަޅުގަނޑު ގާތު ނުރަސްމީކޮށް އިލެކްޝަން ކޮމިޝަނުން އެއްސެވީމަ ….”މި 5 އަހަރު ރައީސްއަށް ނުރަސްމީ ވަގުތެއް ނާންނާނެ އަދި ނުރަސްމީ ވާހަކައެއްވެސް ނުބުނެވޭނެ! ރައީސްކަން ކުރަނީ ހެނދުނު 08 އިން މެންދުރު ފަހު 2 އަށްނަމަ ރައްޔިތުންނަށް އެކަން އަންގާލަ ދެއްވިއްޔާ ވަރަށް ރަގަޅި.
ހަމަދޯ
01 March 2024
ނުރަސްމީ ކޮއް ވާހަކަ ނުދެއްކޭންވީ ސަބަބެއް ނިކަން ބާޔާންކޮއްލަ ދީބަލަ ރައީސް އަބަދު ރަސްމީކޮއް އެންމެނާ ކިހިނެއް ވާހަކަ ދައްކާނީ
ހގދ
29 February 2024
އެހެންވީމާ އިލެކްޝަން ކޮމިޝަނުގެ ޖޮއިސްޓިކް ތިޔައޮތީ މަނިކުފާނުގެ އަތުގަތާ. ރަސްމީ ކޮށް ވެސް ނުރަސްމީ ކޮށް ވެސް މަނިކުފާނު ކުރެން އަހަން ޖެހޭ ކަމެއް ނޫން ތީކީ. އީސީ އަކީ މިނިވަން މުސްތަޤިއްލު ތަނެއް. އެތަނުން ކުރާހާ ކަމެއް ކުރަން ޖެހޭނީ މިނިވަން ކަމާ އެކު.
ކިހިނެއްދޭނީ
01 March 2024
ހުރިހާ މުއައްސަސާތަކުގެ ވެރިންނައް ވާހަކަ ދެއްކުން މަނާ ސަބަބު ކިޔާދީބަލަ
ނިލިސް
29 February 2024
ރޯދައިގެ ފަހުން ބޭއްވުމުން ދިމާވާ މައްސަލައަކީ ކޮބާތަ؟
ރޯދަ
01 March 2024
ރޯދަމަސް އެއްކޮއް މީހުންގެ މަސް ރޯދަ ވިއްލަން ލިބޭނީ
ހަމަދޯ
01 March 2024
ރޯދަމަހު މިނިމަސް ކެވުން ނޫންކަމެއް ނުކުރާނެއޭރުން
އައްބެ
29 February 2024
ރޯދައިގެ ފަހުން ބާއްވަން ތިކިޔާ ތާރީޚާއި މަ ދެކޮޅު. ސަބަބަކީ ރޯދަމަސް ކެންޕޭންގެ މަހަކަށް ހެދުމާއި ސްކޫލް ކުދިންގެ އޯލެވެލް އިންތިހާނަށް ކެމްޕޭނުގެ ސަބުން ހުރަސްއެޅުން. އަދި އިލެކްޝަނަށް ވޯޓުލާނެ މަރުކަޒު ހެދުމަށް ސްކޫލްތައް ނުލިބުނުން ޓެންޓު ޖެހުމަށާއި މިހާރު ހޯދާފައިވާ އޮފިސަލުންގެ ތެރެއިން މަދުވާ އޮފިސަލުން ހޯދައި އަނެއްކާ ޓްރެއިނިން ދިނުމަށް އިތުރު ފައިސާ ޚަރަދުވުން.
ޒުރައްޔާ
29 February 2024
އިންޑިޔާ އިން ލާރި ޓްރާންސްފާކޮށް ނިމެނީ ފަހުދިހައިގަކަމަށް ވެދާނެ. ދެން ގޮސް އީދުތެރޭ ލާރިބަހާލީމާ އެކަން އެ ނިމުނީ. މިފަހަރު ވާނެ ރަނގަޅު ފިލާވަޅެއް ދޭން ލާރިބަހާ ފާސިގުންނަށް.