29 ފެބުރުއަރީ 2024 - 18:57
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަ މަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރި ނިންމުމާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަން (އީސީ) އިން އަމަލު ކުރާނެ ގޮތެއް ބެލުމަށް މަޖިލީހަށް ހާޒިރުވާން އަންގައިފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމިޓީއަށް އިލެކްޝަން ކޮމިޝަންގެ މެންބަރުން ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.
މަޖިލީހުން އީސީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އިންތިހާބު ފަސްކުރުމުގެ ބިލް ދެވަނަ ފަހަރަށް ފާސްކޮށްފައިވާތީ، އިލެކްޝަން ކޮމިޝަނުން މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާ މެދު މަޝްވަރާ ކުރަން ކޮމިޓީ މެންބަރުން ބޭނުންވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ޕާޓީ، އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މަޖިލީހުން ފާސްކުރި ބިލަށް އަމަލު ނުކުރާ ނަމަ އިލެކްޝަން ކޮމިޝަންގެ މެންބަރުން މަޖިލިހުގެ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީކުރުވާނެ ކަމަށެވެ.
"އެކަން އެ ގޮތަށް ވާ ތަން ނުފެންނަ ކަމަށްވާ ނަމަ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް އިލެކްޝަން ކޮމިޝަންގެ އިތުބާރު ނެތް ކަމުގެ ވޯޓަކާ ހަމައަށް ދާން ވެސް،" ސަލީމް ވިދާޅުވި އެވެ.
އެއީ ގައުމު ހަމަ މަގަށް އެޅުމަށްޓަކައި ސަލީމް ވިދާޅުވި ގޮތުގައި، ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ މަޖިލީހުން ދެ ވަނަ ފަހަރަށް ބިލް ފާސްކޮށްފި ނަމަ އެ އަށް އަމަލު ކުރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާށެވެ. އެހެންވެ، އެ ދެ ޕާޓީން ބޭނުންވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އެ ބޭފުޅުންގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެވެ.
އެ ބިލް ތަސްދީގު ނުކުރަން ރައީސް ނިންމެވީ މައިގަނޑު ފަސް ސަބަބެއްގެ މައްޗަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެ ބިލް މިހާރު އޮތް ގޮތުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ފުށުއަރާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް، އެކަން ދިރާސާ ނުކޮށް މަޖިލީހުން ދެވަނަ ފަހަރަށް ވެސް ނިންމީ ބިލް އޮތް ގޮތަށް ފާސްކުރުމަށެވެ.
އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ.
ނަމަވެސް ނަމަވެސް، ބަންޑާރަ ނައިބުގެ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފު ކަމަށާއި އެގޮތަށް ބަލައިގެން ނިންމި ކޮންމެ ނިންމުމެއް އެއީ ސައްހަ ނޫން ނިންމުމެއް ކަމަށެވެ.
ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
01 March 2024
ހާޒިރުކޮށްގެން ބަލާބަލަ އިންތިހާބަކާ ނުލާ ކަލޭމެންނަށް ތިޔަތާ އުމުރަށް ތިބެވޭނެ ގޮތެއް އޮތްތޯ!
ހުދުގިރުވާން
29 February 2024
ބިރު ދެއްކުން. މަޖިލީހަކަށް ވެސް މިނިވަން މުއައްސަސާތަކަށް އަމަލުކުރަންވީ ގޮތެއް ނޭންގޭނެ. ދައުލަތުގެ 3 ބާރާ ވަކިން މިނިވަން މުއައްސަސާތައް އުފައްދާނީވެސް އެ 3 ތަނާ ނުބާއްސައި ކަންކަން ކުރަން. ނަމަވެސް މި މަޖިލީހުން އުމުރު ހޭދަކުރަނީ އޭސީސީއާ އީސީއަށް ބިރުދެއްކުމުގަ
ބާބް
29 February 2024
ގައުމަކީ އެމްޑީޕީން ތި މަޖުލީހުގައި އުޅޭ މެންބަރުންތަ؟ ބަލަ މިހާރު ބައިމަދު ބަޔަކީ އެމްޑީޕީއޭ. ދޮގާއި މަކަރާއި އޮޅުވާލުމާއި ފައިސާ ބަހައިގެންވެސް ރައްޔަތުން ގަބޫލުނުކުރި ބަޔެކޭ ތިޔައީ. ރޯދަމަހުގެ ފަހުން އިންތިޚާބު ބާއްވަން ތިގާނޫނު ހެދި އިރު ނުނިންމީ ރޯދަމަސް އަންނަކަން ނޭނގޭތީތަ. ސަރުކާރަށް ގޮވާލަން ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފައިސާ ހަމަޖައްސައި ނުދިނުމަށް. ތި ސަލީމަކީވެސް ކޮރޮޕްޝަންގެ ބޮޑެއް. ދާއިރާޔަށް ހުރިހާ ކަމެއްކުރަނީ ކޮރަޕްޝަނުން
އަސްލު...
29 February 2024
ރައީސް އާއި މަޝްވަރާކުރެއްވީ ރައީސްތޯ އޮޅުފިލުވަން ބޭނުމީ...
ކަނބުރުގެ
29 February 2024
މަޖިލީހުން ފާސްކުރާ ގާނޫނަކަށް ގާނޫނެއްގެ ސިފަ ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެގާނޫނެއް ތަސްދީގުކުރުމުން. ދެއިރު ދެދަޅަޔަށް އީސީ ހާޒިރުކޮށް ބިރުދައްކައިގެން ނުފޫޒު ފޯރުވައިގެން ގާނޫނާ ޚިލާފަށް ޢަމަލުކުރަން އީސީއަށް މަޖުބޫރުކޮށްގެން ބާއްވާ އިންތިޚާބަކީ ބާތިލް އިންތިޚާބެއް. އެމްޑީޕީން ގާނޫނުގެ ތަރަހައިގެ ތެރެއަށް ވަންނަންޖެހޭ. ނޫންނަމަ މިގައުމަށްވެސް އެމްޑީޕީއަށްވެސް ރަނގަޅު ނަތީޖާއަކާ ނޫން ކުރިމަތިލާން ޖެހޭނީ.
ބަލިމީހާ
29 February 2024
މިރާއްޖޭގައި މިނިވަން މުއައްސަސާ އެއް އެބަހުރިތަ؟ އޭރަކު ވެރިކަމުގައި ތިބޭ ބަޔަކު މޮޑޭ ފުށްގަނޑެއްހެން ކޮންމެފަހަރަކު އިލެކްޝަންސް ކަމިޝަންސް ވެސް އަދި ދެންވެސް ހުރިއްޔާ ހުރި ތަންތަން ހިނގަމުން ދާތަން މިފެންނަނީ.