އައްޑޫގެ ނަރުދަމާގެ މަޝްރޫއު ހަވާލުކުރުމަށް ފަހު އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް (ކ-3) ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
16 ފެބުރުއަރީ 2017 - 15:28
އައްޑޫގެ ފަސް ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް 244 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ޝީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގެ ނަރުދަމާ މަސައްކަތް ހަވާލުކުރީ އެމްޓީސީސީ އަދި ސްރީ ލަންކާގެ ސިއެރާ ކުންފުންޏަށެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ޒިޔަތެވެ. ސިއެރާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރު ޕީޑަބްލިއު ތިލަކަރަޓްނަ އެވެ. އެންވަޔަރްމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމެވެ.
ފަނަރަ މަސް ދުވަހުގެ ތެރޭގައި ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގައި ނަރުދަމާ އަޅަން 130 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ އެވެ. މި މަޝްރޫއުގެ ދަށުން 38 ކިލޯމީޓަރުގެ ދިގުމިނުގެ ނަރުދަމާ ވިއުގައެއް ގާއިމްކުރާނެ އެވެ. އޭގެ އިތުރުން 3387 ޓަނުގެ ސުވެރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ވެސް ބަހައްޓާނެ ކަމަށް އެންވަޔަރްމަންޓް މިނިސްްޓްރީން ބުންޏެވެ.
ހުޅުދޫ އަދި މީދޫ ނަރުދަމާގެ މަޝްރޫއު ސިއެރާ ކުންފުންޏަށް ހަވާލުކުރިކަމުގެ އެއްބަސްވުން ހަވާލުކުރަނީ -- ފޮޓޯ: އެންވަަޔަރްމަންޓް މިނިސްޓްރީ
ހުޅުދޫ އަދި މީދޫގައި ނަރުދަމާ އަޅަން 113 މިލިއަން ރުފިޔާގެ މަޝްރޫއު ސިއެރާ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ތެރޭގައި 31.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކުރުމާއި 1885 ޓަނުގެ ސުވޭޖްް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އެ ރަށްރަށުގައި ނަރުދަމާގެ މަޝްރޫއު ހިންގަނީ ރައްޔިތުން އެކަމަށް ވަރަށް ބޮޑަށް ބޭނުން ވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެކަން ކުރަން މީގެ ކުރިން އެކި ސަރުކާރުތަކުން ވެސް މަސައްކަތް ކުރި ކަމަށާއި އެކަމަކު ކާމިޔާބު މިވަނީ މި ސަރުކާރުގައި އެކަނި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ހަމަ ހަގީގަތުގައި ވެސް މި މަސައްކަތް ކުރެވިގެން ދާނޭ. މި މަސައްކަތް ކުރާނަމޭ. މިއީ އައްޑޫގެ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ނޫނޭ،" އައްޑު އަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ދެ މެމްބަރުން ކަމަށްވާ ފޭދޫ ދާއިރާގެ އިބްރާހިމް ދީދީ އާއި ހުޅުދޫ ދާއިރާގެ މުހައްމަދު ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި މި ހަފުލާގައި ތޯރިގް ވިދާޅުވި އެވެ.
އައްޑޫގެ މި މަޝްރޫއުތަކަށް ހަރަދުކުރަނީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ލޯނާއި ސަރުކާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން
19 February 2017
ހިތަދުއަކީ އައްޑޫގެ އެންމެ ބޮޑުރަށް. ހިތަދޫ ބާކީ ކޮށްލުމުން ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަން ހިތަދޫ ރައްޔިތުންނަށް ވަރަށް ސާފު.
ޝީޒާ
18 February 2017
އައްޑޫ ގެ ރަށްތަކުގެ ނަރުދަމާ ނިޒާމްގެ ވާހަކަ އަޑު އިވުނީމަ ވަރަށް އުފާވި. އެކަމަކު އާބާދީ އެންމެ ބޮޑު ހިތަދޫގަ ނަރުދަމާ ނިޒާމް އޮތީ ކިހާ ހިސާބެއްގަތޯ؟
ކުމަރާ
17 February 2017
ތިހޮޅިތަކުން ސީ ދައުރުވާން ފެށި ދުވަހަކުން ވޯޓް ދޭން ވިސްނާލާނަން.
ކުވާލާ
17 February 2017
އިންތިހާބުތައް ކައިރިވީމަ ތަންތާ ބިންގާ އެޅުމާ ސާވޭކުރުމާ ކަޑަޖެހުން ވަރަށް ބާރަށް ދާނެ
ބަނޑާ
17 February 2017
ކިތައްމެ މިލިއަނެއް ހަރަދު ކުރިއަސް ހަމަ ހަރާން އެއްމެ ވޯޓެއް ވެސް ނުލިބޭނެ.
ކާށި
17 February 2017
އަބަދުވެސް ކަމެއް ނުކޮށްދޭ. މިނޫން އަޑެއް އައްޑޫ މީހުންގެ ފަރާތުން ނީވޭ. މިނޫނީ ދުނިޔޭގަ ބަޔަކު ނޫޅޭ.
ބޮކިބުރުސް
17 February 2017
ވ. ސާފުކޮށް އެނގޭ އެއްޗެއް ބޯމަތިވަކަން.....ތިގޮތަށް އައްޑު އަތޮޅު ވިލިނގިލި ވެސް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ހުޅުވާދިން އެހެން ހަދަމުން ގޮސް ކިތައް އަަހަރު އެކަމަށް ވެސް ނެގި. ތި ނަރުދަމާ ތީ 2009 އަހަރު ހަދަން ނިއްމާފައި އޮތް ކަމެއް އަދިވެސް ފިނިހަކަ ދުވެލީގައި އައްޑޫގެ ކަމެއް ކުރަންވީމަ ކުރިއަށް މިގެންދަނީ.
މޫސަ
17 February 2017
ކޮބާ ފެނެކާ؟؟؟؟
މޫސާބޭ
17 February 2017
ޥަރަށް އުފާވި ޚަބރެއް.ުކރީގެ ދައުރުތަކުގެ މޝރޫޢުތައް ނިންމުމަކަށް ގެންދެވިފައި ނުވިނަމަވެސް މި ސަރުކާރުން ފައްޓަވާ ކޮންމެ މަޝްރޫޢެއްވެސް ނިންމަވާނެކަމުގެ %99.99 ޔަގީންކަން އެބައޮތް.
އަފިހުން ގޮއްޔެ
16 February 2017
200 މިލިއަނެއް ނޫން، 200 ބިލިއަން ރުފިޔާގެ މަޝްރޫޢު ފެށިއަސް ހެޔޮ، ވޯޓު ދެވޭކަށް ނެތޭ، ވޯޓު ދޭނެ ހަމަ އެއްވެސް ގޮތެއް ނުހައްދަވައެވެ. ވަރަށް ބޮޑަށް މާފު ކުރައްވާށެވެ.
ކީއްވެތަ
17 February 2017
އެކީއްވެހޭ ވޯޓް ނުދޭންވީ. ތަމެން ޓްވިޓަރޭ މެން އެންމެ ބޮޑަށް އެދުނު ދެކަން ކަމުގައިވާ ފާޚާނާ އާއި އަދި ބޯފެނުގެ ކަންކަން މިދިޔައީ ހަމަޖެހިގެން ނޫންތޭ.