ޔުނައިޓެޑާ ދެކޮޅަށް ގޯލު ޖެހުމަށް ފަހު ފޮޑެން (ކ) އުފަފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
04 މާޗް 2024 - 08:56
މެންޗެސްޓާ (މާޗު 4) - މެންޗެސްޓާ ސިޓީން ފަހަތުން އަރައި 3-1 އިން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި މެޗުގައި ދެ ގޯލު ޖެހި ފިލް ފޮޑެން އަލީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެޗުގެ ނުވަވަނަ މިނިޓުގައި މާކަސް ރަޝްފޯޑް އޭރިއާ ބޭރުން ކާމިޔާބު ކުރި ގޯލުން ފުރަތަމަ ހާފު ލީޑޫ ކުރީ ޔުނައިޓެޑެވެ. ނަމަވެސް ދެވަނަ ހާފުގައި ސިޓީން ވަނީ އެޓީމުގެ ފެންވަރު ދައްކާލައިފަ އެވެ. މި ހާފުގައި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ރެފްރީއާ ޒުވާބު ކުރުމުން ރީނދޫ ކާޑު ވެސް ދެއްކި އެވެ.
ފޮޑެންގެ ދެ ގޯލުން ސިޓީން ނަތީޖާ އަނބުރާލި އިރު، މެޗުގެ އިތުރު ވަގުތުގައި ތިންވަނަ ގޯލު ޖެހީ އާލިން ހާލަންޑެވެ.
ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗުގައި ފޮޑެން.-- ފޮޓޯ: އޭއެފްޕީ
"އޭނާ [ފޮޑެން] އަކީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ މިވަގުތު އޭނާ ކުރާ މަސައްކަތަށް ބަލާއިރު. ކިހާ މެޗެއް އޭނާ އެ ކުޅެނީ، ގަބޫލުކުރަން ވެސް ދަތިވޭ،" މިހާތަނަށް ލީގުގައި 11 ގޯލު ޖަހައި، ހަތް ގޯލު އެސިސްޓް ކޮށްފައިވާ ފޮޑެންގެ ކުޅުމާ މެދު ގާޑިއޯލާ ބުންޏެވެ.
މި ނަތީޖާއާ އެކު ސިޓީ ވަނީ ލީގުގައި އެއްވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ނުކުތުމުގެ ކުރިން އަމިއްލަ ކޮންޓްރޯލް ނަގައިފަ އެވެ. ލިވަޕޫލް ވަނީ ހޮނިހިރު ދުވަހުގެ ރޭ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ޑާވިން ނޫނޭޒް ޖަހައިދިން ގޯލުން 1-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ.
ލިވަޕޫލް އެއްވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. އެއް ޕޮއިންޓް މަދުން ސިޓީ އޮތީ ދެވަނައިގަ އެވެ. އަންނަ ހަފްތާ ރަށުން ބޭރުގައި ލިވަޕޫލް ބަލި ކޮށްގެން ސިޓީ އަށް އަލުން އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބަ އޮތެވެ.
މި ހަފްތާ ކުޅުނު އިރުތު ބައެއް މެޗުތަކަށް ބަލައިލާއިރު ނިއު ކާސަލް ޔުނައިޓެޑުން 3-0 އިން ވުލްވްސް ވަނީ ބަލި ކޮށްފަ އެވެ. ޓޮޓެންހަމުން 3-1 އިން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދިއިރު ޗެލްސީ އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
ލީގުގެ ތިންވަނައިގައި އޮތް އާސެނަލް މިރޭ ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުނައިޓެދް
04 March 2024
ސިޓީ އަކީ ޕުރިމިއަރ ލީގުގަ ލާރިން ކުޅޭ ޓީމް..
ލިވަފޭންސް ފޯކައިދޫ
04 March 2024
ރެފްރީ ކުޅޭނަމަ ސިޓީ ލިވަ މޮޅުވާނެ.މިފަހަރު ވެސް ރެފްގެ އެހީގަ ސިޓީން ލީގަ ނަގާނެ
ސަމްތިންގ
04 March 2024
ހަޖަމްކޮށްލާ ބްރޯ.މީ 2024 . ފާގަދިޔަ ބުއިޒަމާން ގޮއްސި މިހާރު.އޯކޭ
ނޫރާ އަލީ
04 March 2024
ހަޖަމް. ފާގީ ވަރަށް ހިނި އަންނާނެ ތިހެން ވާހަކަ ދައްކަންޔާ