ރިޔާސީ ޕްރައިމަރީގެ ކާމިޔާބީއަށް ފަހު ސަޕޯޓަރުންނާ ބައްދަލުުރެއްވުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލް ޓްރަމްޕް ވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ
06 މާޗް 2024 - 19:59
އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ "ސުޕަ ޓިއުޒްޑޭ" ޕްރައިމަރީގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ ވާދަވެރި ކެންޑިޑޭޓް ނިކީ ހޭލީގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯއްދަވައި ރިޔާސީ އިންތިހާބުގައި ރައީސް ޖޯ ބައިޑެންއާ ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ވާނެކަން ގާތްގަނޑަކަށް ކަށަވަރު ކުރައްވައިފި އެވެ.
ޓްރަމްޕްގެ ވެރިކަމުގައި އދ. އަށް ކަނޑައަޅާފައި ހުންނެވި މަންދޫބު އަދި ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ހޭލީ، 52، މިހާރު ވަނީ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ކެމްޕެއިން ހުއްޓާލެއްވުމަށް ނިންމަވާފައި ކަމަށް ވޯލްސްޓްރީޓް ޖާނަލް އާއި ސީއެންއެން އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ސުޕަ ޓިއުޒްޑޭގެ ޕްރައިމަރީތަކުގައި ޓްރަމްޕް ވަނީ 15 ސްޓޭޓްގެ ތެރެއިން 14 ސްޓޭޓަކުން ކާމިޔާބުކުރައްވައިފަ އެވެ.
އަނެއްކޮޅުން، ޑިމޮކްރެޓްސްގެ ޕްރައިމަރީތަކުގައި މިހާރުގެ ރައީސް ބައިޑެން، 81، ވެސް ވަނީ، މާބޮޑު ވާދަވެރިކަމެއް ނެތި ކާމިޔާބު ހޯއްދަވައިފަ އެވެ.
ކާމިޔާބީގެ އުފާ ފާޅުކުރެއްވުމަށް ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މިއީ "އުފާވެރި ރެއެއް، އުފާވެރި ދުވަހެއް" ކަމަށް ވިދާޅުވެފަ އެވެ. އުމުރުން 77 އަހަރުގެ ޓްރަމްޕް ވިދާޅުވީ މިއީ "ސުޕަ ޓިއުޒްޑޭ ކަމަށް ކިޔަނީ ސަބަބެއް އޮތީމާ" ކަމަށެވެ.
ޓްރަމްޕް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވީ ހަތް މިލިއަން ވޯޓުގެ ފަރަގުންނެވެ. އޭނާ އަކީ ދެ ފަހަރަށް އިމްޕީޗްކޮށްފައިވާ ރައީސަކަށް ވާއިރު ވެރިކަމުގައި ހުންނެވި އިރު އާއި އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ހިންގެވި އަމަލުތަކާ ގުޅިގެން ޖިނާއީ ހަތަރު ދައުވާއެއްގައި، 91 މައްސަލައެއް އޭނާގެ މައްޗަށް އެބަ އޮތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިޑެން
07 March 2024
ރިޔާސީ އިންތިޙާބުން މޮޅުވެއްޖެނަމަ ރަޝިޔާ އުފަލުން ފޮޅޭނެ.. މިހާރު ރަޝިޔާއިން ހިފާފައިހުރި ޔުކްރޭންގެ ހުރިހާ ބިމެއް ރަޝިޔާއަށްލިބުނީ..
ޓްރަމްޕް
08 March 2024
ނުހޮވުނަސް ރަޝިޔާއިން ތި ބިންތަކުން ފައިބާނެހެން ހިއެއްނުވޭ. އެމީހުން ބިންތަކަށް އަރައިގަނެގެން އުޅެނީ އެމެރިކާގެ ވެރިކަމަށް އަންނާނެ މީހަކު ބަލައިގެނެއްނޫން. އަދި ކޮންމެ މީހަކު އަޔަސް އެމީހުން ޖެހިލުމެއް ނުވާނެ.