07 މާޗް 2024 - 13:33
ލިވަޕޫލް (ފެބްރުއަރީ 7) - ފޯވާޑް މުހައްމަދު ސަލާހު އަނިޔާއިން ރަނގަޅުވެ އަލުން ޓީމާ ގުޅިފައި ވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ސަލާހަށް ވަނީ ޖެނުއަރީ މަހު އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅެނިކޮށް އަނިޔާވެފަ އެވެ. އެ އަނިޔާއިން ސަލާމަތްވެގެން އެނބުރި އައިސް މިދިޔަ މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ކުޅުނު ނަމަވެސް އެއަށް ފަހު ހުރީ ކުޅުމާ ދުރުގަ އެވެ.
"މޯ [ސަލާހު] އަހަރެމެންނާ އެކު ދަތުރުކުތި، ދެ ދުވަހު ޓްރެއިން ވެސް ކުރި. ވަރަށް ފިޓްކޮށް ހުރީ، އޭނާ ހުރުމަކީ ހިތްހަމަޖެހުމެއް. އޭނާ ވެސް ހުރީ ވަރަށް ހިްހަމަޖެހިފަ އަލުން ޓީމާ އެކު ފަރިތަކުރެވޭތީ،" ޔޫރޮޕާ ލީގުގެ ގަދަ 16 ގައި މިރޭ ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާގާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.
އުމުރުން 31 އަހަރުގެ ސަލާހު ވަނީ ލިވަޕޫލަށް މި ސީޒަންގައި މިހާތަނަށް 19 ގޯލު ޖަހައިދީފަ އެވެ. އޭގެ ތެރެއިން 15 ގޯލު ޖެހީ ޕްރިމިއާ ލީގުގައި ކުޅުނު 21 މެޗުންނެވެ.
ސަލާހު އަލުން ޓީމާ ގުޅިފައި ވާއިރު، މިޭގެ މެޗަށް ފަހު އަންނަ އާދިއްތަ ދުވަހުގެ ރޭ ލިވަޕޫލަށް އޮތީ ޕްރިމިއާ ލީގުގައި މުހިއްމު މެޗެކެވެ. ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އެ ރޭ ނުކުންނާނީ އެންމެ ޕޮއިންޓެއްގެ ފަރަގާ އެކު ދެވަނައިގައި އޮތް މެންޗެސްތާ ސިޓީއާ ދެކޮޅަށެވެ.
ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، ސްޕާޓާ ޕްރާހާއާ ދެކޮޅަށް ދެވަނަ ލެގު މެޗު ކުޅެ، ލިވަޕޫލަށް ދެން އޮންނާނީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.
ކްލޮޕް ބުނީ ސީޒަންގެ މިފަދަ ދަނޑިވަޅެއްގައި ސަލާހު ބޭނުންކުރުމުގައި އެޓީމުން ފަރުވާތެރި ވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy