12 މާޗް 2024 - 08:09
ރަށުގެ ހުޅަނގު ފަރާތުގައި ހުރި ގެއެކެވެ. ސަލާން ގޮވައިގެން ވެސް ޖަވާބެއް ނުލިބުމުން އެތެރެއަށް ވަންނަން ދިޔައިރު، ކުރުނބާގެ އެތެރެ ޖަރީކޮށްފައި ވަނީ އާމިނަތު ނާޒިމާ އާއި މުހައްމަދު ޝަރީފް ފޮޅުވަމުން އަންނަ ބޯގަންވިލާ މާތަކުންނެވެ. ވަކި ހިސާބަކަށް ދިޔަތަނާ، ޅ. ނައިފަރަށް އުފަން، އެކަމަކު މި ރަށު މީހަކާ އިނދެގެން މި ކޮޅަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ ނާޒިމާ އަތުވެއްޖެ އެވެ.
އަހަރެމެން މި އައި ބޭނުން ކިޔައިދިނުމުން، އިންޓަވިއު ދޭން އެއްބަސްވެއްޖެ އެވެ. އިރުކޮޅަކުން ފިރިމީހާއަށް ގުޅައިގެން، 53 އަހަރުގެ ޝަރީފް ވެސް ގެނެސްފި އެވެ.
އުފަންވިއިރު ވެސް އަޑުނީވޭ، ވާހަކަ ނުދެއްކޭ ދެމަފިރިންނަށް ވާތީ، މި އިންޓަވިއުގައި ނާޒިމާގެ ދެމަފިރިންނާ ވާހަކަދެއްކީ، އެ މީހުންގެ 11 އަހަރުގެ ފިރިހެން ދަރިފުޅު، ނާއިމް މުހައްމަދު ޝަރީފް މެދުވެރިކޮށެވެ.
ނާޒިމާ އަދި ޝަރީފް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މި ދެ މީހުން އެންމެ ފުރަތަމަ ބައްދަލުވީ ނައިފަރުންނެވެ. ޝަރީފްގެ އާއިލާގެ ބަޔަކު އެ ރަށުގައި އުޅޭތީ، ކިޔެވުމުގެ ބޭނުމާއެކު އޭނާ އެ ރަށަށް ދިޔައީ އެވެ. ނާޒިމާ ފެނުނީ އެ ހިސާބުންނެވެ. ނާޒިމާ ބޭނުންވެގެން އެ ވާހަކަ ޝަރީފް ބުންޏަސް، އެކަން ކުރާކަށް ނާޒިމާ ފުރަތަމަ ބޭނުމެއް ނުވި އެވެ. އެކަމަކު، ފޯނު ނަންބަރު ބަދަލުކުރުމަށްފަހު، އެކަކު އަނެކަކަށް ވާހަކަދައްކަން ފަށައި މާ ގިނަ ދުވަހެއް ނުވެ ކައިވެންޏަކާ ހަމައަށް ހިނގައްޖެ އެވެ.
ނާޒިމާ، އެ ދެމަފިރިން ދިރިއުޅެމުން އަންނަ ގެ، ސްނޯލައިޓްގައި އިންދާފައިވާ ގަހެއް ކައިރީގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ކައިވެނިކޮށްގެން މީގެ 14 އަހަރު ކުރިން މި ރަށަށް ބަދަލުވެ، އުޅެން ފެށީ ޝަރީފްގެ ބައްޕަގެ ގޭގަ އެވެ. އެކަމަކު، އޭރު ގެ ހުރީ އެންމެ ރަނގަޅު ފެންވަރުގައެއް ނޫނެވެ. އެކި މަސައްކަތް ކޮށްގެން ހޯދި އާމްދަނީ އަދި މީހުންގެ އެހީއާއެކު ދިރިއުޅެވޭ ފެންވަރަށް ގެ ވެސް ހެދިއްޖެ އެވެ.
ޝަރީފް މީގެ ކުރިން މަހަށް ދިޔަ އެވެ. ރާނައި ސިމެންތި ޖަހަން ވެސް ވަރަށް ފަރިތަ އެވެ. ރަށުގެ ވިޔަފާރިވެރިއެއްގެ އެހީގައި އޭނާ މިހާރު އަންނަނީ މި ރަށުގެ ބަނދަރު ފަރާތުގައި ގާޑިއަލެއް ހިންގައި، އެއިން އާމްދަނީ ހޯދަމުންނެވެ.
ކުޑައިރުއްސުރެ މަންމަ އާއި ބައްޕައާ އިޝާރާތް ބަހުން ވާހަކަދައްކާތީ ނާއިމަށް ފަރިތަކަމާއެކު ވާހަކަދެއްކެ އެވެ. އޭގެ ހަގަށް ހުންނަ ހަތް އަހަރުގެ ފިރިހެން ކުއްޖާ އަދި ނުވަ އަހަރުގެ އަންހެން ކުއްޖާއަށް ވެސް، މިއީ އަޑުނީވޭ އަދި ވާހަކަނުދެއްކޭ މައިންބަފައިންކަމުގެ އިހުސާސެއް ވިޔަކަ ނުދެ އެވެ.
ނާޒިމާ އަދި ޝަރީފް، އެ ދެމަފިރިންގެ ތިން ކުދިންނާއެކު. ސްކޫލުގައި ފާހަގަކުރި ދުވަހަކަށް، ހަގަށް ހުރި ދެ ކުދިން ލާފައިވަނީ ނާޒިމާ އަމިއްލައަށް ފެހި ހެދުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މި ރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި، ސްކޫލުގައި ކޮންމެ ކަމެއް ކުރިއަސް، އެކަމެއްގައި ނާޒިމާއަށް ވުރެ ކުރިން އިސްނަގާނެ އެހެން މީހަކު ނުހުންނާނެ އެވެ. އުނދަގޫތަކެއް ހުއްޓަސް، ދަރިންނަށް ކިޔަވައިދިނުމުގައި، މީގެ ކުރިން ދެ ކައިވެންޏެއް ކުރި ނާޒިމާ ވަމުން އަންނަ ގުރުބާނީ ބޮޑެވެ. އޭގެ ހެއްކަކަށް ނާޒިމާ ދެއްކީ، އޭނާއަށް ލިބިފައި ހުރި ސެޓްފިކެޓުތަކެވެ.
"ސްކޫލުގައި ކޮންމެ ދުވަހެއް ފާހަގަކުރިޔަސް، އެ ކަމުގައި އެންމެ ކުރީގައި ހުންނަ އެކަކަށް ނާޒިމާ ވާނެ." ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނާޒިމާގެ ދޮށީ ދަރިފުޅު ނާއިމް، އެ ކުއްޖާގެ މަންމައާ ވާހަކަދައްކަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ކްލާސް މަންދޫބު ކަމާއި ސްކޫލުގެ އެކި ކަންކަމުގައި އިސްނަގައި އެހީތެރިކަން ފޯރުކޮށްދީގެން އެކި ފަރާތްތަކުން ދީފައި ހުރި ސެޓްފިކެޓުތައް ރައްކާކޮށްފައި އެބަހުއްޓެވެ.
ނާޒިމާ، 46، އާއި ޝަރީފް ވެސް ބުނިގޮތުގައި، އެހެން މީހުންނަށް އިޝާރާތް ބަސް ނޭނގޭތީ މުއާމާލަތް ކުރަން ކޮންމެ ވެސް ވަރަކަށް އުނދަގުލެވެ. އެކަމަކު، ސްކޫލަށް ބޭނުންވާ ތަފާތު އެކި ވައްތަރުގެ އެއްޗެހި ތައްޔާރުކުރުމާއި ހެދުން ފަހައިގެން ނާޒިމާ މިހާރު ވެސް އާމްދަނީ ހޯދަ އެވެ.
އެ މަސައްކަތާ މެދު އޭނާ ވަރަށް ހިތްހަމަޖެހެ އެވެ.
ގޭތެރެ ސާފުކުރުމާއި ކެއްކުމަކީ ނާޒިމާގެ ކޮންމެ ދުވަހުގެ މަސައްކަތެކެވެ. ލިޔަންކިޔަން އެނގޭތީ، ކުދިންގެ ފޮތްތައް ބަލައި، ދީފައި ހުންނަ ފިލާވަޅުތައް އެ ކުދިން ލައްވާ ހަދުވަ އެވެ. ކިޔެވުމަކީ އޭނާއަށް މުހިއްމު ކަމަކަށް ވާތީ. ދޮށީ ދަރިފުޅަށް ރަނގަޅަށް ކިޔަވައިދިނުމުގެ ބޭނުމުގައި ނާޒިމާގެ ބައްޕަ ކައިރިއަށް މާލެ ވެސް ފޮނުވާލި އެވެ. އެކަމަކު، އޭނާ ނިޔާވުމުން ނާއިމް އަނެއްކާ ވެސް މި ރަށަށް ގެނެސް، ކިޔަވައިދޭން ފެށި އެވެ.
މި ހާލަތާ މެދު ކުޑަކުޑަ ނާއިމްގެ އެއްވެސް ޝަކުވާއެއް ނެތެވެ. ވާހަކަ ނުދެއްކޭ އަދި އަޑުނީވޭ މައިންބަފައިންނަކީ، ނާއިމް ގަބޫލުކުރާ ގޮތުގައި، މާތްﷲ އޭނާއަށް ދެއްވި ރަހުމަތެކެވެ. ނާއިމްގެ ބަހުން ނަމަ، "ވަރަށް ތަފާތު، ވަރަށް ޔުނިކް" މަންމަ އާއި ބައްޕަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީމު
12 March 2024
ﷲ ސުބުހާނަހޫ ވަތަޢާލާ ދެމަފިރިންނާއި ދަރިންނަށް ހެޔޮ ގޮތް މިންވަރު ކުރަށްވާށި. އާމީން
އައިމިނާ
12 March 2024
ޢާއިލާއަށް ކާމިޔާބީއަށް އެދެން. ދުޢާއަކީ އަބަދުވެސް އުފަލުގަ ލެއްވުން.
ރަދީފު ބިން ރަފައިދާ
12 March 2024
ޔުނީކް ފެމެލީއެއް. ކާމިޔާބު އޮތީ އެކުވެރިކަމާ ގަދަ މަސައްކަތުގާ.
ހާމިދު ޝާހިދު
12 March 2024
މާތް ﷲ މިދެމަފިރިންގެ އާއިލާއަށް އުފާފާގަތިކަން ދެއްވާށިއެވެ.
ޢަސްލު
12 March 2024
"ނާޒިމާ ފުރަތަމަ ބޭނުމެއް ނުވި އެވެ. އެކަމަކު، ފޯނު ނަންބަރު ބަދަލުކުރުމަށްފަހު، އެކަކު އަނެކަކަށް ވާހަކަދައްކަން ފަށައި މާ ގިނަ ދުވަހެއް ނުވެ ކައިވެންޏަކާ ހަމައަށް ހިނގައްޖެ އެވެ" ކުރިން ވާހަކަ ދެއްކޭތަ؟
އެއްބައިކިޔުން
12 March 2024
ލިޔަންކިޔަން އެނގެޔޭ ބުންޏެވެ.
މަބަލްދީބް
12 March 2024
ބަލަ މެސެޖް އަދި ވީޑިއޯ ކޯލްއަކީ ވެސް ކުރެވޭ އެއްޗެއްކަން ނޭނގޭދޯ؟
ރަދީފްއޮފިޝަލް
12 March 2024
ކިޔަމަންތެރި ، ވަފާތެރި އަދި ގެވެހި އަންބަކު ލިބުން އެއީ ދުނިޔެމަތިން ފިިރިހެނަކަށް ލިބޭނެ އެންމެ ބޮޑު އުފާ. މިކަމުގަ އަަހަރުމެން ޝަރީފްހާ ކާމިޔާބް ނޫންކަން އަހަރުމެންގެ ހަޔާތުގެ ކޮންމެ ސިކުންތެއް ބުނެދޭ. ޝަރީފަށް ބުނެލަން އޮތީ ތިގޮތުގަ ހަޔާތުގެ އޮޑި ދުއްވައި ކާމިޔާބް ޖީލެއް ބިނާކޮށް ހަގީގީ ބައްޕައެއްގެ ލަގަބް ހާސިލްކުރާށޭ. ގުޑް ލަކް. .ވ.ވެދުން
ދަލޭކަ ދައިތަ
12 March 2024
ތީ ހުރިހާ ފިރިހެނުން ދެކޭގޮތްނޫން ވީމަ ތިފަދަ ސިފަތައްހުރި ކިތަންމެ އަންހެނެއްގެ ހަޔާތް ތަކުލީފާ ވޭނުގައި އެކަނިމާ އެކަނި ދަރިންކޮޅާއެކީ ދޫކޮށްލާ އެހެން އަންހެނުންފެނި ހޭބުއްދި ފިލައިފައިވޭ. ނުލިބެންޏާ އޭގެ އަގު ވަޒަންކުރެވޭ ލިބިއްޖެއްޔާ ފައިފުއްސައްވުރެން އަގުދަށް. ޝަރީފުއާ ކައިވެނިކުރުމުގެ ކުރިން ނާޒިމާވެސް ދެކައިވެންޏެއްކޮށްފައިވޭ.
އަބުބީ
12 March 2024
ކިއުޓް ސްޓޯރީ. ތިޔަދެމަފިރިންނާ ދަރިންނަށް ބާއްޖަވެރި މުސްތަގުބަލަކަށް އެދެން.
ރަދީފްއޮފިޝަލް
12 March 2024
މައިންބފައިން އެއީ ނަމޫނާ ބައެއްނަމަ ރަނގަޅު ޖީލެއް ބިނާކުރެވިދާނެކަން އާމިނަތު ނާޒިމާ އާއި މުހައްމަދު ޝަރީފްގެ ހަޔާތުގެ ސަފްހާތަކުން ހާމަވޭ. ވ.ވެދުން
ބާބޫޖީ
12 March 2024
سبحان الله ، ނަސީބުވެރިންނަކީ މިއީ. ދެމަފިރިންގެ ދެމެދުގައި އޮންނަ ގަދަރު ގެއްލިއްޖެ ދެން އެންމެ ރަނގަޅުވާނީ ވަކިވީއްޔާ.
ހެޕީ
12 March 2024
ތިޔަ ދެމަފިރިންގެ އާއިލާއަށް މާތް ﷲ ބަރަކާތްލައްވާށި. އުފާވެރި ދުވަސްތަކަކަށް އެދެން.